ހިތްވަރުނެތީ އަލިފުދާލެއް ނޫން - ހިއްވަރުނެތީ މުއިއްޒު
އދގައި މުއިއްޒު ފަލަސްތީނަށް ކުރީ ފުރައްސާރަ!
- ގާޒާ ގަތުލުއާއްމު ހުއްޓުވުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށް ބުނިއިރު އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ހިތްވަރުނެތް
- ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ކުޅެލި ޗަރުކޭހެއް
- ވާހަކަތަކުން ފާޅުވީ މުނާފިގުކަން
މުއިއްޒަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހީންގެ ރައީސޭ ބުނަން ޖެހޭތީ ލަދުގަނެއެވެ. ދެރަވެއެވެ. އދ ގެ އާއްމު މަޖިލީހުގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ކުރިމަތީ ހުއްޓިހުރެ އަމިއްލައަށް ބޮލާފޮށާ އެޅި ބަރަހަނާ ވެވުނު އިރުވެސް ނޭނގުނެވެ. ތިމާއަށް ހުއްޓިހުރެ ވާހަކަ މިދެއްކެނީ ކޮންބަޔަކާ މުހާތަބުކޮށް ކަމެއްވެސް މުއިއްޒަކަށް ނޭގުނެވެ. ފަލަސްތީނުގެ މައްސަލައަކީ ކޮންބަޔަކު ކިހިނެއް އުފައްދައިގެން އުޅޭ މައްސަލައެއްކަން ކުޑައިކޮށްވެސް ވިސްނާލިނަމަ އެތާކު އެ މޭރުމަކުން އެ ވަހާކައެއް ނުދައްކާނެއެވެ.
ގައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ގަތުލުއާއްމަކީ ބައެއްގެ ކިބައިގާ ހިތްވަރެއް ނެތިގެން ހިނގާކަމެއް ނޫންކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެގޭނެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން އެކަން ނުހުއްޓުވާ އެތިބެނީ އެކަމުގެ ހިތްވަރު ނެތިގެނެއް ނޫނެވެ. ހިތްވަރު ހުންނަންޖެހޭނެ ކަމަށް ބުނެދޭނެ މީހަކު ނެތިގެނެއްވެސް ނޫނެވެ. ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އދ އިން ބަލައިނުގަނެ އޮންނަނީކީވެސް ހިތްވަރު ނެތިގެނެއް ނޫނެވެ. އެކަންކަން ނުވެ އެ އޮންނަނީ އާރާބާރު ހުރި ގައުމުތަކުން ކުރަން ބޭނުން ނުވާތީއެވެ.
އަޖައިބެކެވެ. އެމެރިކާއާއި އިގިރޭސިވިލާތާއި ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތުން ބޭނުންވެއްޖެނަމަ ގައްޒާގެ ގަތުލުއާއްމު ހުއްޓުމަކީ ފަޅި ސިކުންތެއްގެ ކަމެކެވެ. ފަލަސްތީނަށް އދ ގައި ފުރިހަމަ މެންބަރޝިޕް ދިނުމަކީވެސް އެހާމެ ފަސޭހަ ކަމެކެވެ. އެކަންކަން ނުކުރާން އެތިބެނީ މުއިއްޒު ކަހަލަ ދެފުށް ކެހެރި ވެރިއަކު ބުނެ ނުދީގެނެއް ނޫނެވެ. ފަލަސްތީނު މިނިވަން ނުކުރުމާއި ފަލަސްތީނުގެ ގަތުލުއާއްމުގެ ބޭނުން އެ މީހުނަށް ބޮޑުކަމުންނެވެ.
ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލަށް އަރާހުރެ މުއިއްޒު ދައްކާ ވާހަކައަކުން އެ މީހުނަށް ޑަރުވެސް ހީނުވާނެއެވެ. މުއިއްޒު ފަލަސްތީނޭ ގާޒާއޭ ކިޔައިގެން ކުޅުނީ ޑްރާމާއެއްކަން ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް އެނގޭނެއެވެ. ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ކުޅެލި ޗަރުކޭހެއްކަން އެންމެނަށްވެސް އެނގެއެވެ. ދުނިޔެއަށް އެދައްކަދިނީ މުއިއްޒު ކަހަލަ މުނާފިގު ދެފުށް ކެހެރިންގެ ހަގީގީ ސިފައެވެ.
ގައްޒާގައި ހިނގަމުންދާ ގަތުލުއާއްމު ހުއްޓުވުމާއި އދ ގައި ފަލަސްތީނަށް ގައުމެއްގެ ފުރިހަމަ ހައިސިއްޔަތު ދިނުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށް މުއިއްޒު ބުނާއިރު މުއިއްޒުގެ ފިޑިކަން އެންމެންނަށްވުރެ މާބޮޑެވެ. ލިބޭކުޑަ ފައިސާކޮޅަކަށްޓަކާ އިޒްރޭލް ޕްރޮޑަކްޓްތައް އިސްތިހާރު ކޮށްދެމުން، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ހިތްވަރުނެތް ފިޑިއަކު ތެދުވެ ގައްޒާއޭ ފަލަސްތީނޭ ކިޔައިގެން އދ ގައި ވާހަކަ ދެއްކުމަކީ ފަލަސްތީނު ރައްޔިތުންނަށް ކުރި ފުރައްސާރައެކެވެ. މަލާމާތެކެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ. ނަތީޖާއެއް ނެތް އެ ވާހަކަތަކުން ފާޅުވީ މުއިއްޒުގެ މުނާފިގުކަމެވެ.