ރައްޔިތުންގެ ކިބައިން މުއިއްޒު މި ހިފަނީ ކޮންކަމެއްގެ ބަދަލެއް
މުއިއްޒު ސަރުކާރު އޮތުމަށްވުރެ ނެތުން ގައުމަށް ރަގަޅެ
ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ ވާހަކަ މުއިއްޒާއި މުއިއްޒު ސަރުކާރުން ދެއްކީމާ އަންނަނީ ހިންޏެވެ. މީހުން ކުރަނީ މަލާމާތެވެ. ޖަހަނީ ޖޯކެވެ.
މީހުން މުއިއްޒު ސިފަކުރަނީ ބޯހަރު ގޮތްކުޑަ އައްޔާސީ ބޮޑާ މަވެތި ރޯނު އެދުރެއްގެ ގޮތުގައެވެ. މަމޮޅު ހެދިގެން އެހެން މީހުންނަކީ ތަންދޮރު ނޭނގޭ އާރެއް ބާރެއްނެތް ބައެކޭ ހީވާކަހަލައެވެ. ތިބެން ޖެހޭނީ ހެދިހާ ގޮތެއް ހެދިގެނޭ ބުނާ ކަހަލައެވެ..
އެއް ބަހެވެ. ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަނާއި ފަސާދަ އޮތެވެ. އިސްރާފާއި މަވެތިކަން ވެސް އޮވެއެވެ. ނުފޫޒާއި ބަދަލު ހިފުންވެސް އޮތެވެ. އެކަމަކު ދެކިދެކިވެސް މިވަރުކަމެއް އަދިނުފެނެއެވެ. އިސްރާފާއި ކޮރަޕްޝަނުން ފޯވެފައިވާ މުއިއްޒު ސަރުކާރު އޮތުމަށްވުރެ ނެތުން ގައުމަށް ރަގަޅެވެ.
މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ކުރާހާ ކަމެއް ދަނީ ފުއްވަޅުންނެވެ. ހަމައެއް ލަމައެއް އާޖުފާޖެއް ނޯވެއެވެ. ހިތުހުރިގޮތަކަށް ކަންކަން ކުރުމުން އަބަދުމެ ޖަހަން ޖެހެނީ އުނބަށެވެ. ކަންދެއްކުމާއި މަވަރެއް ނެތްކަމަށް ދައްކަން ކުރާކަންކަމުން ލިބެނީ ފޫނުބެދޭ ވަރުގެ ގެއްލުމެވެ.
ސައިޒަށްވުރެ ބޮޑުވެ އިންޑިއާ ސަރުކާރާ ޗެލެންޖުކުރަން ހަދައިގެން ވީގޮތް ތަޖުރިބާ ކުރެވިއްޖެއެވެ. އިންޑިއާއަށް ދިވެހީން ބޭހަށް ދިޔުން ހުއްޓުވަން ބޭންކޮކާއި ޑުބާއީއަށް އާސަންދަ ފުޅާކުރި ކުރީނުން ދެކުނު އިންޑިއާގެ ހުރިހާ ބޮޑެތި ސިޓީއެއްގައި ދިވެހިންގެ އެތައް ހާސްބަޔަކު މިއަދުވެސް ބޭހަށް ގޮސް ގޮތްހުސްވެފާ އެބަތިއްބެވެ. އާސަންދަ ހޮޅިން އިންޑިއާއަށް އޮއްސާ ފައިސާ މަދުނުކުރެވުނުތާ އިހުނަށްވުރެ އެތައް ގުނައެއްވީ އިތުރެވެ. ފަރުވާ ނުކުރެވިގެން މަރަށްތެޅޭ ބަލިމީހުން ވަނީ އިތުރެވެ.
އިންޑިއާގެ ހެލްކޮޕްޓަރުގައި ބަލިމީހުން އުފުލުން ހުއްޓާލުމަށް މޯލްޑިވިއަން ބޯޓެއްގައި ކުލަ އުނގުޅައިގެން ހެދި އެއަރ އެމްބިއުލާންސް ލަންކާއަށް ކުރި ދަތުރާއެކު ބަޑުޖެހިގޮތަށް އުދުއްސައެއް ނުގަތެވެ. އަމިއްލަ ބޭސްފިހާރަތަކުން 2000 ޕަސެންޓްގެ ފައިދާގައި ބޭސްވިއްކާކަމަށް ބުނެ ގެނައި ބަދަލުން ފެނެޑޯލް ގުޅައެއްްހާ ހިސާބުވެސް ރާއްޖޭން ލިބެން ނެތޭ ހިސާބަށް ރާއްޖޭގައި ބޭސް ލިބުން ދަތިވެއްޖެއެވެ. ގިނަ ބޭސް ފިހާރަތައް ބަނގުރޫޓް ކޮށްލުވައިފިއެވެ.
ހިލޭސާބަހަށް އިންޑިއާއިން ބަލަހައްޓާ ދެމުން އައި ސަރަހައްދު ބެލެހެއްޓުން ޑްރޯނަށް ބަދަލުކުރަން މިލިޔަނުން ޑޮލަރު ހޭދަކޮށްފައި ގަނެގެން ގެނައި ޑްރޯންތައް އުރަލައްވާފައި ބާއްވައިގެން ކުރިންވެސް ކުރިގޮތަށް އިންޑިއާ ލައްވާ އެކަންކުރުމުން ބޭކާރުކޮށްލެވުނީ އެތައް މިލިޔަން ޑޮލަރެވެ. ކަަަަނޑުމަތީގައި ގެއްލޭ މީހަކު ހޯދެނީއެއް ނޫނެވެ. ހާލުގައިޖެހޭ އުޅަނދެއް ސަލާމަތް ކުރެވެނީއްޔަކީ ނޫނެވެ.
ކުއްލިކުއްލިއަށް ގެންނަ ބަދަލުތަކުން ހުރިހާ ބާވަތެއްގެ ވިޔާފާރިއެއް ފުނޑެމުން ގޮސް އެންމެ ފަހުން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވެސް ފުޑާލަނީއެވެ. ރާއްޖެ އިސްތިހާރުކޮށްދޭ މީހުންގެ ނޮޅާލަން ދިމާކުރުމުން އެމީހުން ރާއްޖެއިން އަތްދޮވެލަނީއެވެ. ކަމެއް ހިނގަމުން އައި ގޮތެއްގެ އެކޮޅު މިކޮޅުނުބަލާ ހިތުހުރިކަމަކަށް ހިތުހުރި ބަދަލެއް ގެނައިމާ ނިކަމެތިވަނީ ގައުމެވެ. ރައްޔިތުންނެވެ. ޒަމާންތަކަކަށް ހިނގަމުން އައި ގައުމެއްގެ ކަންކަން ބަދަލުވަމުން އައީ ތަރުތީބަކުންނެވެ. ރެޔަކާ ދުވާލުން ސިންގަޕޫރަކަށް ރާއްޖެއެއް ނުހެދޭނެއެވެ.
ލަމައެއް ހަމައެއް ނެތި ކުރާހާ ކަންކަމުން ރައްޔިތުން ނިކަމެތިކޮށް ހާލުގައި ޖައްސަން މުއިއްޒަށް އޮތީ ކޮން ހައްގެއް ހެއްޔެވެ، ވެރިކަން ހޯދައިގެން ދިވެހިރައްޔިތުންގެ ކިބައިން މުއިއްޒު މި ހިފަނީ ކޮންކަމެއްގެ ބަދަލެއް ހެއްޔެވެ.




