ކަސްބީންގެ ތޭރަ މީހަކު ގަނެވުނީމާ ހައްސައެކޭ ހީވީތަ!

ފައިތިލަ މަތީ އަތޮޅުވެރިން ކުޑަކަކޫ ޖެހި ޒަމާން އެއީ މާޒީ!

ކަސްބީންގެ ތޭރަ މީހަކު ގަނެވުނީމާ ހައްސައެކޭ ހީވީތަ!

ރަނޑާލި ފާޑަކަށް ހިނގަމުން ގަޔާލާ އަތް ފިއްތައިގެން މެޔާ ހަމަޔަށް އަތްނަގައިގެން ހުރެ އަތްތިލަ ކުޑަ ހުޅުން ލަބަމުން ގަދަބަސް ބުނާނީ ލައްކަ ރިހަވީމައެވެ. ފަށަންމަތީ މަތިމައްޗަށް ޑެގު އަޅައިގެން އެމަތީ ގުޑާގު ބަންދު ކޮށްގެން މުޅި މާލޭގައި ރަތް ބާނި ދަމައިގެން ފައިސާ ދޮންނަމުން  އުމަރުގެފާނޭ ކިޔަކަސް އެންމެންނަކު ނުސިހޭނެއެވެ. 

ހަރުވާޅު ނުލާ މުންޑު ކޯލީޝަނަށް ލޯނާށިން މާލެ ދައްކައިގެން އުޅުނަސް ކަމަކާ ޖެހުނީމާ ޖެހޭނީ ހަމަ ނަކަސްތަޅާށެވެ. ޅަނބާޅަ ލަނޑޮނޅު އުމުރުގައި ބެހުނު ގޮތަކުން ބަޓަރުބޭމެންގެ އަތްދޮށުވެ ގޮނޑިފޮއި އަޅާން އުޅުނީމާ ބެހުމަކީ ކޮބައިކަން ނޭނގިއެއް ނުހުންނާނެއެވެ.

ރިޔަލު ދޯނީގެ ޒަމާނުގައިވެސް ކުޑަރިޔާ ނަގަން ބޭނުންވީމާ އިންނަފަތްގަނޑު އިރައިގެން ދިޔަސް ހެޔޮކަމަށް ކަފިވަޅަށް ކުނބު ޖަހާކަށް ނޫޅެއެވެ. އެވަރުވެސް ރަތް ބާނި ތަކުރުމެނަށް ނޭގޭ ވަރަށް ތިބެނީ އެނދު ކެނޑިފައެވެ.

ހެއްދެވިހާ ބޮޑު ކަނޑަމުން ބުނާ ބަސް ގަދަކުރަން އާޔަތާއި ހަދީސް ކިޔަނީ ހެއްދެވި ފަރާތަށްވެސް އޮޅުވާލާށެވެ. އަޖައިބެއް ނުވާނެހެއްޔެވެ. އުމަރުގެފާނެއް ރިޝްވަތެއް ނުބައްސަވައެވެ. ބޮކުބާރެއް ނުދައްކަވައެވެ. އިދިކޮޅެއް އެއްކޮޅެއް ނުގެން ގުޅުއްވައެވެ. ދޮގުވެރިންނަށް ހިތްވަރުދީ ދޮގުވެރިކަން ދަމަހައްޓަން ޒައްރެއްގެ މިންވަރުވެސް ހަރަދެއް ނުކުރައްވައެވެ. 

ތެލި ސޭޓް އުޅެން އުޅޭ ފާޑެއް ދޮތައެވެ. ރަނޑާލީންނަށް ނަކަސް ތެޅޭނީ ގަސްގަސް ބުޑުގައެވެ. ވައްވައް ޖެހީމާ ސިހޭނީ ދެބައިން ބާވެފައި އޮތް މުންޑު ކޯލިޝަނެވެ. ފައިތިލަ މަތީ އަތޮޅުވެރިން ކުޑަކަކޫ ޖެހި ޒަމާން އެއީ މާޒީއެވެ. 

މިހާތަނަށް އިދިކޮޅުން ކުރިކަމެއް ކުރީކީ އެބުނާ ގޮތަށް މީހަކު ކުރާނެ ކަމެއް ކުރަން ދީގެން ތިބެގެނެއް ނޫނެވެ. އެ ބަޔަކު ތިބިއްޔަކީ ބެހޭނެ ގޮތަކަށް ބެހެން ދީގެނެއް ނޫނެވެ. ބެހުނަސް ކުރާނެ ކަމެއް، ކުރެވޭނެ ކަމެއް ނެތިގެންނެވެ. އަދިވެސް ޖެހޭނީ ހަމަ އެގޮތަށް ތިބޭށެވެ. 

ދާދި މި ދާކަށް ދުވަހު މޭ ފުއްޕާފާ މީހަކު ބުނާ އަޑު އެހީމެއެވެ. އަޒުލު ކުރެވޭނީ ތިމަންގެ ފުރާނަ ދުއްވާލާފައެވެ. ހިތުން ހާލިދު ބުން ވަލީދު ހެދިގެން ފުއްޕަނީ އަތުގައި މާބޮޑު ފިތުރު ފޮއްޓެއް ހުރެގެން ނޯލައެވެ. ހަށިވިއްކާ ކަސްބީންގެ ތޭރަ މީހަކު ގަނެގެން ގެންދެވުނީމާ ހައްސައެކޭ ހީވަނީ ތާއެވެ. 

ކިތަންމެ ބޮޑާވެފައި ބުންޏަސް ވަކިމީހަކު ނެތީމާ ދެރަވާނެއެވެ. ކަން ބޮޑުވާނެއެވެ. ވަކި މީހަކު ނެތުމުން ނުވާނެ މޮޅު ބައިވަރެވެ. ދިފާއަށް ކުޅުން ނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެހެން އުޅެން ހަދައިގެން ޖެހެނީ ބައިގޯލެވެ. 

ހަމަތެދެކެވެ. ނުލަފާކަން ދައްކާލަން އެގޭނީ ވަކި ބަޔަކަށް ނޫނެވެ. ހިފާނެ ކުއްތާ ވައްވަކެއް ނުޖަހާނެއެވެ. ގުޑާގު ވިއްކަމުން ރިޝްވަތު ދެމުން ފައިސާ ދޮންނަމުން ގޮނޑިފޮއި އަޅަމުން އާޔަތްކިޔަމުން އުމަރުގެފާނު ހެދިގެން އުޅުުމުގެ ނިމުން ނިކަން ހިތިވާނެއެވެ.