އަޒުލު ކުރުމަށް ހުރި ހުރަސްތައް މުއިއްޒު ފިލުވާދެނީ
ސްޕްރީމް ކޯޓުގެ ހުކުމެއްނެތި މަޖިލީހުން ނިންމާފައިވާ އެއްވެސް ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފެއްނޫން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމުގެ ބަދަލުގައި ގައިރު ގާނޫނީ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ލަފާ ހޯއްދައިގެން އެލަފަޔަކަށް އަމަލު ކުރުމަކީވެސް ގައިރު ގާނޫނީ ކަމެކެވެ. ފުރަތަމަ ބަލަންވީ ދައުލަތުގެ ނަމުގައި ގާނޫނީ ލަފާދޭ މީހާއަކީ އެ މަގާމުގެ މަސައްކަތް ކުރަން ގާނޫނީ ގޮތުން ސައްހަ މީހެއްތޯއެވެ.
އެހެން ނޫނަސް 80 މެމްބަރުންނަކީ މަޖިލީހުގެ ޖުމްލަ މެންބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމި އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަކަށް ސްޕްރީމް ކޯޓަކުން ނުނިންމައެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 89 މެންބަރުންގެ އަދަދު 80 ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅީ އެ މަޖިލީހަށް މުތުލަގަށް ލިބިދީފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަކީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ނުޖެހޭ ހަމައެކަނި ގާނޫނެވެ. ސްޕްރީމް ކޯޓަކަށްވެސް ރައީސުލްޖުމްހޫރިއްޔާއަށްވެސް މަޖިލީހުން ކަންކުރާން ޖެހޭ ގޮތެއް ކަނޑައެއް ނޭޅޭނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރުވެސް ލިބިގެންވަނީ މަޖިލީހަށެވެ. މަޖިލީސް ހިންގާނެ ގޮތް ކަނޑައަޅާނީ މަޖިލީހުންނެވެ. ސްޕްރީމް ކޯޓަކުން ނޫނެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު އަސާސީއާ ދެކޮޅަށް ވާހަކަ ދެއްކުމާއި ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ގާނޫނު އަސާސީން ދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.
އަމްދުން ސްޕްރީމް ކޯޓުގެ ހުކުމެއްނެތި މަޖިލީހުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ގާނޫނޫ އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅޭނޭ ގާނޫނީ ހަމައެއް ނެތެވެ. ކަމެއް ގާނޫނަކުން ނުވަތަ ކޯޓު ހުކުމަކުން މަނާ ކުރުމުގެ ކުރިން ކުރެވޭ އެއްވެސް ކަމެއްގެ މައްޗަށް ފަހުން ހަދާ ގާނޫނެއްވެސް ކުރާ ހުކުމެއް ވެސް ހިނގުމަކީ ގާނޫނީ ހަމައެއް ނޫނެވެ. އެހެން އެކަން ވެއްޖެނަމަ ކުރިން ކުރެވިފައި ހުންނަ ކަންކަން މަންސޫހުވެ އިޔާދަ ނުކުރެވޭ ބޮޑު ހުސްކަމަކަށް ގައުމު ވެއްޓިގެން ދާނެއެވެ.
80 މެމްބަރުން ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނެކަމަށް ކަނޑައަޅަން މުއިއްޒަކަށް އެއްވެސް ހައިސިއްޔަތެއް ނެތެވެ. އެހެން އެކަން އޮތްނަމަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމި ހުރިހާ ނިންމުމަކީ ބާތިލު ކަންކަމާއި ތަކެއްޗެވެ. އަނެއްކޮޅުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެއްޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރިީ 47 މެންބަރުންގެ ވޯޓުން ކަމުން އެބިލް ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރެއް ރައީސަކަށް ނުއޮންނނާނެއެވެ. މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށް ބެލީމާ މަޖިލީހުގެ އަގުލަބިއްޔަތަކީ 44 ކަމަށް ވެފައި އެ ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން ކަމުން އެކަން ގައިރު ގާނޫނީ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ރާއްޖޭގެ ކުރީގެ ޕްރިސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ މާހިރު އަލްއުސްތާޒު އަހުމަދު މުއިއްޒު ވެސް ވިދާޅުވަނީ " ބިލު ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އުސޫލުން މެންބަރުންގެ އަދަދު ގުނުމުން ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން. މި ބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް." ކަމަށެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކޮށް، ގެޒެޓުގައި ޝާއިއު ކުރަން ރައީސަށް މަޖުބޫރެވެ. ގާނޫނު އަސާސީއާއި ހިލާފުވުމުގެ އާދަ ކަށީގައި ހިފާފައި ހުރި ރައީސް އަޒުލު ކުރުމުގެ ޖާގަ ރީތިކޮށް މުއިއްޒު އެދަނީ ހަދާދެމުންނެވެ. އަޒުލު ކުރުމުގައި ދިމާވެދާނެ ހުރިހާ ގޮންޖެހުމެއް ގާނޫނީ ގޮތުން ކުރިޔާލާ އެދަނީ ސާފުވެ އަޒުލަށް މަގު ކޮށެމުންނެވެ.