ސްޓެލްކޯއިން އަނެއްކާވެސް އައު އިސްނެގުމެއް

އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުން

ސްޓެލްކޯއިން އަނެއްކާވެސް އައު އިސްނެގުމެއް

އާމްދަނީއެއް ނުލިބޭފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް، ސްޓެލްކޯއިން މިހާރު ވަނީ ނިންމާފައެވެ. އިޖުތިމާއީ ހިދުމަތަށް ނެގޭ އަގު ކުޑަކުރަނީ ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާޢީ ކެޓަގަރީ"އެއް އިތުރު ކޮށްގެންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އާއްމު އިޖުތިމާޢީ ހިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިންކަމަށެވެ. ވިޔަފާރި ޓެރިފަކީ، ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެކެވެ. އެހެންކަމުން އާއްމު ހިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ސްޓެލްކޯގެ ވިސްނުން މިހާރު ބަހައްޓާފައިވަނީ އާމްދަނީ ނުލިބޭ، އާއްމު ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ބަދަލު ގެނައުމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ކޮށްގެން އެބަދަލު ވަރަށް އަވަހަށް ގެނައުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯގެ ހީވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅިވާ ގޮތުގައި މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި މަގުތައް އަލިކުރުން ފަދަ މިކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫނެވެ. އެހެންވީމާ މި ދާއިރާތަކަށް ޚާއްސަކޮށް "އިޖުތިމާއީ ކެޓަގަރީ"އެއް އުފެއްދުމަށް ޝަރީފަށް ފެނިވަޑައިގަތީއެވެ. އެކަމަށް މަޝްވަރާ ކުރަމުން ފެށީއެވެ. ޝަރީފު ވިދާޅުވާ ގޮތުން މިހާރު އެތަން ތަނަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް އަދި ގެސްޓް ހައުސް ފަދަ ވިޔަފާރިތަކާއި އެއްހަމައެއްގައި އަގު ނަގާ ތަންތަނެވެ.

ސްޓެލްކޯއިން ކަރަންތް ޓެރިފަށް ގެންނަން ނިންމާ މި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އިޖުތިމައީ ޒިންމާގެ ދަށުން ސްޓެލްކޯއިން ނަގާ އިސްނެގުމެކެވެ. މާލެ ސިޓީގައި ވިޔަފާރި ތަކުގެ ކަރަންޓު ބޭންޑުގެ 300 ޔުނިޓުން ފެށިގެން 10000 ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.