ސްޓެލްކޯ : އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް!

ސްޓެލްކޯ :  އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް!

ގައުމެއް ކަމަށް ވިޔަސް އާއިލާއެއް ކަމަށް ވިޔަސް އަދި ހަމަ އެހެންމެ ކުންފުންޏެއް ކަމުގައިވިއަސް އެތަނެއްގައި ބުރަކަމާއި ހީވާގިކަމާއެކު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތްތަކެއް ބަޔަކު ކޮއްގެން މެނުވީ އެތަނެއް ކުރިއަރައިގެން ނުދާނެކަމީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ.  މި ބުނެވިދިޔަފަދަ ހީވާގި މީހުންގެ އަގުވަޒަން ކުރުމަކީވެސް އެހާމެ މުހިންމުކަމެކެވެ.

ހާއްސަކޮށް އެއީ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏަކައް ހުއްޓުމެއްނެތި މަސައްކަތް ކޮއްދެމުންގެންދާ ފާރާތެއް ނަމަ އެ ފަރާތެއްގެ އަގުވަޒަން ކުރުމަކީ ވަރަށް ވެސް ބޮޑު ޒިއްމާއެކެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުންނާއި އެފަރާތްތަކުގެ މިންނަތް މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސްޓެލްކޯއިން އެ ކުންފުނީގެ 26 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވުނު ހަފްލާގައިވަނީ  މުހިންމު އެވޯޑް ތަކެއް ޝަރަފްވެރި ކަމާއި އެކު އެ ކުންފުނީގެ މުވައްޒަފުންތަކަކަށް އަރުވާފައެވެ.

މި ހުރިހާ ސަރަފްވެރި އެވޯޑްތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު އެއް އެވޯޑަކީ "އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" އެވެ. މި އެވޯޑް މި ފަހަރު ލިބިފައި މި ވަނީ އެ ކުންފުނީގެ ޑީއެމްޑީ (ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ) ގެ މަގާމުގައި ހުންނެވި  މުހައްމަދު ލަތީފަށެވެ.

މުހައްމަދު ލަތީފަކީ ސްޓެލްކޯގެ ކަރަންޓުގެ ސިނާއަތުގައި ދިގުމުއްދަތަކައް ހިދުމަތް ކޮއްދެއްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި  ލަތީފްގެ ދުރުވިސްނުންތެރި ލީޑަރޝިޕަކީ އެ ކުންފުންޏަށް އެ ފަދަ ދެވަނައެއް ނެތް އިތުބާރު ހިފޭ އަދި ކަރަންޓު ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަމުންދާ ފަރާތެވެ. އަދި ލަތީފް ކުންފުނީގެ ކުރިމަގައްޓަކައި ކުރައްވަމުން ގެންދަވާ ހިދުމަތް ތަކަކީ އަގުނުކުރެވޭނެ ފަދަ  ހިދުމަތް ތަކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

މި ހަފްލާގައި ޑީއެމްޑީ މުހައްމަދު ލަތީފަށް "އައުޓްސްޓޭންޑިންގ ސާރވިސް ލެގަސީ އެވޯޑް" އަރުވާފައި ވަނީ މި ހަފްލާގެ ސަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ރާއްޖޭގެ ރައީސުލްޖްމުހޫރިޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ހަފްލާގައި ކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ޑީއެމްޑީ ލަތީފަށް މަރުހަބާ ކިޔާފައިވެއެވެ.