މާލެ ސަރަހައްދުން ގެދޮރުވެރިކަމަށް އަލުން ހުޅުވާލުމަކީ އަނިޔާއެއް

މާލެ ސަރަހައްދުން ގެދޮރުވެރިކަމަށް އަލުން ހުޅުވާލުމަކީ އަނިޔާއެއް

ގެދޮރުވެރިޔާ ސްކީމް ގެ ދަށުން އެތައް ބަޔަކަށް ފްލެޓް ހައްގުވާކަމަށް ސަރުކާރުން ކަނޑައަޅާ ވަނީ ގެޒުޓް ކޮށްފައެވެ. ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާ ގެޒެޓް ކުރި މީހުންގެ ތެރެއިން ފްލެޓް ލިބުނީ 4000 މީހުންނަށެވެ. ބިންވެރިޔާ ސްކީމުން 9000 މީހުނަށް ބިން ހައްގުވާ ކަމަށް ކަނޑައަޅާ ގޯތިދޭންވަނީ ނިންމާފައެވެ. 

ހަމައެހެން ގޯއްޗާ ފްލެޓް ދިނުމުގެ ދެވަނަ ބުރެއް އިއުލާނުކޮށް އުތުރު ތިލަފަޅުން ގޯތި ދޭން ސަރުކާރުން ނިންމިއެވެ. ދެވަނަ ބުރުގައި ގޯއްޗާއި ފުލެޓަށް އެދުނު މީހުންގެ ނަންތަކާއި ގޯއްޗާއި ފުލެޓު ހައްގު މީހުންވެސް އާއްމުކޮށް ވަނީ އިއުލާނުކޮށްފައެވެ. 

ބުނެވި ދިޔަ ހުރިހާ ނިންމުމަކީވެސް ދިވެހި ސަރުކާރުގެ ނިންމުމެވެ. އެއްޔަކީ އިބްރާހީމް މުހައްމަދު ސޯލިހު ނުވަތަ އެމްޑީޕީގެ އަމިއްލަ ނިންމުން ތަކެއް ނޫނެވެ. ވެރިކަން ކުރާ މީހާ އާއި ޓީމު ބަދަލުވުމަކީ ކުރިން ވެރިކަމުގައި ތިބި ބަޔަކު ނިންމުން ބަދަލު ވާންޖެހޭ ސަބަބެއް ނޫނެވެ.  

ކުރީގައި ވެރިކަން ކުރިބަޔަކު ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާކަން ޝަރުއީ ހުކުމަކުން ކަނޑަނާޅާހާ ހިނދަކު އެ އެއްވެސް ނިންމުމަކަށް ފަހުން އަންނަ ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ރައްޔިތުންގެ ތެރެއިން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރިން އޮތްގޮތްނޫން އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ވެރިކަމަށް އަންނަ ބަޔަކަށް ލިބިގެނެއް ނުވެއެވެ. 

ކުރީ ސަރުކާރުން ކުރި އިއުލާނަށް ގޯތި ގެދޮރަށް އެދި އެތައް ބަޔަކު ވަނީ ސަރުކާރަށް ހުށަހަޅާފައެވެ. އެ ހުށަހެޅުން ގަބޫލުކޮށް ބަލަންޖެހޭ ބެލުންތައް ބަލާ ގޯތި ހައްގު އެތައް ބަޔަކު ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެހެން އެކަން އޮއްވާ އަނެއްކާވެސް ގޯއްޗާ ފްލެޓަށް ހުޅުވާލައިގެން އަނެއްކާވެސް ގޯއްޗާއި ފްލެޓަށް އެދެން ޖެއްސުމަކީ ރައްޔިތުންނަށް ކުޑައިމީސްކުރުމެވެ. 

ގޯތި ގެދޮރަށް އެދި ފޯމްލާން ހުޅުވާލަން މިހާރު ޖެހޭނީ ކުރިން ގޯއްޗާއި ފުލެޓަށް އެދެން ކުރިން ފުރުސަތު ނުލިބުނު މީހުނަށް އެކަންޏެވެ. ކުރިން ގޯއްޗާއި ފުލެޓަށް އެދުނު މީހުންގެ ތެރޭގައި ހިމެނޭ އެންމެނަށް ގުރުއަތުން ޒުރޫރަތްތެރިކަމުގެ ތަރުތީބުން ގޯއްޗާއި ފްލެތް ޖެހޭނީ ހަވާލުކުރަމުން ދާށެވެ. ފްލެޓާއި ގޯތި ދިނުމުގައި ކުރިން ކަމެއް ގޯސްކޮށް ހިނގާފައި އޮތިއްޔާ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަމުން ދިޔައިމާ ނިމުނީއެވެ. ފިޔަވަޅު އަޅަން ޖެހޭނީ ގޯސްކޮށް ހުންނަ ކަންކަމަށް އެކަންޏެވެ. މުޅި ސްކީމް ހުއްޓާލާ އަލުން ބަލުން ފެށުމަކީ އިންސާފެއް ނޫނެވެ. އެއީ އޮޅުވާލުމެކެވެ. އަނިޔާއެކެވެ. ގާނުނާ ހިލާފު ޖަރީމާއެކެވެ.