ވެލާނާ ޕާކިންގ އިހުތިޖާޖު: ފަސާދައެއް

ވެލާނާގޭ ކައިރި ޕާކިން ޒޯން ބަންދުކުރީ އެތާ ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމް ނެގުމަށް

ވެލާނާ ޕާކިންގ އިހުތިޖާޖު: ފަސާދައެއް

ވެލާނާގެ ހުންނަ އަމީރު އަހުމަދު މަގުގައި ޕާކް ކުރުން މަނަލަސް ގިނަ ސައިކަލް ތަކަށް ޕާކް ކުރެވޭނެ ގޮތަށް ކުރީގެ ހުރަވީ ބިލްޑިންގ ހުރި ތަނުގައި ވަނީ ބޮޑު ޕާކިން ޒޯނެއް ހަދާދީފައެވެ. އެކަމަކު ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ސަރަހައްދަކަށް ވާތީ ޕާކް ކުރުމަށް ޖާގަ ނުލިބުމުގެ ޝަކުވާ ބޮޑެވެ. ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ވެސް ވަރަށް ގިނަ އުޅަނދު ޕާކް ކުރެއެވެ.

މިވަގުތު އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ވަގުތީ ގޮތުން މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ޕާކިން އޭރިއާ ފެންސު ޖަހައި ބަންދު ކުރުމަކީ ޕާކިންގއަށް ޖާގަ ކުޑަވެގެން ދާނެކަމެއް ކަން ކުޑަ ކުއްޖާ ވެސް ގަބޫލު ކުރާނެއެވެ. އެހެނެކޭ ކިޔާފާ ވެލާނާގޭގައި ވަޒީފާ އަދަކުރާ މަދު މުއައްޒަފުން ކޮޅެއްގެ ފަޔަށް ހިނި އަރައިގެން އުޅެން ޖެހޭ ހެއްޔެވެ. އެވަރުގެ ހޭބުއްދި ނުވާ ބަޔަކަށް އެމީހުން ވަނީ ހެއްޔެވެ. އޮފީސްތަކުގައި ރައްޔިތުންނަށް އެމީހުން ހިދުމަތްތދެނީ އެންމެ ރަނގަޅަށް ހެއްޔެވެ. އެމިހުންގެ ފަރަތުން ދޭ ހިދުމަތުގައި ކޫރުމެއް ބޫރުމެއްވެސް ނެތީހެއްޔެވެ. ހަމަބުއްދި އިސްނުކުރާ ޒިންމާދަރު ކަމެއް ނެތް ބަޔަކު ނިކުމެ ޕާކް ކުރާނެ ތަނެއް ނެތް ކަމަށް ބުނެ އިހުތިޖާޖު ކުރީތީ އަންނަނީ ހިންޏެވެ.

ޒިންމާދާރު މުއައްޒަފުންނަމަ ވަގުތު އޮއްވާ އޮފިހަށް އައިސް ތަން އޮތްތާ ގޮނޑި އަޅާނެއެވެ. ޖާގަ ލިބޭ ހިސާބެއްގައި ޕާކް ކޮށްލާފައި ހިނގާލާފައި ދިޔުމަކީ ވެސް އެފަދަ މުއައްޒަފުންނަކަށް މައްސަލައަކަށް ނުވާނެއެވެ. ޕާކިން ޖާގަ އިތުރު ކުރުމަށް ވަގުތީ ގޮތުން ދިމާވާ ދަތިތަކަށް ކެތް ނުކުރެވިގެން ކޮށިއަރައިގެން އުޅޭނީ އެހެން މަގުސަދެއް ހާސިލް ކުރުމަށެވެ.

ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ކަން ނޭގޭ މުއައްޒަފަކު ވެލާނާގޭގައި ވަޒީފާ އަދާކޮށެއް ނޫޅޭނެއެވެ. އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންނެވެ. އެހެންކަމުން އެ ސަރަހައްދު ބަންދުކުރަން ޖެހުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަޖުބޫރު ވެގެންނެވެ.

ކުރީގެ ސަރުކާރުން ގާއިމް ކުރި އެ މެކޭނިކަލް ޕާކިން ސިސްޓަމަކީ ބޭނުމެއް ކުރެވޭ އެއްޗެއް ނޫންކަމުން އެނަގާ އެތަން ވެސް ޕާކިންގއަށް ބޮޑުކުރުމަށް ކުރެވޭ މަސައްކަތް އެނގިތިބެ އެއްބާރުލުން ދިނުމުގެ ބަދަލުގައި ކުރަން އެނގެނީ އިހުތިޖާޖެވެ. އެ ސިސްޓަމް ނެގުމަށް ފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެ ކަންވެސް އިހުތިޖާޖުކުރި މުއައްޒަފުންނަށް ރަނގަޅަށް އެނގެއެވެ.