ބޭންކެއް ގެނެސްގެން އިތުރު ކުރެވޭނީ ދަރަނި،

ކޮންމެ ބޭންކަކީ ދަރަނި މެޝިނެއް

ބޭންކެއް ގެނެސްގެން އިތުރު ކުރެވޭނީ ދަރަނި،

ޑޮލަރުގެ އަދަދާއި ރުފިޔާގެ އަދަދު އިތުރުކުރެވޭނީ ބޭންކެއް ހުޅުވައިގެނެއް ނޫނެވެ. ކޮންމެ ނަމެއްކިޔާފައި ބޭންކެއް ހުޅުވިޔަސް ޑޮލަރެއްވެސް ރުފިޔާއެއްވެސް އިތުރެއް ނުވާނެއެވެ. ހުޅުވާ ކޮންމެ ބޭންކަކުން އިތުރު ކުރުވާނީ ދަރަންޏެވެ. 

ދިވެހި ރައްޔިތުން އުފައްދާ ތަކެއްޗާއި އުފައްދާ ހިދުމަތް އިތުރުކޮށްގެން ނޫންގޮތަކަށް ޑޮލަރެއް ރުފިޔާއެއް އިތުރެއް ނުވާނެއެވެ. ކަނޑުފަޅާއި ބިމާއި ގުދުރަތީ މުއްސަދިކަން ތަންމިނަށް ރާއްޖޭގައި އޮތް ކަމަށް ވިޔަސް ނަފާވެރި އިގްތިސާދަކަށް ރާއްޖެ ފަހިކުރެވޭނީ ހިވާގި މުރާލި ރައްޔިތެއް އޮވެ ޖީބުނުކަނޑާ ސަރުކާރެއް އޮވެގެނެވެ. 

ހަފޮޅުން ބޭރަށް ތަރައްގީގެ ވިސްނުން ނެރެގެނެވެ. ރާއްޖޭގެ ތޮށިން ބޭރަށް ނެރެވިފައި އޮތްހާވެސް ކަމަކީ ޓޫރިޒަމެވެ. ހަގިގަތުގައި މަސްވެރިކަން އަދިވެސް ކުރެވެނީ ލައިގެން ކާއެއްޗެއް ހޯދަން ކުރެވޭކަމެއްގެ ގޮތުގައެވެ. އެހާވެސް ހަނިކޮށެވެ.

ދައުލަތުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރިތަކަށް ނުވަދެ ހޯދޭނެ މޮޅެއް ނެތެވެ. ބިން އޮތް މީހުން އޮތް ޑިމާންޑް އޮތް ތަންތާ ރިއަލް ސްޓޭޓް ވިޔަފާރި ނުކުރާންވީ ކީއްވެ ހެއްޔެވެ. ޑެއިރީ ފާމްތަކާއި ފުޅާ ދައިރާއެއްގައި ހަރަދުކުޑަކޮށް ބޮޑު ނަފާލިބޭނެ ކަންކަން ކުރަން ނޭނގިފައި އަބަދު ސަލާން ޖެހުމާ ލޯނުނެގުން ނޫންކަމެއް ނުކުރެވިގެން އުޅެއުޅެ ދުނިޔޭން ދުވަހެއް ދުއްވާލަ ދުއްވަލާ ތިބޭނީ ކިހާ ދުވަހަކު ހެއްޔެވެ. 

ޑޮލަރާއި ރުފިޔާ އިތުރުވަނީ އުފައްދާ ތަކެއްޗާއި ހިދުމަތް އިތުރު ކޮށްގެންނެވެ. ޓައީއެއް އަޅައިގެން އޮފީހަކަށް ހެނދުނު ގޮސް، ހުސް އަނގަ ތަޅާފައި، ކޮފީ ބޮއެފައި، ގިނަގިނައިން ދެހަން ބީއްސާފައި ، ގެޔަށް ވަދެ ނިދުމަކުން އިތުރުވާ ޑޮލަރެއް ރުފިޔާއެއް ނޯންނާނެއެވެ.