ދައުވަތު ދިނަސް ނުދިނަސް ހެޔޮ | އަހުރެމެނަކު ނުދާނަން

ފަތުރަން ބޭނުންވާ ޕްރޮޕަގެންޑާތައް ފަތުރާދީ މުއިއްޒު ޖަހާހާ ބެރަަކަށް ނަށާ ބަޔަކީމެއް ނޫން

ދައުވަތު ދިނަސް ނުދިނަސް ހެޔޮ | އަހުރެމެނަކު ނުދާނަން

ރައީސް އޮފީހުން ބާއްވާ ނޫސްކޮންފަރެންސްތަކަށް މިހާތަނަށް ހީރަސް ނިއުސްއަށްވެސް ދައުވަތުދެމުން އައެވެ. އެންމެ ފަހުން އެފަދަ ދައުވަތެއް ލިބުނީ 05 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16.00ގައި ޓީވީ މޯލްޑިވްސްގައި ޕްރެސް ސެކެރެޓަރީ ބާއްވަން އުޅުނު ނޫސް ކޮންފަރެންސަށެވެ. 

އޭގެ ފަހުން ނޫސްކޮންފަރެންސަކަށް ރައީސް އޮފީހުން ދައުވަތެއް ނުލިބެއެވެ. މައްސަލައެއް ނެތެވެ. އެބައެއްގެ ރޮނޑަކުން ހަންދަމާނެ ގޮތެއް އެގޭނީ އެބަޔަކަށެވެ. 

ހީރަސް ނިއުސްއަކީ ރައީސް މުއިއްޒާއި އޭނާގެ ސަރުކާރުން ފަތުރަން ބޭނުންވާ ޕްރޮޕަގެންޑާތައް ފަތުރާދީ މުއިއްޒު ޖަހާހާ ބެރަަކަށް ނަށާ ބަޔަކީމެއް ނޫނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސަކަށް ހީރަސް ނިއުސްގެ ނޫސްވެރިންނެއް ނުދެއެވެ. ނުވެސްދާނެއެވެ. 

ހީރަސް ނިއުސްއަކީ ރައްޔިތުންގެ ފައިސާއިނާއި މުއިއްޒު އަތުން ބައިނަގައިގެން ހިންގާ ނޫހެއް ނޫނެވެ. ރައީސް މުއިއްޒާއި ސަރުކާރު ލޮއްސަން ހީރަސް ނިއުސްއިން ކުރާނެ ކަމެއް ނުއޮންނާނެއެވެ. ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސަކަށް ވެއްދިޔަސް ނުވެއްދިޔަސް ފަރުވާލެއްނެތެވެ. 

އެހެން ކަންކަމެކޭ އެއްގޮތަށް ރައީސް މުއިއްޒަކީ ރާއްޖޭގެ ނޫސްވެރިކަންވެސް އަޅުވެތިކޮށްގެން އަމިއްލަ ހައިބަތު ފުޅާކުރަން އުޅޭ މީހެއްކަން އަބަދުވެސް ދަންނަމެވެ. މުއިއްޒު ސަރުކާރުގެ އެކިފެންވަރުގެ އެތައް ވެރިން އެމީހުން މަސްލަހަތު އޮންނަ އެތައް ނޫހެއް ރަޖިސްޓްރީކޮށްގެން ކުރާކަމަކީ ދިވެހި ނޫސްވެރިކަން ކުރިއެރުވުމެއް ނޫނެވެ. އެމީހުން ނޫސްތައް ބޭނުންކޮށްގެން ކުރާހާ ކަމަކީވެސް ދައުލަތުގެ ބަޖެޓުންނާއި ސަރުކާރުގެ އެސްއޯއީތަކުން ސްޕޮންސަރގެ ނަމުގައި ކޮންމެ މަހަކު މިލިޔަނުން ފައިސާ ހޯދައިގެން ދައުލަތް ލޫޓުވުމެވެ.

އޭގެ މުގާބިލުގައި ކޮށްދޭން ޖެހޭހާވެސް ކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ ޖަރީމާތައް ފޮރުވާދީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމެވެ.