މުޒާހަރާ ހުއްޓުވަން ނެރުނު ފެނަކަ އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުވާލުން!

ރައީސް އޮފީހުގެ ވެބްސައިޓާއި ފެނަކަ ވެބްސައިޓާއި ނޫސްތަކުން ފެންނަން ހުރި މައުލޫމާތާއި ރަށްރަށުގައި ހިންގާފައިހުރި މަސައްކަތްތަކަށް ބަލާ ކްރޮސް ޗެކް ހެދުމުން ފެނަކައިގެ އޮޑިޓް ރިޕޯޓްެ މަގުސަދު ސާފެވެ. ނިޔާޒީ ތައައްސުބުން ކަޅިވެގެން ވެރިމީހާގެ މަސްލަހަތުގައި ވަކި މަންޒަރެއް ދައްކަން ނެރެފައިވާ ރިޕޯޓެކޭ ނުބުނާ ވަރެއް ނޫނެވެ.
ރައީސް މުއިއްޒުގެ އޯޑަރަަށް ނެރެދިން އޯޑިޓް ރިޕޯޓުން ދައްކައިދޭން އުޅެފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އަލަށް އަޅާ ހުޅުވާފައިވަނީ އެންމެ 16 އިންޖީނުގެ ކަމަށެވެ. އެކަމަކު ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް އަތްލެވޭ ލޯމަތީގައި ފެންނަން ހުރި ކަންކަމެއް ނިޔާޒީއަކަށް ވެސް އޮޅުވައެއް ނުލެވޭނެއެވެ.
ދިމާލަށް ފެންނަން އޮތް ހަގީގަތަކީ ރައީސް ސޯލިހުގެ ވެރިކަމުގަައި 77 ރަށެއްގައި މުޅިން އަލަށް އިންޖީނުގެ އަަޅައި ހުޅުވާ އެތަންތާ މިހާރު ވެސް މަސައްކަތް ކުރަމުން ދާކަމެވެ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު 20 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރެވެމުން ދިޔައެވެ. 21 ރަށެއްގެ މަސައްކަތް ހަވާލުކުރެވި އަމަލީ މަސައްކަތް ނުފެށި އޮތެވެ. އޮޑިޓް ރިޕޯޓްގައި މަސައްކަތް އަދިވެސް ނުނިމޭ ކަމަށް އެ ބުނަނީ އެ 41 ތަނުގެ ވާހަކައެވެ. މުއިއްޒު ވެރިކަމަށް އައިފަހުން އެއިން އެއްވެސް ކަމެއް ނުކުރާކަމަށް ހެކި އެދެނީ އަމިއްލައަށެވެ.
ހަމައެކަނި 2019 ވަނަ އަހަރުން ފެށިގެން 2022 ވަނައަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށްވެސް ފެނަކައިން 39 ރަށެއްގައި މުޅިން އަލަށް އިންޖީނުގެ ބިނާކޮށް ހުޅުވާފައިވާކަން ކަށަވަރުވެއެވެ. އެގޮތުން 2022 ގެ ޖެނުއަރީގެ ނިޔަލަށް މަސައްކަތް ހިނގަމުންދާ ނުނިމިހުރި އިންޖީނުގެ ތަކުގެ އަދަދަކީ 31 އެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު އަލަށް އަޅާ އޮޕަރޭޝަނަށް 77 އިންޖީނުގެ ގެނެވިފައި އެހުރީ ފައިސާ ހޭދަ ނުކޮށެއް ނޫނެވެ. ރަނަގަޅަށް ލޯ ހުޅުވައިގެން އިންސާފުވެރި އޮޑިޓެއް ކުރިނަމަ ނިޔާޒީއަށް ފެނުނު މަންޒަރު ތަފާތުވީހެވެ. ނުބައި ނިޔަތެއްގައި ކުރާ އޮޑިޓަކުން ރަނގަޅެއް ފެނުމަކީ މުސްތަހީލު ކަމެކެވެ.
ފެނަކައިގެ ބޮޑު ހިޔާނާތޭ ކިޔައިގެން އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނާއި ފަސާދައިގެ ތުުމަތު ކުރަން ނިޔާޒީ ލައްވާ ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލިޔަސް 2018 ނޮވެންބަރ 17 އިން 2023 ގެ ނޮވެންބަރ 17 އަށް އޮތް އެމްޑީޕީ ކޯލިޝަން ވެރިކަމުގައި 17،000 ކިލޯމީޓަރުގެ ކޭބަލް ނެޓްވޯކް ރާއްޖޭގެ އެތައް ރަށެއްގައި ގާއިމްކޮށްދީފައި ނުވާ ކަމަކަށް ނުހެދޭނެއެވެ. މުޅިން އަލަށް އެކި ވަރުގެ 313 ޖަނަރޭޓަރު ސެޓު ބަހައްޓައި 150 މެގަވޯޓަށް ވުރެ އިތުރަށް ކަރަންޓު އުފެއްދޭ މިންވަރަށް ފެނަކައިގެ ކަރަންޓް ކެޕޭސިޓީ ފުޅާކޮށް އިތުރު ނުކުރާ ކަމަކަށްވެސް ނުވާނެއެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި މުޅިން އަލަށް އިންޖީނުގެ އެޅި 77 ރަށާއި ކުރިން އެކަށީގެންވާ ފެންވަރެއްގައި ބިނާކުރެވިފައިވާ އިންޖީނުގެތައް ހުރި ރަށްރަށް ހިމަނައިގެން ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓްކެނޑުން ނިމުމަކަށް ގެނައިކަން ރަށްރަށު މީހުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ރަށްރަށުގައި ކަރަންތް ކެނޑިގެން މީހުންގެ އިލެކްޓްރިކް އާލާތައް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުން ނިމުމަކަށް ގެނައިކަންވެސް ހަނދާން ހުންނާނެއެވެ.
ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ކަރަންޓްގެ ހިދުމަތަށް އިންގިލާބީ ހެޔޮބަދަލެއް ގެނެސް މުޅި ރާއްޖެއަށް ކަރަންޓްގެ ނަފާ ލިބި ދިނުމަކީ ކުރީ ސަރުކާރުން ވީ ހިޔާނާތަކަށް ހަނދަން މުއިއްޒު ތިޔަ ޖަހާ ސަކަރާތް ހުއްޓާލާ ރައްޔިތުންނަށް ލާބަހުރި ކަމެއްކޮށްދެވޭތޯ އުޅެބަލާށެވެ. ރައްޔިތުންގެ ލޯބި ހޯދާނީ ތެދުވެރި ހިދުމަތުންނެވެ. ގަދަބަދަވި ކަމުން ލޯތްބެއް ނުހޯދޭނެއެވެ.