އެމްޕީއެލް ރޯދައަށް ތައްޔާރު

ރޯދަމަހު މުދާ ކްލިއަރކުރުމަށް ހާއްސަ ޓާސްކް ފޯސްއެއް އެމްޕީއެލްއިން އެކުލަވާލައފި

އެމްޕީއެލް ރޯދައަށް ތައްޔާރު

ކޮންމެ އަހަރަކު ވެސް ރޯދަމަހު ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރެއެވެ. އެހެން ކަމުން މުދާ ކުލިއަރކުރުމާ ފޯރުކޮށް ދިނުމުގައި އެމްޕީއެލްއަށް ވަރަށް ބާރުބޮޑުވެއެވެ. 2022 ވަނަ އަހަރުގެ ރޯދަމަހަކީ ކޮވިޑް19ގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި ރޯދަމަހެވެ. މިއަހަރު ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އެއަށްވުރެވެސް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ލަފާކުރައްވައެވެ. އެހެންކަމުން ރޯދަމަހު ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވަރަށް ބޮޑަށް ދުރާލާ ތައްޔާރު ވެއްޖެއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެތައްޔާރީތަކާ ގުޅޭ ތަފްސީލްތައް ދެއްވާފައެވެ.  
" އަޅުގަނޑުމެންގެ ހުރިހާ އިކުއިޕްމަންޓްތައް، ހާއްސަކޮށް ރޯދަމަހު އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ގިނަ އިކުއިޕްމަންޓްތައް އަޅުގަނޑުމެން ހޯދާ އިތުރުކޮށް، ވަރަށް ގިނަ އިކުއިޕްމަންޓްތައް މަރާމާތުކޮށް ސަރވިސްކޮށް ނިންމާފަ މިހާރު ވާނީ" ޝާހިދު ވިދާޅުވިއެވެ.

ހަމަ އެއާއި އެކު ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ހާއްސަ ޓާސްކް ފޯސްއެއް އެމްޕީއެލްއިން އެކުލަވާލައފިއެވެ. މުދާ އައުމާއި އެކު މި ޓާސްކް ފޯސް މެދުވެރިކޮށް އެ މުދާ ބާލާ، ކްލިއަރކޮށް، މުދަލުގެ ވެރިފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރަމުން ދާނެއެވެ. މުދާ ކްލިއަރ ކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން ރޯދަމަހު ގިނަ ވަގުތު ތަކެއް ހޭދަ ކުރާނެއެވެ. 
އަނެއް ކޮޅުން ރޯދަމަހު މަސައްކަތް ކުރާ ގަޑިތަކަށް ބަދަލު ތަކެއް އާދެއެވެ. ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ގިނަ ވަގުތުތައް އެމްޕިއެލް މުވައްޒަފުން ހޭދަކުރިޔަސް އާންމުކޮށް މަސައްކަތް ނުކުރާ ގަޑިތަކަކެއް ވެސް ހަމަޖެހިފައި އޮވެއެވެ. ރޯދަ ވީއްލާ ގަޑިން ފެށިގެން ތަރާވީސް ގަޑިއަށް އެމްޕީއެލްގައި މުދާ ކުލިއަރ ނުކުރާނެއެވެ. 
ރޯދަމަހު ގެނެވޭ ކާބޯތަކެތި ހިޔާ ސަރަހަދެއްގައި ބެހެއްޓުމަށް ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ގާއިމްކޮށް  ސަރަހައްދީ އެހެން ވިޔަފާރި ބަނދަރު ތަކުގައި ވެސް މިފަދަ ތައްޔާރީތައް ވެފައި އޮންނާނެއެވެ.