ދޭންބުނި ދެލައްކައިން 89ހާސް މުއިއްޒު ކަބަޑަށް ޖަހާލައިފި!

ދެލައްކައިން 89473.64ރ ނުލިބޭނެ އޮޅުވާލުމެއް

ދޭންބުނި ދެލައްކައިން 89ހާސް މުއިއްޒު ކަބަޑަށް ޖަހާލައިފި!

ރިޔާސީ އިންތިހާބުގެ ކެންޕޭނު ތެރޭގައި މުއިއްޒު ޅޮސް އުނދޯއްޔަށް އެރުވި އެއްބަޔަކީ ހިޔާފްލެޓް ތަކުގައި ދިރިއުޅޭ މީހުންނެވެ. ހިޔާފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު އިންޓީރިއާ މަސައްކަތް ހުރީ މުޅިން ނުނިމެއެވެ. އިންޓީރިއާގެ މަސައްކަތް ނުނިންމާ ސަރުކާރުން ފްލެޓްތައް ދޫކުރީ ތަނުގައި ދިރިއުޅޭ މީހުންނަށް އެ މީހުން ބޭނުންވާ ގޮތަކަށް އިންޓީރިއާ ހެދުމަށް ފުރުސަތު ދިނުމަށެވެ. 

އެހެން ކަމުން ފްލެޓް ތަކުގެ އިންޓީރިއާ ނިންމުމަށް ފްލެޓް ލިބުނު ފަރާތްތަކުން ހަރަދު ތަކެއް އޭރު ކުރަން ޖެހުނެވެ. އެހެން އެކަން އޮތުމުން ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި އެމީހުންގެ ވޯޓު ހޯދުމަށްޓަކާ ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ނިންމުމަށް ކުރި ހަރަދު ދޭނެކަމަށް މުއިއްޒު ވައުދުވިއެވެ. އެގޮތުން ކޮންމެ ފްލެޓަކަށް ވެސް ދެލައްކަ ރުފިޔާ ދޭން ވައުދުވިއެވެ. 

މުއިއްޒަށް ވެރިކަން ލިބުމުން ވައުދެއްގެ ގޮތުގައި ދޭންބުނި ދެލައްކަ ރުފިޔާ ދެވެން ނެތްކަމަށް ސަރުކާރުން ބުންޏެވެ. ހިޔާ ފްލެޓް ތަކަށް ދޭނެކަމަށް މުއިއްޒު ބުނި ދެލައްކަ ރުފިޔާ ދެވެންނެތް ކަމަށް ސަރުކާރުން ބުނުމުން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވީ ތިޔަހެނެއް ނޫނެވެ. އެންމެ ފަހުން ކެތް ނުވެގެން މުއިއްޒުގެ ހޮޅި ވައުދު ކުއްޔާ ލާޖައްސާ އެ ދެލައްކައަކީ ކުލިން ކެނޑޭ އެއްޗަކަށް ހަދައިފިއެވެ. 

"އޭރު އެދިޔަ އަދަދު ބަލާފަ. ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގައިގެން ރައްޔިތުން އަތުން ދިޔަ ހަރަދު އެވްރެޖްކޮށްފަ. ވަކިއަދަދެއް ކަނޑައަޅާފަ، ވަރަށް ސާފުކޮށް މިދަންނަވަނީ އިނގޭތޯ. އެވްރެޖް އަގެއް ދޭނަމޭ އަނބުރާ." ކެންޕޭނުގައި މުއިއްޒު ބުންޏެވެ. މުއިއްޒު އެ ވައުދުގެ ދަށުން ކޮންމެ ފުލެޓަކަށް ދޭން ކަނޑައެޅީ ދެލައްކަ ރުފިޔާއެވެ. އެހެން ނަމަވެސް މިއަދު އެ ހަމަޖެއްސީ އެ ފައިސާ ނުދީ ކުލިން ކަނޑާށެވެ. 

ކޮންމެ މަހަކު ފްލެޓްތަކަށް މިހާރު ދައްކަނީ -/5300ރ އެވެ. ކޮންމެ ފްލެޓަކަށް ދޭން ބުނި ދެ ލައްކަ ރުފިޔާއާއި އަޅުވާ ކުލި ކުޑަކޮށް 7 އަހަރު ވަންދެން ކުލީގެ ގޮތުގައި ފޮލެޓަކުން ދައްކަން ޖެހޭނީ 3984.21ރ ކަމަށް މުއިއްޒު އެވަނީ މިއަދު ކަނޑައަޅާފައެވެ. މިއަދު މުއިއްޒު މިގެނައި ބަދަލުން ހަތް އަހަރު ވަންދެން ކޮންމެ ފްލެޓެއްގެ ކުލިން ކުޑަވެގެން އެދަނީ މަހަކަށް 1315.79ރ އެވެ. އެހެން ކަމަށް ވާނަމަ 1 އަހަރަށް ފްލެޓަކަށް ޖެހެނީ 15789.48ރ، އެވެ. މިރޭޓުން 7 އަހަރު ދުވަހަށް ފްލެޓަކަށް ޖެހެނީ 110526.36ރ. އެވެ. 

މުއިއްޒު ވައުދުވީ ފްލޭޓަކަށް ދެލައްކަ ރުފިޔާ ދޭށެވެ. ހަތް އަހަރުގެ ކުއްޔާ ލާޖައްސައި އޮޅުވާލުމެއްގެ ތެރޭން ކޮންމެ ފްލެޓަކަށް 89473.64ރ. ނުދޭގޮތަށް ހަމަޖެއްސީ އެންމެންނަކީ އަދުރޭ ކައިރިން ހިސާބު ދަސްކޮށްގެން ތިބި ބައެއް ކަމަށް ހީކޮށް ހެއްޔެވެ. ދެލައްކަ ރުފިޔާއަށް ވާވަރު ހަތް އަހަރަށް ބަހާލިއްޔާ މަހަކު 2381.00ރ މަހު ކުލިން އުނިވާން ޖެހޭނެއެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. އެއްވެސް ކަމެއް މުއިއްޒުނުވާ ގޮތަކަށް ހޮޅިނުހޮއްލާ ކުރެވޭ ކަމަކަށް ނުވެއެވެ.