މުއިއްޒު އަޒުލް ކުރަންޖެހޭވަރުގެ އިއުތިރާފެއް!
ބޭރުގެ އަޝްކަރީ ބަޔަކު ތިބި އަދަދު ނޭގެންޏާ ސިފައިންގެ ވެރިޔާ އެހުރީ ފޭލިވެފަ.
ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭރުގައުމެއްގެ ސިފައިންގެ ބަޔަކު އަޑިނޭނގޭ އެއްބަސްވުން ތަކެއްގެ ދަށުން ރާއްޖޭގައި ތިބުމެވެ. އެ ތުހުމަތު ރައީސް ސޯލިހުގެ ސަރުކާރަށް އިދިކޮޅު ވާދަވެރިން ވަރަށް ބޮޑަށް ކުރިއެވެ. އިދިކޮޅުން ކުރަމުން އައި ތުހުމަތުތަކަށް ކުރީގެ ސަރުކާރުން ބުނަމުން އައީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ރާއްޖޭގައި އެއްވެސް ގައުމެއްގެ އަޝްކަރީ ބަޔަކު ނެތްކަމަށެވެ.
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އޭގެ ކުރީގެ ސަރުކާރު ތަކުން ވެފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ގެނެސްފައިވާ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ފްލައިޓެއް ރާއްޖޭގައި އޮންނަ ކަމަށް ރައީސް ސޯލިހު ސަރުކާރުން ބުނަމުން ދިޔައެވެ. އިންޑިއާއިން ގެނެސްފައިވާ ވައިގެ އެ ތިން އުޅަނދު ދުއްވާ ބެލެހެއްޓުމަށް ތިބި 75 މީހުން ނޫން ބޭރު ގައުމެއްގެ އަޝްކަރީ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ވެސް ކުރީގެ ސަރުކާރުން ބުނަމުން ދިޔައެވެ. ކުރީގެ ސަރުކާރުން ބުނަމުންއައީ އެމީހުން ރާއްޖޭގައި ތިބެގެން ކުރާކަމަކީ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކުގައި ދިވެހި އަޝްކަރިއްޔާއަށް އެހީތެރިވެދިނުމެވެ.
އިންޑިއާއިން އައިސްތިބި މަދު ސިފައިންކޮޅެއް ރާއްޖޭގައި ތިބީ ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމަށް އިހުތިރާމް ކޮށްގެންނެވެ. އެމީހުން ރާއްޖޭގައި ތިބީ އަޝްކަރީ ބޭނުމެއްގައެއް ނޫނެވެ. ރާއްޖެ ހިފާ އަޅުވެތި ކުރުމަކަށް ވެސް ނޫނެވެ. ރާއްޖޭއަށް އެހީތެރި ވެދޭށެވެ. ކަމުގެ ހަގީގަތް ކޮންމެހެނެއް އޮތަސް ވަރިހަމަތާއެވެ. ޑރ. މުއިއްޒު އެހުރީ އިންޑިއާ އައުޓްކުރަން ވެރިކަމަށް އަރައެވެ.
ޑރ. މުއިއްޒަކީ މިވަގުތު ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތީވެރިޔާއެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދެއް ނޭނގޭކަމަށް ބުނެފިއެވެ. މުއިއްޒަށް ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދު ނޭނގޭކަމަށް ބުނީ ނޫސްވެރިންނާ ބައްދަލުކޮށް ރައީސް އޮފީހުގައި ހުރެއެވެ. ސިފައިންގެ އެންމެ މަތީވެރިޔާއަށް ވާނުވާ ނޭނގޭ ގޮތެއްގައި ރާއްޖޭގައި ހިދުކޮޅަކަށް ވެސް އަޝްކަރީ ބަޔަކަށް ނުތިބެވޭނެއެވެ. ވެރިކަމާ ހަވާލުވާ ސުން ސިކުންތުގައި އެ މައުލޫމާތު ހުންނާނީ ލިބިފައެވެ.
ރާއްޖޭގައި ބޭރުގެ އަޝްކަރީ ބައަކު ތިބި ތަނަކާ ކުރާކަމަކާ ތިބި އަދަދެއް ނޭގެންޏާ ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުން ޑރ. މުއިއްޒު އެހުރީ ފޭލިވެފައެވެ. ގައުމީ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭ ވަރުގެ މީހަކަށް މުއިއްޒު ނުވިއެވެ. މުއިއްޒަށް ނޭނގި ކޮންމެ ކަމެއްވެސް ކޮންމެ ވަގުތެއްގައި ވެސް ހިނގުމަކީ ދުރުކަމެއް ނޫނެވެ. ހަނގުރާމަ އިއުލާނުކުރުމާއި އަމާން ދިނުމުގެ ބޮޑު ޒިންމާ ބޮލުގައި އަޅައިގެންހުރެ ސަލާމަތާ ގުޅުން ހުރި ކަންކަން ނޭނގުމަކީ މަގާމުން އިސްތިއުފާ ދޭން ޖެހޭވަރުގެ ކަމެކެވެ. ގައުމީ ސަލާމަތަށް މިވަގުތު އެންމެ ބޮޑަށް ނުރައްކާ އޮތް ކަމެއް ކަމަށް ބުނެ ހައްލު ކުރުމަށް ވެރިކަމަށްއެރި އެންމެ ހައްސާސް މައްސަލައިގެ ސައްހަ މައުލޫމާތު ދައުލަތާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސްޔަތުން މުއިއްޒަށް ނޭނގޭ ކަމަށް ބުނުމުން ޖެހޭނީ އަޒުލު ކުރާށެވެ.