އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ބޮޗޭވެސް ބޭނުމެއްނޫން!
މަދު ޑޮލަރުކޮޅަކަށްޓަކާ އިޒްރޭލަށް މަރުހަބާކިޔާ ދެބޯގިރި ސަރުކާރެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރ އަބްދުއްލާ ރިފާއު (ބޮޗޭ) ވެސް ދެކެވަޑައި ގަންނަވަނީ އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަކ މުހިންމުކަމެއް ނޫންކަމަށެވެ. ޕީއެންސީ ޓިކެޓްގައި މާފަންނު ދެކުނު ދާއިރާއަށް ހޮވިވަޑައިގެން ބޮޗޭގެ ވިސްނުންވެސް ހުރީ އިސްރާއީލުގެ ޕާސްޕޯޓް މަނާ ނުކުރާ ގޮތަށެވެ.
20 ވަނަ މަޖިލީހުން ބޭނުންނަމަ އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ރިފާއު ވިދާޅުވިއެވެ. އިސްރާއީލް ޕާސްޕޯޓު ބޭން ކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކަށް ވިސްނާލުން މުހިންމުކަަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. ރާއްޖެއަށް އަންނަ ހާހެއް ހާ އިސްރާއިލުގެ ފަތުރުވެރިން ރާއްޖެ ނޭރުވުމުން ފަލަސްތިނުގެ މައްސަލައިގައި ކުރިއެރުން ތަކެއް ލިބިގެންދޭތޯ އޭނާ ސުވާލު އުފައްދައެވެ.
ބޮޗޭ ގަބޫލު ކުރައްވާ ގޮތުގައި އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށްވުރެ ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ވާހަކަ ދައްކައިގެން ލިބޭ ކުރިއެރުން މާބޮޑުވާނެއެވެ. ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ވާހަކަ ދައްކައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށްދިނުން މާ މުހިންމު ކަމަށް ބޮޗޭ ގަބޫލުކުރައްވައެވެ.
ބޮޗޭގެ ވާހަކަފުޅުތަކާއި ޕީއެންސީ ޕިޖީ ލީޑަރ ފަލާހުގެ ވާހަކަ ގުޅުވާލުމުން ޕީއެންސީގެ ސްޓޭންޑް ސާފެވެ. ފަލަސްތީނުގައި އސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ އުދުވާނުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑަކީ ދެބޯގެރި ސިޔާސަތެވެ. މުނާފިގުކަމާއި މާއްދިއްޔަތަށް އަޅުވެތިވުމެވެ. މާތްރަސްކަލާނގެ އޯގާވަންތަ ކަމާމެދު ޝައްކު ކުރުމެވެ.
އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުން ޕީއެންސީއަކަށް މުހިންމެއް ނޫނެވެ. ޕީއެންސީން ބޭނުންވަނީ ދެފުށްކެހެރި ސިޔާސަތެއް ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭށެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާއްމަކީ ދެ ގައުމެއްގެ ދެމެދުގައި އޮތް ދާހިލީ މައްސަލައެއްގެ ގޮތުގައި ދެކޭ ދުށުމަކީ ސަރުކާރުގެ ސްޓޭންޑެވެ.
ފަލަސްތީނުގައި އިސްރާއީލުން އިސްލާމީ ނަސްލު ނައްތާލުމަކީ ޕީއެންސީއަށް އޮތް ކަންބޮޑުވުމެއް ނޫނެވެ. ރަހުމެއް ކުލުނެއްނެތި ތުއްތުކުދިންނާއި އަންހެނުން މަރާ އަންދާ މުޅި ފަލަސްތީނުންން މުސްލިމުން ނައްތާލުމަކީ ވެސް ޕީއެންސީއަށް މައްސަލައެއް ނޫނެވެ.
ޕީއެންސިއާ އޮތް މައްސަލައަކީ އަދި ކަންބޮޑުވުމަކީ ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ހާހެއްހާ އިސްރާއީލު މީހުންގެ އަތުން ލިބޭ ޑޮލަރުކޮޅު ނުލިބި ދާނެކަމުގެ ކަންބޮޑުވުމެވެ. ހަރުބީ ކާފަރު އެތައް ގައުމަކުންވެސް ފަލަސްތިނު ގައުމެއް ގޮތުގައި ގަބޫލުކޮށްފިއެވެ. ބައިނަލްއަގުވާމީ ފިއްތުތައް އިންތިހާއަށް އޮއްވައެވެ. ވެވުނުހާ ގޮތަކުން އެގައުމުތަކުން އިސްރާއީލަށް ފިއްތުންތައް ދަނީ ފިއްތަމުން އުދަގޫ ކުރަމުންނެވެ. އެކަމަކު ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖެ މަދު ޑޮލަރުކޮޅަކަށްޓަކާ އެތިބެނީ އިސްރާއީލް މީހުން އައުން މަނާ ކުރަންވެސް ނުކެރިފައެވެ.