މުއިއްޒުގެ ގިނަ ސިޔާސަތުތަކަކަށް ނަޝީދު ތާއީދުކުރައްވާ: ކުރުސީ
މުއިއްޒުގެ ކޮރަޕްޝަންގެ ވާހަކަ ސީދާ ގޮތެއްގައި ދައްކަން ފަސްޖެހެނީ ކީއްވެ
ސޯޝަލް މީޑިއާގައި ރާއްޖެއަށް މަޝްހޫރު ހަސަންކުރުސީ މީގެ ތަންކޮޅެއް ކުރިން އެމްޑީޕީގެ މެންބަރުން ދެވަނަ ވިސްނުމަކަށް ދާންޖެހޭފަދަ ހައްސާސް ވާހަކަތަކެއް ބަޔާންކޮށްފައިވެއެވެ. އެވާހަކަތަކާއި އެމްޑީޕީގެ މުސްތަގުބަލާއި ރާއްޖޭގެ މަސްލަހަތާ ވަރަށް ބޮޑު ގުޅުމެއްވެއެވެ. އެއްޔަކީ ސަމާސާ ވާހަކަތަކެއް ނޫނެވެ.
ޕީ.އެން.ސީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ކުރިން، އެމް.ޑީ.ޕީގެ މެންބަރުން އެ ޕާޓީގެ ލީޑަރޝިޕާ ދެކޮޅަށް އަޑުއުފުލަންޖެހޭކަމަށް މަޝްހޫރު ހަސަންކުރުސީ އެކައުންޓުން ބުނެއެވެ.
ހަސަންކުރުސީ ބުނާގޮތުން އެމް.ޑީ.ޕީ މިހާރު އޮތް ބަލިކަށި ހާލަތުގައި ދެމިއޮންނަނަމަ، އޭގެ ފައިދާ ލިބޭނީ ރައީސް މުޢިއްޒަށެވެ. "އެންމެ ފުރަތަމަ އެމް.ޑީ.ޕީ އިސްލާހު ކުރާށެވެ. ރައްޔިތުންގެ ކަނބޮޑުވުންތައް އުތުރިއަރަން ފެށުމުން، އެކަމަށް ވަގުތީ ހައްލެއް (ބޭންޑް-އެއިޑް) ރައީސް ނަޝީދު ހޯއްދަވައިދެއްވާކަށް ބޭނުމެއް ނޫން" ކަމަށް ކުރުސީގައިވެއެވެ.
އެންމެ ފަހުން ބޭއްވި ދަތިވެއްޖެ އިހުތިޖާޖަކީ ވެސް ހަގީގީ މަގުސަދެއް އޮތް ކަމެއް ނޫން ކަމަށް އޭރު ހަސަންކުރުސީ ބުންޏެވެ. ރާއްޖޭގެ ތައުލީމީ ޒުވާނުން އެމް.ޑީ.ޕީގެ ލީޑަރޝިޕުން ކުރިއަށްގެންދާ އެކަހަލަ ދަޅަދެއްކުމުގެ އިހުތިޖާޖުގައި ބައިވެރިނުވުމަށް ހަސަންކުރުސީ އޭރު ގޮވާލާފައިވެއެވެ.
ހަސަންކުރުސީގައި ބުނާގޮތުން ހަގީގަތަކީ ރައީސް މުއިއްޒުގެ ގިނަ ސިޔާސަތުތަކަކަށް ރައީސް ނަޝީދު ތާއީދުކުރައްވާކަމެވެ. އެގޮތުން ރައީސް ނަޝީދު ތާއީދު ކުރައްވާ ކަންކަމުގެ ތެރޭގައި "ހެންލީ އެންޑް ޕާޓްނާރސް އާއި ގުޅިގެން ހިންގާ ރެޒިޑެންސީ ޕްރޮގްރާމް ހިމެނެއެވެ. އިޔާދަ މަޝްރޫއަށް އެ ބޭފުޅާ ތާއީދު ކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ މީގެ އިތުރުން، ބީ.އެމް.އެލްގެ ޑޮލަރުގެ ސިޔާސަތަށް ނަޝީދު ތައުރީފު ކުރެއްވުމަކީ ރައީސް މުއިއްޒަށް ދެއްވި އެއްބާރުލުމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ޑޮލަރުގެ ރޭޓަށް ވެފައިވާ ގޮތް ބައްލަވާށެވެ." ހަސަންކުރުސީގައިވެއެވެ.
ހަސަންކުރުސީ ބުނެފައިވާ ގޮތުގައި އެންމެ ފަހުން ބޭއްވި ދަތިވެއްޖެ އިހުތިޖާޖަކީ ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލްގެ ނާގާބިލުކަމާ ބެހޭގޮތުން މީހުން ވާހަކަދައްކަން ފެށުމުން، އެ ބޭފުޅުންގެ އަބުރު ރައްކާތެރިކުރުމަށް ހިންގި ހަރަކާތެކެވެ.
އެ އިހުތިޖާޖުގެ ޝިއާރުކަމަށްވާ "ދަތިވެއްޖެ" އަކީ ކޮބައިތޯ ސުވާލުކުރަމުން ކުރުސީ ބުނެފައިވަނީ ތަކެތީގެ އަގު ބޮޑުވުމަކީ ދިވެހިން އަބަދުވެސް ކުރާ ޝަކުވާއެއްކަމަށެވެ. "އެމް.ޑީ.ޕީއާއި ރައީސް ނަޝީދު، ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ ވާހަކަ ސީދާ ގޮތެއްގައި ދައްކަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ ރަސްމާލެ މަޝްރޫއާ ބެހޭގޮތުން އެ ބޭފުޅުން ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ފަޅު ހިއްކުމަށް ދުވާލަކު އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ހަރަދު ކުރާއިރު އެ ވާހަކަ ދައްކާ އަޑެއް ނީވެއެވެ. ދަރިވަރުންގެ ލޯނުތަކާއި، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އެ ބޭފުޅުން ހަނު ތިއްބަވަނީ ކީއްވެ ހެއްޔެވެ؟ އައްޑޫ ލިންކް ރޯޑުގެ މަޝްރޫއު އެޖެންޑާގައި ނެތީ ކީއްވެ ހެއްޔެވެ؟" ކުރުސީގެ ސުވާލުތައް ބައިވަރެވެ.
ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާނެ ދެމެހެއްޓެނިވި، ހަރުދަނާ ރޭވުމެއް އެމް.ޑީ.ޕީގައި ނެތީ ކީއްވެތޯ އަހަމުން އެމް.ޑީ.ޕީގެ ލީޑަރޝިޕަށް ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު، ކުއްލިއަކަށް އެއް ދުވަހުގެ އިހުތިޖާޖެއް ފެންނަނީ އެހެންވެގެންކަމަށް ކުރުސީ ބުނެއެވެ.
ހަސަންކުރުސީ ޒުވާނުންނަށް ގޮވާލަނީ ނަޝީދުގެ ދަޅަދެއްކުމުގައި ނުޖެހުމަށެވެ. އެ ބޭފުޅުންގެ ސިޔާސީ ކުޅިބައިގެ މަނާފުކަކަށް ނުވުމަށެވެ. ބުއްދީގެ ބޭނުންކުރުމަށެވެ. އެމް.ޑީ.ޕީގެ ދުވަސްވީ ސިޔާސީ ބޭފުޅުން އަމިއްލައަށް ފަލީހަތްވާން ދޫކޮށްލުމަށެވެ.
ހަސަންކުރުސީ ބުނާ ގޮތުން އެ ވާހަކަތަކަކީ އެއީ އެމް.ޑީ.ޕީއަށް ދޭ ހަމަލާއެއް ނޫނެވެ. އެމްޑީޕީއަކީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އެ ޕާޓީ އިސްލާހު ކުރެވެން އޮތީ މިފަދަ ނާކާމިޔާބީތަކާ ބެހޭގޮތުން ބާރަށް އަޑުއުފުލައިގެންކަމަށް ކުރުސީ ބުނެއެވެ.




