ސިއްޕެއަށް: ހަރާން ކޯރުވުމުގައި ތިވަރެއް ނެތް!
މިނިސްޓަރ ކަމުގައިހުރެގެން ކުރާހާ ކަމެއް ކުރަނީ ސަރުކާރު ވާގިނައްތާ ލުމަށް
ބޮނޑިއެއް ބޯން ހޭނާރާ މަރުފަލި ޖަހަނީ ކޮންބައެއްކަން ވަރަށް ސާފެވެ. ވަޒީރުންނަކީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭ ބަޔެކެވެ. އަމްދުން ވަޒީރުންގެ މަޖިލިސްގައި ނުހިމެނޭ ވަޒީރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދަރީވާން ޖެހޭ ބަޔެކެވެ. އެ ވަޒީރަކީ ހުރިހާ ހާލަތެއްގައި ވެސް ރައީސްގެ ސިޔާސަތުތައް ދިފާއުކޮށް ކުރިއަރުވަން ޖެހޭ މީހެކެވެ. އިގްރާރެއްގައި ސޮއިކޮށްގެން މަގާމު ހޯދާ މުސާރަ ނަގައިގެން ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނަނީ ރައީސަށް ހަރާން ކޯރުވާކަށް ނޫނެވެ.
ޕާޓީއެއްގެ ސްލޮޓްގައި ސަރުކާރުން މަގާމު ލިބުމަކީ ސަރުކާރުގެ ސިޔާސަތުތައް އޮޅާލާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެހެން މީހަކު އިސް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ލިބެވޭ ބާރުގެ ތެރެއިން ރައީސްގެ ސިޔާސަތުތައް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި އެހެން މީހެއްގެ އެޖެންޑާ ހިންގުމަށް މީހުން ލައްވައިގެން ސަރުކާރު ތެރޭގައި ކަތުރު ފަނި އެޅުވުމަކީ ވަޒާރެއްގެ މަސްއޫލިއްޔަތެއް ނޫނެވެ.
އެހެން ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރ ކަމުގައި ހުރެ ކުރި ހުރިހާ ކަމެއް ކުރީ ސަރުކާރު ވާގިނައްތާ ލުމަށެވެ. އިތުބާރު ކުރެވޭ އަދި ކަންވާ މަގާމެއްގައި ހުރެ ވަކި ވިސްނުމެއްގެ ބަޔަކު ސިޔާސީ މަގާމުތަކަށް އިސްކުރުވައިގެން ކަންކަން ލަސްކޮށް ފަސްކޮށް ރައީސް ކުރީ ބަދުނާމެވެ. އެމްޑީޕީގެ ނައިބު ރައީސަށް ވީތީ އެ ކަމުގެ ނާޖައިޒު ފައިދާ ނަގައިގެން މުޅި ސަރުކާރު ފޮރިބޮއެފައި އޮތް މަސްގަނޑަކަށް ހަދާލަން ހުރިހާ ދިމާލަކަށް ވެސް ކަތުރުފަނިތައް ވައްދާ މުޅި ނިޒާމް ގަޑުބަޑު ކުރަން ދިމާކުރިއެވެ. މި ސަރުކަރަށް ނިސްބަތް ކުރާ ކޮރަޕްޝަންގެ ގިނަ އަމަލުތައް ވެސް ހިންގުވުމުގެ މުގުލުގައި ހުރީ ސިއްޕެއެވެ. ވެންޓިލޭޓަރެއް އެހެން ކަމެއް ކިޔާނެކަމެއް ނެތެވެ. ސިއްޕެ އިސްވެހުރެ ހިންގަފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ.
ރައީސްއަށް ވަފާތެރިވެ އިހުލާސްތެރި ކަމާއެކު މަގާމުގެ ޒިންމާ އުފުލަން އިގްރާރުވެގެން މަގާމުގައި ހުރެ އިގްރާރާއި ހިލާފްވުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ސިޔާސަތުތައް ކަމުނުދަންޏާ އިސްލާހު ކުރަން މަސައްކަތް ކުރާނީ މަސްވަރާ ކޮށްގެނެވެ. ތިމާ ބޭނުންހާ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރާކަށް ލާޒިމެއް ނުވާނެއެވެ. ސިޔާސަތު ކުރިއަށް ގެންދަނެގޮތް އެނގެނީ ރައީސް ކަމުގައި ހުންނަ މީހައަށެވެ. ސިޔާސީ ގޮތުން އައްޔަނުކުރި މަގާމުގައި ހުރިހާ ދުވަހަކު ނުރުހުނަސް ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. ތެދުވެރި ކަމާއެކުގައެވެ. ބޭނުންވާ ބަދަލުތައް ގެނައުމަށް މަސްވަރާކޮށްގެން އެދޭގޮތަށް އިސްލާހު ނުވެއްޖެނަމަ އިހުތިޖާޖު ކުރަން ޖެހޭނީ މަގާމުން ވަކިވެގެންނެވެ.
ރައީސް އައްޔަނު ކޮށްފައި އޮތް މަގާމެއްގައި ހުރެ ރައީސް ކަމުނުގޮސްގެން އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅޭބަޔަކު ދައުލަތަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެއެވެ. އެފަދަ ނުރައްކާތެރި ކުނި ބުނި ސާފުކޮށް ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ބާރު ސްޕީޑްގައި ތަންފީޒް ކޮށްދޭން ޖެހެއެވެ. ރައްޔިތުންނަށް ލުއިފަސޭވެ ތަނަވަސްކަން އިތުރުކޮށް ދެވުމުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދާ ރުހުން ހޯދަން ވަކި މީހަކު ރުއްސަން އުޅޭކަށް ނުޖެހޭނެއެވެ.