މާލޭ މޭޔަރަކަށް ބޭނުންވަނީ ދަރަނި ބޮލެއް ނޫން
ފަސްކޮށް ލަސްކޮށް ދިގުދެންމުން ނޫންކަމެއް ބަނގުރޫޓް ލޯޔަރަކަށް ނުކުރެވޭނެ
ލާމަރުކަޒީ ގާނޫނުގައި ސަރުކާރުން އަޅާހާ ބަތަކަށް ރިހަވާ ބަޔަކު ސިޓީ ކައުންސިލްގައި ތިބޭ ގޮތަށް އޮންނަ ނަމަ ވާދަވެރި އިންތިހާބަކުން މެންބަރުންނާއިމޭޔަރު އިންތިހާބު ކުރާކަށް ނުޖެހޭނެއެވެ. މޭޔަރަކަށް ގެންނަންވާ މީހާ ސަރުކާރަށް އެގެންޖެހޭ ގޮތަށް އޮންނަ ނަމަ އިންތިހާބެއް ބާއްވައިގެން މޭޔަރަކު ހޮވާކަށް ވެސް ނުޖެހޭނެއެވެ.
ރައްޔިތުންގެ ގިނަ ބަޔަކަށް ފެންނަނީ މޭޔަރަކަށް ސަރުކާރުގެ ޕަޕެޓެއް ބަހައްޓަން ކަމަށް ވާނަމަ ރައްޔިތުން މޭޔަރަކަށް ހޮވާނީ ޕަޕެޓެކެވެ. ސަރުކާރުގެ ކުޅޭކުޅޭ ބުދެއް ހޮވަން ބޭނުން ނުވަންޏާ ރައްޔިތުން ހޮވާނީ ސަރުކާރުން ކިޔާހާ ލަވަޔަކަށް ނުނަށާނެ މޭޔަރެކެވެ.
ސަރުކާރުން ކުރާހާ ކަމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރަނގަޅު ކަންކަމަށް ނުވެދާނެއެވެ. އެހެންކަމުން ސަރުކާރުގެ ޕަޕެޓެއް މޭޔަރަކަށް ހޮވައިގެން ރައްޔިތުން އެދޭ މޮޅާ ރަނގަޅު ނުވުން ކައިރިއެވެ. ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތް ކުރާނަމަ މޭޔަރަކީ އެއްކޮޅު ނުވަތަ ދެކޮޅު ޕާޓީއެއްގެ މީހަކަށް ވުމަކުން ރައްޔިތުންނަށް ލިބޭނެ ދެރައެއް ނެތެވެ.
ހަމަ ރަނގަޅަށެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އުފެދުމުގައިވެސް ބާތިލު ގާނޫނީ ލަފާދީގެން ދައުލަތުން އެތައްސަތޭކަ މިލިޔަން ޑޮލަރެއް ނަގާލާފައިވާ އަދި އިތުބާރު ގެއްލިގެން މަގާމު ގެއްލި އޮފު ކެނޑިފައިހުރި ބަންޑާރަ ނައިބެއް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ މާލޭ މީހުނަށް މާލެ ސަރަހައްދުން ގޯތިދޭތީ ދެފައިކައިރި ނުވެގެން ޓްވިޓަރގައި އަޑު އުފުލި ބޭނޭ ނާޅިއެއް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ ފައިލު ބޮޑި ބަނޑުދަށު ލައިގެން ކޯޓަށް ހިގާނެ ލޯޔަރެއް ވެސް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އެއްޕާޓީން އަނެއް ޕާޓީއަށް ދުވެ އެތޯހެވީ މިތޯހެވީ ބަލާ އޮއެ ކަނދެއް ވެސް ނޫނެވެ.
މާލޭގެ މޭޔަރަކަށް ބޭނުންވަނީ މީހަކާ ގުޅިގެން އުފާވެރި ހަޔާތެއް ހޯދަން ނޭނގިފައިހުރި މަވެތި އެކަނިވެރި މައެއްވެސް ނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ އުމުރުގެ ބޮޑުބައިގާ ގައުމުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި ހުރެ އަންހެނުން ބާރުވެރި ކުރުވުމުގައި ފޭލިވެފައި ހުރި ކަނބަލެއް ވެސްނޫނެވެ. މާލޭގެ މޭޔަރަކަށް ބޭނުންވަނީ ލަގްޒަރީ ދިރިއުޅުމަށްޓަކާ ދަރަނިވެރިވެ ދަރަނިން ބޯހިކެންނެތް ދަރަނި ބޮލެއްވެސް ނޫނެވެ.
ވިސްނާ ފިކުރު ކުރާށެވެ. އަމިއްލަ ދިރިއުޅުމުގައި ފެއިލްވެ ބަނގުރޫޓުވެފައިވާ މީހަކަށް މާލެ ސޓީގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކޮށްދެވޭނީ ވަކިން ކޮން ކަމެއް ހެއްޔެވެ. ދެފޮޅުވަތް ދޭތެރެއިން ގާނޫނީ ބައުބައު ގަނޑު ހޯދައިގެން ފަސްކޮށް ލަސްކޮށް ދިގުދެންމުން ނޫން ކަމެއް ބަނގުރޫޓް ލޯޔަރަކަށް ނުކުރެވޭނެއެވެ. އާހިރުގައި ސަރުކާރަށް ވެސް އެކަހަލަ މޭޔަރަކު ވާނީ އަޅާފައި އޮތް ކަނޑު މައްޗަކަށެވެ.