އިލްޔާސްގެ ވަރަކޮށާލަން ކާމިނީން ތޫނުކުރި ކުރަފަތް!

އިލްޔާސާ ދެކޮޅަށް ކާމީނީ ވިންގުން މާލޭގެ ގޮނޑިއަށް ނެރުނު ޒުވާނާ

އިލްޔާސްގެ ވަރަކޮށާލަން ކާމިނީން ތޫނުކުރި ކުރަފަތް!

މައުމޫނިޒަމްގެ ރަންޒަމާނުގައި މައުމޫނު ވެރިކަން ކުރެއްވީ ދޭދޭ މީހުން ޖައްސައިގެންނެވެ. ރަށެއްގައި އެންމެ ނުފޫޒު ގަދަ ފޯރާމީހާއާއި އެރަށެއްގެ ކަތީބާ ތިބެނީ ޖައްސާފައެވެ. ކަތީބުންނާއި ކުޑަ ކަތީބުންނާ ތިބެނީ ޖައްސާފައެވެ. ގާޒީއާއި ރަށު ވެރިންނާ ތިބެނީ ޖައްސާފައެވެ. އެ އެންމެން އެންމެންނާ ޖެހިފައި ތިއްބަސް އެންމެން ވެސް މައުމޫނާ ގުޅުން ބަރާބަރެވެ. ރާއްޖެތެރެ އެހެން އޮންނައިރު ކެބިނެޓް ވެސް ދޭއް ނުވަތަ ތިން ވިންގަށެވެ. ޖެހި ފިތި ބާރު ވެފައެވެ. ވެރިކަމުގެ ދެފަރާތު ދެ އާއިލާ ވެސް އޮންނަނީ ރަނގަޅަށް ޖައްސާ އަލިފާން ކަނޑުވާލާފައެވެ. އެންދެރި ކާމިނީގެ ޖެހުން މުޅި ސަރުކާރާ ރައްޔިތުންނަށް މުސީބާ ތަކަށް އޮތީ ހަދާފައެވެ. ކާމިނީ ބާރު ސަރުކާރު ތެރެއަށް ގަދަވެ ގަންނަ އިރު އެންދެރީގެ ބާރު ތައް އޮންނަނީ ކުޑަ ކަކުލަށް ތިރިކޮށްފައެވެ. އެންދެރީގެ ބާރު ހިނގައިގަންނަ އިރަށް ކާމިނީ ހުދުފުށް ވެއެވެ.

އެންދެރި ވިންގްގައި ނަގާ ކިޔަނީ އިލްޔާސް އިބްރާހީމާއި އައްބާސްއެވެ. ކާމިނީ ވިންގްގައި ނަގާ ކިޔަނީ އަބްދުﷲ ހަމީދާއި ޔާމީނެވެ. އެކަކަށް ބާރުތައް އޮންނަ އިރު އަނެކަކު ހުންނަނީ އަރިމަތީގައި ހަވާސާ ކުރެވިފައެވެ. ސިޔާސީ ކޯޅުމާ އެއްބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށް ތުހުމަތުތައް އަޅުވާ ވަރަކޮށާލައެވެ. ނަތީޖާ ނެރުމާ ތަފާތު ދެއްކުމުގައި ކާމިނީއަށް ވުރެ ކުރީގައި އޮންނަނީ އެންދެރިއެވެ. ނަތީޖާއެއްގެ ގޮތުން އިލްޔާސް އިބުރާހީމަކީ ރައްޔިތުންގެ ތެރޭގައި މައުމޫނަށް ވުރެ ވެސް މަގުބޫލު މީހަކަށްވެފައި ވަނީ މަދެއްކޮށް ނޫނެވެ.

އިލްޔާސް އިބްރާހީމްގެ މަގުބޫލުކަން ބޮޑުވެ މަލޭގެ ރައްޔިތުން މަޖިލީހުގެ ދެ ގޮނޑިއަކީ އިލްޔާސް އިބްރާހީމް ބޭނުންފުޅުވެ ވަޑައިގަންނަވާ ބަޔަކަށް ނޫނީ ނުލިބޭ އެއްޗެއް ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮތެވެ. ކާމިނީ ވިންގަށް އެ ކަމަކީ ހަޖަމް ކުރެވޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ކާމިނީ ވިންގްގައި މާލޭ މީހުން ބަލައިގަންނަ މަގުބޫލު އެއްވެސް ޝަހުސިއްޔަތެއް ނެތެވެ. އެހެން ކަމުން މަޖިލީހުގެ ގޮނޑިއަށް އިލްޔާސް އިބްރާހީމާ ވާދަކޮށްލަން ކާމިނީ ވިންގްގެ މަދަދާ އެކު ނެރެލެވޭ ވަރުގެ މާލޭ މީހަކު ހޯދުމަށް އަތްފުނާ އެޅިއެވެ. އެފަދަ މީހަކު ހޯދުމުގައި މައުމޫނަށް ވަފާތެރި ބޮޑު އާއިލާ އަކަށް ނިސްބަތްވާ ޒުވާނަކަށްވުން މުހިންމު ކަމަށް ކަހީނުންގެ މަޝްވަރާ ލިބުނެވެ.

މުޅި މަލޭގައި އަތްފުނާ އަޅައިގެން ކާމިނީ ވިންގަށް ރަނގަޅު ޒުވާނަކު ފާހަގަ ކުރެވުނެވެ. މާލޭގައި ނަގާކިޔާ ބައިބޯ މުއްސަދި އައިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މާލޭގެ އެންމެ ސަޕޯޓަރުން ގިނަ، ކާމިޔާބު ކްލަބް އަކަށް ނިސްބަތްވާ ގެއެއްގެ ދަރިއެކެވެ. އިނގިރޭސި ވިލާތުން ކިޔަވައިގެން ހުރި ޖެހެލުން ކުޑަ ޒުވާނެކެވެ. މައުމޫނު އަރިހުގައި ކޮންމެ ހަފްތާއަކު އާރަށަށް ވަޑައިގެން ކްރިކެޓް ކުޅުއްވާ މުއްސަދި ބޭފުޅެއްގެ ދަރިކަލެކެވެ. އިލްޔާސާ ވާދަކޮށްލަން ކާމިނީ ވިންގަށް އެއަށް ވުރެ ވަކީން ރަނަގަޅު ޗޮއިސްއެއް ނުފެނުނެވެ.

ކާމިނީ ވިންގްގެ ޗޮއިސްއަކަށްވީ ކެރަފާ އާއިލާއާއި މަދަރުސާ ދޮށުގެއަށް ނިސްބަތްވެ ތާގީދޮށުގެއާއި އެނޫންވެސް އެތައް ބޮޑެތި އާއިލާތަކާއި އާއިލީގޮތުން ގުޅި ސިއްކަ ޖެހިފައިވާ ޒުވާނެކެވެ. އޭރަށް ކަމުދާ ވަރުގެ ބޭރު ތައުލީމެއް ލިބިފައި ހުރި ހުރުމާއި ބޮޑު ކްލަބަކަށް ނިސްބަތް ވުމަކީވެސް ޗޮއިސް ކަމުދިޔަ އެއް ސަބަބެވެ. އަނެއްކާ މައުމޫނު އަރިހުގައި އެންމެ މަގުބޫލު އެއް ފަހުލަވާނުގެ ދަރިއަކަށް ވުމުން ޗޮއިސް ޗޮއިސަކަށް ލާފުރާ ފުރިހަމަ ވިއެވެ.

އިލްޔާސް އިބްރާހީމާ ދެކޮޅަށް ކާމީނީ ވިންގުން ރައްޔިތުން މަޖިލީހުގެ މާލޭ ގޮނޑިއަށް ނެރެން ނިންމި ޒުވާނަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) އެވެ. އެހެން ކަމުން އެ ދުވަސްވަރު ކެނެރީއާއި ކާމިނީ އާއިލީ ގޮތުން ގުޅުވާލަން ނަޝީދުއާއި އަބްދުﷲ ހަމީދުގެ ދަރިކަނބަލަކާ އަންނިއާ ލޯބީގެ ގޮތުން ގުޅުވާ ލެވުނު ކަމަށް ތުންތުން މަތީން ކިޔާ އުޅުނެވެ.  

އިލްޔާސް އިބްރާހީމްގެ އޮފު ކަނޑުވާލުމަށް ސަރުކާރު ތެރެއިން މައުލޫމާތު ފޯރުވާދީ "ސަންގު" ނެރުމުގެ ހުރިހާ ކަމެއްގައި ފައިސާއާއި އެހެނިހެން ކަންކަން ހަމަޖައްސާދިނީ ކާމިނީ ވިންގުންނެވެ. އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީނެވެ. ޒާހިރު ހުސައިންނާއި އަހުމަދު އަބްދުﷲ ފަދަ އެ ވިންގްގެ އެތައް ބައެއްގެ އެހީތެރި އަތްތައް އަންނިއާއި އެކު އޭރު އޮތެވެ. އެ ގޭސް ގަނޑުގައި އިލްޔާސްއާއި މާކުން ސަޓޯއާއި އެ ނޫން އެތައް ބައެއް އަނދާ ހުލިވެގެން ދަވަރު ވިއެވެ. ޒަމާން ދުއްވާލާ ހިންދަމާ ނުލެވޭވަރުކޮށް ބޮޑެތި ވަގުންގެ ގޮތުގައި އެތައް އާއިލާއެއް އިނދަޖައްސާލާ ހިންދަމާނުލެވޭ ވަރަށް ގުރުބާންކޮށްލިއެވެ. އެ ހަގީގަތް އޮތީ އެހެނެވެ.

ޑިމޮކްރަސީގެ ޗެމްޕިއަން ހެދިގެން އަތްގުޅި ނުވާވަރުގެ ކަރާ ފެޅިޔަސް ކާކަކީ ކާކުކަން ދަންނަ މީހުން ވަރަށް ގިނައެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އަންނިއަކީ އިލްޔާސް އިބުރާހީމްގެ ވަރަކޮށާލަން ކާމިނީ ވިންގުން ތޫނުކުރި ކުރަފަތެެވެ.