ނެތް ހަސް ދައްކަން ޓްވިޓަރުން ފޮނުއަރުވާ ފިނިފެންމާ

ފުޅިއްސާލަން ލިބި އަތުން ބީވެ ދުވަސްތަކެއް ވޭތުވެ ދާތީ ދެރަވާނެ

ނެތް ހަސް ދައްކަން ޓްވިޓަރުން ފޮނުއަރުވާ ފިނިފެންމާ

ދައުލަތް ފުޅިއްސާލަން ލިބި އަތުން ބީވެ ދުވަސްތަކެއް ވޭތުވެ ދާތީ ދެރަވާނެއެވެ. އަސަރުކުރާނެއެވެ. ނޯށުންރޮއެ ހޭރޭނެއެވެ. އިކޮނޮމިކް ވަޒީރުކަން ގެއްލި ލިބި އޮތް މޮޅުން އަތް ދޮވެލައިގެން ހުންނަން ޖެހުމުން ފިނިފެން މަލެއް ކަމަކު މޯޅިވެ ކަރިތައް ކަރުގަނޑުން ލުހި ބިމަށް ވެރޭނެއެވެ. ފިނިފެން މަލަކަށް ވެސް އަބަދަކު ފޮޅުނު ގޮތަކަށް ނުމިލާ މޯޅިނުވެ އެއް ނުއިނދެވޭނެއެވެ.

ބޮޑު މަހުޖަނުގެ ތޮއްވަރީ އިނދެ ކޮރަކައްޔެއްހެން ބޮޑުވެ ދޯކާދީ މުލުވަގު ގޭންގަށް ވަދެވުނަތީ ތުރާ ކުނަލެއް މައްޗަށް އުފަންވިކަން ހަދާން ނެތި ވައްކަމަށް ފާސްޓް ވުމަކީ ގަދަކަމެއް ނޫނެވެ. އަމިއްލަ އުފަންވެއްޔަށް ކުލުނު ކެނޑި މާ ވަށްވައް ޖަހާ، ގޮނޑިއެއް ހޫނު ކުރަން އިނަކަސް ކަނީކީ ވަކިން ހަލާލު އެއްޗެއް ނޫނެވެ. ދާއިރާގެ ތަކުންނަށް ކަމެއް ކޮށްނުދީ މުލުވަގު ތަހުތުގައި ވަޑުވަން އުޅުމަކީ ގިނި ދިރުވުން ނޫން ކަމަކަށް ނުވާނެއެވެ.

ފަސް އަހަރު ވަންދެން ކުރިހާ ވެސް ކަމަކީ ދައުލަތް ވީދަ އިރައިގެން ކެއުމެވެ. ފަހާ ބޭރުކޮށްލީމާ މާ ވަށްވަށް ޖަހާނެކަމެއް ނެތެވެ. ސްލޯނުވެ ހަލުވިކޮށް ކުރިކަމަކީ ކޮބައިކަން ނޭނގޭ މީހަކު ނެތެވެ. ބާރުތަކުގައި ބަގުޑި ބައްދައިގެން ތިބެ ހަލުވިކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ފެނާ ނަރުދަމާ އަޅާ އިންޖީނުގެތައް އަޅާ ނިންމާފައި ހުރިނަމަ އެހެން ބަޔަކަށް ސްލޯކޮށް ވެސް އެކަންކަން ކުރާކަށް ނުޖެހުނީހެވެ.

ތުރާކުނަށް ނިސްބަތް ވީތީ ލަދުން ދެފައި ގާތްނުވެ ފިނިފެންމާ ހެދިގެން މާ ވަށްވަށް ޖެހިޔަސް ތިޔަހެން މާ ވަށްވަށް ޖެއްސަސް ބަލާ އާދަމު ދަރިއަކު ނެތެވެ. ސިޔާސީ ބުރަދަނެއް ހުރި މީހެއްކަން ދައްކަން ޓްވިޓަރު އަތްގަޑަށް ވަރުބޭލިޔަސް ތިޔަ މަލެއް ދެން ނުފޮޅޭނެއެވެ. ފިސްވެ ޗިސްވެ ވެއްޔަށްވުން ނޫން ގޮތެއް ފިނިފެން މަލަކަށް ދެންނެތެވެ.