އެންމެ މަގުބޫލުކަން ކުޑަ ރައީސްގެ ވޯލްޑް ރެކޯޑް މުއިއްޒަށް
ރައްޔިތުން ނިކުމެ ބޮލާފޮށާއަޅުވާ ސައްޕުޖަހާ ބޭރުކޮށްލާނެ
ރާއްޖޭގެ ރައްޔިތުން މިވޭތުކުރި އެއް އަހަރަކީ ގިލަންވެރިކަމުގެ އެއް އަހަރެވެ. ރާއްޖޭގެ ތާރީހުގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއްކޮށް އެންމެ ހިތި ނަތީޖާއެއް ލިބުނު އެއް އަހަރެވެ. 2023 ވަނައަހަރުގެ ފަހު ދޮޅުމަހަށް ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓާއި 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓާއެކު ޖުމްލަ 55.8 ބިލިޔަންގެ ބަޖެޓް އެންމެ 11 މަހުން ދިރުވާލީ ފެންފޮދަކާވެސް ނުލައެވެ.
ވެރިކަމުގެ ފުރަތަމަ 15 ދުވަހުން 11 ދުވަސް ހޭދަކުރީ ގައުމުން ބޭރުގައެވެ. މުޅި އަހަރުގެ އެތައް ދުވަހެއް ދުއްވާލީ ދުނިޔެ ބަލައިލުމަށް އުދުހުމުގައެވެ. ބޭރަށް ކުރާ ކޮންމެ ދަތުރެއް ކުރަނީ 50އަށް ވުރެ މަދު ނޫން ބޮޑު ފައުޖެއް ގޮވައިގެނެވެ. އަނެއްކޮޅުން ވަޒީރުންނާއި ސިޔާސީވެރިން ބައި ހަދާފައި ރާއްޖޭން ބޭރަށް ކުރި ދަތުރު ގުނާ އަދަދު ނުކުރެވެއެވެ. ނައިބު ރައީސް ވެސް އެހާވަރަށް ދުނިޔެ ތެރޭގައި އުދުހުނެވެ.
ފަސްޓް ކްލާހުގައި ދަތުރު ކުރުމަށާއި އަގުބޮޑު ހޮޓާތަކުގައި ތިބުމަށް ކޮންމެ ފަހަރަކު ދައުލަތުން ކުރިހޭދަ ކެނެޑާ ފަދަ ފޯރާ ދިގުވެފައިވާ މުއްސަދި ގައުމަކުން އަހަރެއްގެ ތެރޭގައި ކުރާ ހޭދައަށް ވުރެ އެތައް ސަތޭކަ ގުނަ ބޮޑެވެ. އިގުތިސާދީ ބަލިމަޑު ކަމެއްގައި އޮތް ގައުމެއް ކަމެއް ހިތަށްވެސް އަރާނުލައެވެ. ހަރަދުތައް ސިއްރުކޮށްގެން ދައުލަތް ދަވާލުމުގައި އަހަރު ދުވަހު ތިބީ ލަވަކިޔާލާފައެވެ.
ހަރަދުތައް ހާމަ ނުކުރިޔަސް ތަހުގީގީ ނަޒަރުން އެކި ފަހަރު މަތިން އެކިމީހުން ހޯދި ހޯދުންތަކުން މުއިއްޒުގެ ހައިބަތު ބޮޑުކޮށް ފާޓުފުޅާކުރުމަށް ހައްދެއް ނެތް މިންވަރަށް މިދިޔަ އަހަރު ދައުލަތުން ހަރަދުކޮށްފައިވެއެވެ.
- ހުވާ ކުރުމަށް 26 މިލިއަން ރުފިޔާ ވަނީ ތަޅާލާފައެވެ.
- މުލިއާގެ މަރާމާތަށް 25 މިލިއަން ރުފިޔާ ހަރަދުކުރިއެވެ.
- ހިލާލީގެ މަރާމާތުކުރުމުގެ ނަމުގައި 15 މިލިޔަނަށްވުރެ ގިނަ ފައިސާ ހޭދަކޮށްލިއެވެ.
- މުރައިދޫގެ މަރާމާތަށް 18 ވަރަކަށް މިލިޔަން ވަނީ ފުޅިއްސާލާފައެވެ.
- ވަޒީރުންނަށް 20 ކާރު ގަންނަން 140 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިސްރާފުކުރިއެވެ.
- އީދު ފާހަގަކޮށް ކުލަބޮކި ދިއްލަން 60 މިލިޔަން ހޭދަކޮށްލިއެވެ.
- މުއިއްޒާއި ވަޒީރުން ބޭރަށް ކުރި ދަތުރުތަކަށް ގާތްގަޑަކަށް 8 ބިލިޔަންނަށްވުރެ ބޮޑަށް ހަރަދުކުރިއެވެ.
- ތުރުކީން ޑްރޯން ގަންނަން 500 މިލިޔަން ހަރަދުކުރިއެވެ.
- އިންޑިއާއަށް ޗެލެންޖުކުރަން ދައްކަން ނުޖެހެނީސް 300 މިލިޔަން ޑޮލަރ ދެއްކިއެވެ.
- ކޮންމެ 15 ދުވަހަކުން މުއިއްޒުގެ ދެމަފިރިންގެ އާއްމު ހަރަދަށް 150 މިލިޔަން ހަރަދުކުރާ ކަމަށްވެއެވެ.
- ސިޔާސީ މުއައްޒަފުންނަށް މުސާރަޔާއި އިނާޔަތުގެ ގޮތުގައި ހޭދަކުރާ ފައިސާގެ ވާހަކަ ދެއްކުމެއް ނެތެވެ.
ބަޔާން ކޮށް މިލެވުނީ މުއިއްޒު ސަރުކާރުން އެއް އަހަރު ތެރޭގައި ދައުލަތުން ކައްވާލި މިންވަރުން ކުޑަ މިންވަރެކެވެ. 49.3 ބިލިޔަންގެ ބަޖެޓުން ފެންފޮދަކާ ނުލާ ދިރުވާލި 31 ބިލިޔަންގެ ތަފްސީލް ދެވެން ނެތީ އެހެން ވެގެންނެވެ. ރައްޔިތުންނާ ހަމަޔަށް ތަފްސީލްތައް ތިލަ ވެއްޖެނަމަ ރައްޔިތުން ނިކުމެ ބޮލާފޮށާއަޅުވާ ސައްޕުޖަހާ ބޭރުކޮށްލާނެކަން މުއިއްޒަށް އެނގެއެވެ.
ހައްދަވައިގެން ރައްޔިތުންނަށް ވީރަނގަޅެއް މޮޅެއް ނެތެވެ. މުއިއްޒު ވެރިކަމަށް ގެންނަން ޖާނާ މާލުން ގުރުބާންވި މީހުންގެ ތެރެއިން މުއިއްޒުގެ ޕޭރޯލުގައި ނެތް ކޮންމެ މީހަކު ހުރީ ފުސްމޫނު ހަދާފައެވެ. ހޮވާދެވުނު މޮޔަ ހީވެފައެވެ. ވެރިކަމަށް އެރުމާއެކު ދުވަހެއް ދުވަހަކަށް އެންމެ ބޮޑަށް މަގުބޫލުކަން ގެއްލުނު ރައީސްގެ ވޯލްޑް ރެކޯޑް މުއިއްޒަށް ހައްގުވެއްޖެއެވެ.