ސަރުކާރުން ޓަކައިގަނެގެންއުޅޭ 80 މިލިޔަން ހޯދާ އިހުތިޖާޖު
ބޮޑުކަންނެއްޔަށް ހަމައަގު ހޯދާ ލޭނުއެޅުން ހުއްޓުވަންޖެހޭ
މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ 80 މިލިއަން ރުފިޔާ އަދިވެސް ނުދެއެވެ. މޮޅެތި ވާހަކަ ދައްކާލަ ދައްކާލާ މުއިއްޒުމެން އެތިބެނީއެވެ. މަސްވެރިންނާއި އެމީހުންގެ އާއިލާތައް ދަރާވިކި ބޯހިކޭކަށް ނެތެވެ. އަނގަޔާ އަތަ ދިމާވާކަށް ނެތެވެ. ކަރަންޓްބިލު ދެއްކޭކަށް ނެތެވެ.
އޮޑި ދޯނިފަހަރުގެ ވެރިންގެ ގެދޮރާއި އޮޑިދޯނިފަހަރުގެ ލޯނުފައިސާ ބޭންކަށް ނުދެއްކެއެވެ. އިންޓަރެސްޓް މަތިމައްޗަށް އަރަމުން ދަނީއެވެ. ލޯނު ނުދެއްކިގެން އެތައް އޮޑިވެރިންގެ މައްސަލަ އޮތީ ކޯޓުގައެވެ. ބޭންކަށް ގެދޮރާއި އޮޑިދޯނި ފަހަރު ނަގާ ހިސާބަށް ހިނގައްޖެއެވެ.
އަނބި ދަރިންނާ ވަކިން ކަނޑުމަތީގައި ރެޔާއި ދުވާލު ކުރާ މަސައްކަތުން ހޯދާ މަސްކޮޅު ދިރުވާލައިގެން ސަރުކާރުން އެތިބެނީ ހިނިއައިސްފައެވެ. މަސްވެރިން ކުރާ ހަލާލުމަސައްކަތުން ހޯދާ މަސްކޮޅު ޓަކައިގަނެގެން ފައިސާ ނުދީ ތިބޭކަށް ޖެހެލުމެއް ނުވެއެވެ. ލަދެއްނުގަނެއެވެ. މަސްވެރިންނަށް އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ މަސަކިރާފާ ދޭންޖެހޭ ފައިސާ ނުދެވޭ ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ.
މަސްވެރިންނަށް ކެތްނުވެގެން އެންމެފަހުން އަނެއްކާވެސް މުޒާހަރާއަށް އެ ނިކުތީއެވެ. މުޢިއްޒުއާއި އޭނާގެ ފިޝަރީޒް މިނިސްޓަރ ކަހަތަން ހިރުވާނުލައެވެ. މަސްވެރިން ބާނާ މަސްކޮޅު ސަރުކާރުންވަނީ ޓަކައިގެންފައެވެ. މަސްކިރާތާ 48 ގަޑިއިރު ނުވަނީސް ފައިސާ ދޭނެކަމަށް ބުނެއެވެ. އެހެނެއްކަމަކު އެންމެ ލޯލާރިއެއްހާ ހިސާބުވެސް ނުދޭތާ 4 މަހަށްވުރެ ގިނަވެއްޖެއެވެ. 4 މަސް ދުވަހު ފައިސާ ފޮއްޗެއް ނުލިބި އުޅޭ މީހެއްގެ ހާލު ހިތައް އަރުވާލަ ބަލާށެވެ. އެންމެ މަހެއްގެވެސް މުސާރަ ނުލިބިއްޖެނަމަ ވާވަރު ސިޔާސީ ވެރިން ނިކަން ހިތައް އަރުވާލަބަލާށެވެ.
ސިޔާސީ އެތައް މުވައަޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ހޭދަކުރާން ފައިސާހުރެއެވެ. ބޭކާރު ދަތުރުތަކާ ގޮތެއްފޮތެއް ނުބަލާ ކުރަމުންދާ ބޭކާރު ހަރަދުތައް ކުރާނެ ފައިސާ ސަރުކާރުގައި ހުރެއެވެ. ނުހުންނަނީ މަސްވެރިން ކިރާ މަހަށް ދޭނެ ފައިސާއއެވެ.
މަޖިލިސް އިންތިހާބު ތެރޭގައި މަސްވެރިންގެ އަޑުކަނޑުވާލަން ދިން ފައިސާކޮޅު ނޫނީ ހައްބަހަލާލު މުކައްބަވެސް ނުދެއެވެ. މަސްވެރިން ހޯދަން އެއުޅެނީ އެމީހުންގެ ހަލާލު މަސައްކަތުން ހޯދާ ހަލާލު ފައިސާއެވެ. މަސްވެރިން ހޯދަން އުޅެނީ މުއިއްޒު ހެޔޮފުޅުކަމުންދޭ ހަދިޔާއެއް ނޫނެވެ. ސަރުކާރުން ޓަކައިގަނެގެން އުޅޭ 80 މިލިޔަނަށްވުރެ ގިނަ ފައިސާއެވެ.