ސަރުކާރަކީ ވެރިމީހާ ކިރުފެލަން އޮތް ގެރިއެއްނޫން
މުސާރަ ކުޑަކުރަންވީ މަޖިލިސް މެންބަރުންގެ އެކަންޏެއް ނޫން
ހަމަ މަގަށް އަޅުވަންވީ މަޖިލީހުގެ މެންބަރުންގެ އަދަދާއި އެމީހުންގެ މުސާރަ އެކަންޏެއް ނޫނެވެ. މުޅި ދައުލަތް ހަރަދުކުޑަ އެފެސެންޓް ދައުލަތަކަށް ހަދަންޖެހެއެވެ.
ދައުލަތުގެ ޒިންމާތަކާއި ސަރުކާރުގެ ޒިންމާތައް ވަކިން ލިޔެވި ތަރުތީބު ކުރެވެން ޖެހެއެވެ. ސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ލިޔެ ގަރާރު ކުރެވެން ޖެހެއެވެ. ވުޒާރާތަކުގެ މަސްއޫލިއްޔަތާ ގުޅިގެން އޮނިގަނޑު އޮންނާނެ ގޮތާއި އޮނިގަނޑަށް ބޭނުންވާނެ މީހުންގެ އަދަދާއި މަގާމްގެ ހައިރާކީ ސާފުކޮށް ލިޔެވެން އެބަޖެހެއެވެ.
މީހުނަށް ވަޒީފާ ދިނުމުގެ ބަދަލުގައި. ވަޒިފާއަށް މީހުން ހޯދުމުގެ އުސޫލަށް މުޅި ދައުލަތް ބަދަލުކުރަން ޖެހެއެވެ. ވަކިމީހެއް ވެގެން މުސާރައެއްދޭން މީހުނަށް މަގާމު ނުދެވޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރަން ޖެހެއެވެ.
ކުރިން ބުނިހެން ރައީސަށް ވުޒާރާ އުފެއްދޭނެ ވަރާއި ވަޒީރުން އައްޔަނު ކުރެވޭނެ ވަރެއްވެސް ނިންމަން ޖެހެއެވެ. ސިޔާސީ މަގާމު އުފެއްދޭނެ ވަރާއި ހައިރާކީއެއް ތަރުތީބުން ކަނޑައެޅިފާ އޮންނަން ޖެހެއެވެ.
ސަރުކާރަކީ އެންމެ ގިނަ ވަޒީފާދޭ ފަރާތްކަމުގައި އޮތް އޮތުން ބަދަލު ނުކޮށް. މުޅި ރައްޔިތަށް ވާނެ ރަނގަޅެއް ނެތެވެ. ސަރުކާރަކީ ރައްޓެހިންނާ ޕާޓީ މީހުނަށް ފަސް އަހަރުން ފަސް އަހަރުން ބޮޑެތި މަގާމުތައް ދީގެން ކިރުފެލަން އޮތް ގެރިއެއް ނޫނެވެ.