މުއިއްޒު ހިލޭ ދިނީ ރާޖޫއަށް ރަންވަޅެއް!

ދިވެހިން ތިބޭނީ ރާޖޫމެންގެ ތުނބުން ވެއްޓޭ ބަތްފުށް ހޮވާކާން ބިމަށް ތުން ހެރިފަ!

މުއިއްޒު ހިލޭ ދިނީ ރާޖޫއަށް ރަންވަޅެއް!

ހުޅުލޭ އެއަރޕޯޓް ހިންގަން އެންމެ 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނުމުން ކޮށިއަރައިގެން ރޭނިދި ނުނިދިގެން ބަޔަކު އުޅުނެވެ. މާލޭ ބިމުން ދިވެހިންގެ ބަޔަކަށް ދިހަހާސްއަކަފޫޓް ހަމަ ނުވާ ހައެއްކަ ބިން ސަރުކާރުން ވިއްކައިގެން ހީވީ ބޮލަށް ބެރިވެއްޓިގެން އުޅުނުހެންނެވެ. ނިތްކުރީގައި ފޮތި އައްސައިގެން މޫދުން ވުލޫކޮށްގެން ގޮށްމުށް ކަވައިގެން ނިކުމެ ޖީއެމްއާރު ބޭރުކޮށްލި ބަގަ މިހާރު މަރުވެ ދިޔައީ ހެއްޔެވެ. މާލޭން ވިއްކި ބިންތައް އަތުލާ ރާއްޖޭގެ ބިމުން އަކަ ކައިވަތެއް ދިވެއްސަކަށް ވިޔަސް ބޭރު ބަޔަކަށް ވިއްކިޔަ ނުދޭން ފޫގަޅައިގެން ނިކުތް މީހުން ގަނޑު މިހާރު ތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

ދިވެހިންގެ ރާއްޖެ ރާޖޫ ރާއްޖެއަށް ވެގެންދާތަން ދެކޭ މީހަކު ނޫޅެއެވެ. ހައްދަވައިގެން ކަމެއް ނުކޮށްދީ ލޯލާރިއެއްވެސް ދައުލަތަށް ނުދައްކާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން އެތައް ހެކްޓަރު ބިން މުއިއްޒު ރާޖޫއަށްދީ ނިންމަލައިފިއެވެ. އެވެސް ހުޅުމާލެއިންނެވެ. ބަޔަކަށް ކަހާތަން ހިރުވާވެސް ނުލައެވެ. މައުމޫނާއި ގާސިމާއި އުއްޗުމެނަށް ކުކުރާވެސް ނުލާ ތިބެވޭހެއްޔެވެ. ކެކިއެރި ގައުމިއްޔަތާއި މިނިވަންކަމާއި ގައުމީ ތަރިކަ އޮތީ ހޭނުލެވޭ ވަރަށް ނިދާފައިހެއްޔެވެ.  

ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން ހިއްކާފައި ހުޅުމާލޭން މާސިންގާ ދެބިން ރާޖޫއަށް މުއިއްޒު މިދިނީ ދިވެހިރާއްޖެއަކީ މުއިއްޒުގެ މައިފުށުން ލިބުނު ތަރިކަ މުދާ ގަނޑަކަށް ވެގެން ހެއްޔެވެ. ހުޅުމާލެ ބިމަކީ މުއިއްޒު ވެރިކަމުގައި މުއިއްޒު ހިއްކާފައި އޮތްތަނެއް ނަމަވެސް ރަނގަޅެވެ. މުއިއްޒު މަސައްކަތުން ހޯދި ފައިސާއަކުން ހިއްކިތަނެއް ނަމަވެސް ރަނގަޅެވެ. 

ހިއްކާފައި އޮތް ބިމެއް ރާޖޫއަށް ބިމެއް ހިއްކާ މަތިން ދޭކަށް ނުޖެހެއެވެ. ރާޖޫލައްވާ ހިލޭ ބިމެއް ހިއްކައިގެން އެތަނުން ބިމެއް ދޭނަމަވެސް ރަނގަޅުތާއެވެ. ޔާމީނު ވިދާޅުވާހެން އަތުގައި ވަސީލަތެއް ފައިސާއެއް އިކްއިޕްމެންޓެއް ނެތް ފަރާތަކަށް ބިން ހިއްކަދޭ މަތިން ބަޔަކު ހިއްކާފައި އޮތްތަނެއް ދޭކަށް ނުޖެހެއެވެ. 99 އަހަރަށް ދީގެން މިއުޅެނީ ކުޑަކުޑަ ތަންކޮޅެއް ނޫނެވެ. ހުޅުމާލޭ ފޭސް 1ގެ ދެބަކުޅަ އެއްބައިހާ ބިމެވެ. 

ފުށިދިއްގަރުފަޅާ އަޅުވާ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުން ރާޖޫއަށް ހިލޭ ސާބަހަށް މާސިންގާ ދެބިން ހިލޭ ދީގެން މުއިއްޒު މިއުޅެނީ ރައްޔިތުންގެ ކަރު ބުޑަށް އަތްބަނައި ގޮހޮރު ދަމައިގަނެ ހަނާކޮށްގެން ކަލާށެވެ. އެންމެން މިތިބީ ލޮލަށް މިރުސް އެޅިފައިހެއްޔެވެ. 

ތިނަދޫ އެއަރޕޯޓޭ ކިޔައިގެން ބަޔަކަށް 12 ފަޅުރަށް ދީފިއެވެ. ބަންކަރިންނޭ ކިޔައިގެން އިހަވަންދިއްޕޮޅު ބަޔަކަށް ހިބައިން ދީފިއެވެ. ފުޑް ސެކިއުރިޓީއޭ ކިޔައިގެން އުތުރުތިލަފަޅު ޗައިނާ ކުންފުންޏަކަށް ދީފިއެވެ. ރާޖޫއަށް ހުޅުމާލެއެވެ. ވެރިކަމަށް ހަމަސްނުވެ މުޅި ރާއްޖެ ކޮށާކައި ހުސްކޮށްލަނީއެވެ. 

މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފަސް އަހަރުގެ ވެރިކަމެއް މުއިއްޒުކޮށް ނިންމާލަން ފުރުސަތު ލިބިއްޖެނަމަ ދިވެހިން ތިބޭނީ ރާޖޫމެންގެ ތުނބުން ވެއްޓޭ ބަތްފުށް ހޮވާކާން ބިމަށް ތުން ހެރިފައެވެ.