މުއްތޮލިބޫ! ތިޔައުޅެނީ ކަމެއްކުރަން ނޭނގިގެން!

ޕްރޮޖެކްޓްގެ ހަރަދުތައް ހިންގަނީ އަހަރުތަކަށް ބަހާލައިގެން

މުއްތޮލިބޫ! ތިޔައުޅެނީ ކަމެއްކުރަން ނޭނގިގެން!

49.3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ތަނެއްދޮރެއް ނުބަލާ ފުޅިއްސާލުމަށްފަހު ނިކުމެ ކޯތަޅުވަން ނުހަދާށެވެ. މިހާރަށްވުރެ މާ މަދުން ފައިސާ ލިބިގެންވެސް 2023 ވަނަ އަހަރު އެކަނިވެސް 42 ބިލިޔަނުގެ ބަޖެޓަކުން ރަށްރަށުގައ ކުރީގެ ސަރުކާރުން ކޮށްދީފައި ހުރި ކަންކަން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެނގޭނެއެވެ. 

ވޭތުވެދިޔަ ސަރުކާރުގެ ދައުރުގެ ތެރޭގައި ރަށްރަށުގައި ކުރެވުނު މަސައްްކަތްތަކާއި، ކުރެވެމުންދިޔަ މަސައްކަތްތައް އަރާލި ކޮންމެ ރަށަކުން އެހެރީ ފެންނާށެވެ. ކޮވިޑުގެ ދެ އަހަރަށް ފަހު ރާއްޖޭގެ އެކި ރަށްރަށުގައި އެތައް ބައިވަރު އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ވަނީ ފަށައި ނިންމާފައެވެ. މިހާރު ވެސް ބައެއް ކަންކަން ދަނީ ހިނގަމުންނެވެ. 

މުއިއްޒު ގެންގުޅޭ މަރުކޮހުންނޭވެ. މިއީ ހިނގަ ހިނގާ ދިރިއޮތް ދައުލަތެވެ. ކޮށްފާ ހުރިކަންކަމުގެ މަންފާ ލިބޭހެން ކުރަމުންދާ ކަންކަމުގައި ކުރި މަގުވެސް ހިއްސާ ކުރާނެއެވެ. އެދުވަހެއްގެ ކަންތައްް އެދުވަހަު ނިމޭގޮތަށް އޮތުމަކީ ދުނިޔޭގެ ސުއްނަތެއް ނޫނެވެ.

ރަންކޮޅާ މުއްތޮލިބޫއެވެ. ޒަމީރޫއެވެ. އެއްވެސް ބޮޑެތި ޕްރޮޖެކްޓެއްގެ ޖުމްލަ ހަރަދު އެއް އަހަރެއްގެ ބަޖެޓްގައި ޖަހައިގެން އެއްވެސް އިރަކު ހިންގައެއް ނޫޅެއެވެ. ޕްރޮޖެކްޓް ނިމޭވަރަށް ފައިސާ ހުއްޓަސް ޕްރޮޖެކްޓްގެ ހަރަދުތައް ހިންގަނީ އަހަރުތަކަށް ބަހާލައިގެންނެވެ. އެ އުސޫލުން ރާއްޖޭގެ ކަންކޮޅުގައި ހިންގަން ފަށާފައި ހުރި ކިތަންމެ ޕްރޮޖެކްޓެއްގެ ފައިސާ ކުރީ އަހަރުގެ ބަޖެޓާއި މިއަހަރުގެ ބަޖެޓްގައިވެސް ހުންނާނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުންވެސް ބައެއް ޕްރޮޖެކްޓްތަކަށް ފައިސާ ހަރަދު ކުރަންޖެހޭނެއެވެ. ބޮޑު އަދަދެއް ކިޔާފާ އެހާ ފައިސާއެއް ބަޖެޓްގައި ނެތޭބުނެ ކަމުން ރެކުމުގެ ހުއްޖަތް ދައްކަން ނޫޅޭށެވެ. 

އަމްދުން 50 ބިލިޔަނާ ގާތްކުރާ ބޮޑު ބަޖެޓެއްލިބި 10 މަސްވެ އާރުލާކަމެއްނުވެ ބަޖެޓް ހުސްވެގެން ސަޕްލިމެންޓްރީ ބަޖެޓް ހޯދާން ޖެހުނީމާ ކުރީ ސަރުކާރޭ ދަށްގޮހޮރޭ ފޫޅުދިގު ހަންޑިއޭ ކިޔަކަސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ކުރީ ސަރުކާރުން ދައުލަތުގައި އިސްތައްޓެއްގެ މިންވަރު ނުބާއްވާ އޮތަސް ފަރުވާލެއް ނެތޭ ބޯކޮށް ފައިސާ އެބައޮތޭ ގޮވާ ހޭކުޑާ ވެގެން ވެރިކަން ހޯދައިގެން ދޮޅި ކެނޑި ފަތީފުލުންނެއްޓި ބިންމަތިވެ ހުޅުނބު ދާންފެށީމާ ފެންނެއްތާ ބަކަނުތަޅާށެވެ.

ހޮޅި ސަރުކާރަށް 11 މަސްވެގެން ހިނގައްޖެއެވެ. ޓްރާންސިޝަން މަރުހަލާ ނިމުނުއިރު ސަރުކާރާ ގައުމުގެ ހާލަތު އޮންނާނީ ސާފުވެފައެވެ. އަކްރަމް ކަމާލުއްދީން ވިދާޅުވާހެން ތިޔަ ދޮގުތައް މީގެ 10 މަސް ކުރިން ހެދިނަމަ ކޮންމެވެސް ބަޔަކު ގަބޫލު ކޮށްފީހެވެ.

ހަގީގަތުގައިވެސް ތިޔަ އުޅެނީ ކަން ކުރަން ނޭނގިގެންނެވެ. މާ މޮޅަށް ކަން ކުރާނަމޭ ބުނެ ރޮއެ ހޭރި ވެއްޓިފުރޮޅުމުން ހިތް ނޯވެގެން ތިޔަތިބީ ވެރިކަން ދީފައެވެ.  ވެރިކަމަކީ ބަޔަކު ފައިބުޑަށްވެއްޓި ހަތަރެސް ފައިގާ ބޮސްދީ އާދޭސްކޮށްގެން މުއިއްްޒާ ހަވާލުކުރި ކަމެއް ނޫނެވެ. އޮބި އަޅުވާ ގަދަކަމުން ހަވާލު ކުރި އެއްޗެއްވެސް ނޫނެވެ. ބަހަނާ ދައްކައިގެން ދޮގު ހަދައިގެން ފަރަކު ނުޖެއްސޭނެއެވެ. ރައްޔިތުން އަރާ ހަމަކުރާނެއެވެ.