ކައުންސިލްތައް މުއިއްޒުގެ ޖީބަށް ޖެހުން!
ލާމަރުކަޒީ ނިޒާމްގެ ބާރުކަނޑުވާލާ މިނިސްޓްރީއެއް އުފެދިގެން ނުވާނެ
ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކުގެ ހަމަ ހިފެހެއްޓުމަށް އޮންނަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއެވެ. އެލްޖީއޭ އޮންނަނީ ސަރުކާރުގެ ދައުރު އެ މުއައްސަސާގެތެރޭގައި އޮންނަ ގޮތަށެވެ. ކައުންސިލްތައް ހިންގުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ކައުންސިލްތަކުގެ މިސްރާބު ހިފަހައްޓާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ތެރެއިންނެވެ. އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަކާއި އެއްގޮތަށް ކައުންސިލްތަކުގެ އަމާޒު ހިފަހައްޓާނީ އެލްޖީއޭއިންނެވެ. ގާނޫނީ ގޮތުންނާއި ފަންނީ ގޮތުން ކައުންސިލްތައް އެއް މިސްރާބެއްގައި ހިފެހެއްޓުމަށް މަގުދައްކާނީ އެލްޖީއޭއިންނެވެ.
އެލްޖީއޭގައި ސަރުކާރުގެ ދައުރުފުޅާކޮށް އޮންނާތީ ކައުންސިލްތައް ސަރުކާރުގެ ސިޔާސަތުތަކަށް އެއް އިރަކުވެސް ބީރައްޓެއްސެއް ނުވާނެއެވެ. ގައުމީ ތަރައްގީގައި ސަރުކާރުން ހިންގަން ޖެހޭ ކަންކަން ކައުންސިލްތަކާ ސަރުކާރާ ގުޅިގެން ހިންގުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ނުވެސް އޮންނާނެއެވެ.
ކޮންމެ ކައުންސިލަކީ ވެސް ސަރުކާރާއި ދައުލަތުގެ ކޮންމެ މުއައްސަސާއަކާވެސް މެދުވެރިއަކުނެތި ސީދާ މުއާމަލާތު ކުރެވިގެން އެކައުންސިލެއްގެ ލަނޑުދަނޑި ތަކަށް ވާސިލުވުމުގެ ގާނޫނީ ބާރު ލިބިފައިވާ މިނިވަން މުސްތަގިއްލު ތަންތަނެވެ. ކޮންމެ ކައުންސިލަކަށްވެސް އެކައުންސިލެއްގެ މޭންޑޭޓް ދެނީ އެކައުންސިލެއް ނިސްބަތްވާ ރައްޔިތުންނެވެ. ކައުންސިލްތަކުގައި ތިބެނީ ރައްޔިތުންގެ މަންދޫބުންނެވެ.
ގާނޫނު އަސާސީން ކަނޑައަޅާ އުފައްދާފައިވާ މިނިވަން މުސްތަގިއްލު ލާމަރުކަޒީ ނިޒާމްގެ ބާރު ކަނޑުވާލަން ރައީސް މުއިއްޒު ފައްޓަވާފައިވާ މަސައްކަތް ހުއްޓުވުމަކީ ރައްޔިތުންގެ މަޖިލީހަށް މަޖުބޫރުކަމެކެވެ. ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދައިގެން ކައުންސިލްތަކުގެ އިހުތިސާސަށް އަރައިގަތުމަކީ ރައްޔިތުންގެ ބާރުކަނޑުވާލުމެވެ. ކައުންސިލްތައް ސައިޒުކުރުމެވެ. ކައުންސިލް ތަކުގެ ނިންމުންތައް ތަންފީޒު ކުރުމަށް ހުރަސްއެޅުމަށް ސަރުކާރާ ރައްޔިތުންނާ ދެމެދު ބޯފަށަލައެއް ލުމެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް ނަމުގައި މިނިސްޓްރީއެއް އުފައްދާ އެ މިނިސްޓްރީއަށް ދީފައިވާ މޭންޑޭޓް ތަކަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ގަސްތުގައި ކައުންސިލްތަކުގެ ބާރުކަނޑުވާލާ އަމާޒުތަކެކެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސްގެ ދާއިރާ ކަމުގައި ކަނޑައަޅާފައިވާ މައިގަޑު ތިންކަމެކެވެ. އެ ތިންކަންތަކަށާވެސް އެމިނިސްޓްރީ އާއި ނުލާ ހައްލު އެބައޮތެވެ.
- ލޯކަލް ގަވަނަންސް :
ލޯކަލް ގަވަރނަންސް އަކީ ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ކުރިއްސުރެ އޮތް އެލްޖީއޭ އާއި ކައުންސިލްތަކުގެ ޒިންމާއެކެވެ. ކައުންސިލް ތަކަކީ މިނިވަން ކަމާއެކު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މިނިވަން މުއައްސަސާ ތަކެކެވެ.
- ޕަބްލިކް ވޯކްސް:
ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ހިންގަން ޖެހޭ ޕަބްލިކް ވޯކްސްގެ ދާއިރާގެ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް އޮތުމާއެކު ގައުމީ ސިޔާސަތު ކަނޑައަޅާ ވިލެރެސްކޮށް ހެދުމުގައި އެލްޖީއޭއަށް ލަފަޔާ އިރުޝާދުދީ އެހީތެރިވުމަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗަރގެ ކަމެއްކަމުގައި ކަނޑައެޅިދާނެއެވެ.
- ކޮމިޔުނިކޭޝަން:
ކޮމިޔުނިކޭޝަންގެ ދާއިރާ އަކީ އެތެރެއާއި ބޭރާ ގުޅިފައިވާ އާއްމު މަސްލަހަތާއި ސަލާމަތާއި މާލީ މަސްލަހަތުތަކާއި ކުށުގެވެއްޓާ ޓެކްނޮލޮޖީއާއި ގުޅިލާމެހިފައިވާ ދާއިރާއެކެވެ. ކޮމިޔުނިކޭޝަންގެ ހުރިހާކަމެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ތެރެއިން ކުރުމަށްވުރެ މުހިންމު އެހެންކަމެއް ނުވެސް ނެތްކަމަށް ބެލެވެއެވެ.
އެހެންކަމުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް އަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ލާމަރުކަޒީ ނިޒާމުގެ ބާރުކަނޑުވާ ލުމުގެ އިތުރަށް ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެގެން ދާނެ ބޭކާރު މިނިސްޓްރީއެކެވެ. އައު ސަރުކާރުގެ އޮނިގަނޑަށް ރުހުން ދިނުމުގައާއި ވަޒީރުންނަށް ރުހުން ދިނުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރނަންސް އެންޑް ޕަލިކް ވޯކްސް އާއި ދޭތެރޭގައި ރައްޔިތުން މަޖިލީހުން ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ.
2023 ގެ ބަޖެޓް ބަހުސްގައި ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރ ހިސާން ހުސޭން މަޖިލީހުގެ ސަމާލުކަމަށް ގެންނެވި އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ލޯމަރާލައިގެން ވާން އޮތްކަމެއް ނޫނެވެ. ކަމަކީ އެހާމެ ހައްސާސު އަދި ކައުންސިލްތަކުގެ ކަންބޮޑުވުން ނިހާޔަތަށް އޮތްކަމެކެވެ. ކައުންސިލްތައް ރައީސް މުއިއްޒުގެ ޖީބަށްޖެހުން ހުއްޓުވަންޖެހެއެވެ.