މުއިއްޒުގެ މަވެތިކަމުގެ އުގޫބާތް ދިވެހި ރައްޔިތުންނަށް!
ކުރީގެވެރިން ގައުމިއްޔަތޭ ގޮވަމުން ނުދުވިޔަސް ރާއްޖޭގެ ސިޔާދަތަށް ދުނިޔެއިން އިހުތިރާމްކުރޭ!
ވެލާ ވަޅުކޮނެގެން އެއްފަހަރާ ފަސް ހަސަތޭކަ ބިސްއަޅާ ހިނޭޖަހާ ފައިބައިގެން ދަނީ ކުކުރާވެސް ނުލައެވެ. މީހަކަށް ހިލަމެއްވެސް ވެނުލައެވެ. ކުކުޅަކަށް އެންމެ ބިހެއް އަޅާލެވެނީ އެޅުމުގެ ކުރިންނާއި ފަހުން އަޑުން އަޑުލާ ހަޅޭލައިގެންނެވެ. އެ ވަރަށް ގޮވާ ކުކުޅުވެސް ބިސްއަޅަން ހިތައް އަރާއިރަކަށް ގޮވާ ހަޅޭލައެއް ނުހަދައެވެ. ގަމު ތިބީންގެ ނިދި ހަރާބުކޮށްލާ ވަރަށް ކުކުޅު ލާހަޅޭކާއެކު އެންމެ ބިހެއް ނަމަވެސް އަޅައެވެ. ހުސްހަޅޭކެއް ކުކުޅުވެސް ނުލައެވެ.
ރާއްޖޭގެ ރައީސްކަމުގައި މިހާރު މިހުރި މުއިއްޒު ކުކުޅަކަށް ވުރެވެސް ހާލުބޮޑެވެ. ހައްދަވައިގެން ކަމެއްނުވިޔަސް ކަންދެއްކުމާއި ބައިސާކެނޑުމުގައި ހައްދެއް ނޯވެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭގެއެވެ. އެއިރަކަށް އަރާ ކުލަޔަކަށް މީހާގެ ކުލަ ބަދަލުވެއެވެ. އެހެން އުޅެން ހަދައިގެން އަނގަގަޅި ޖެހެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އެކަމާހެދި މުއިއްޒުގެ ފުށުން ފެންނަނީ އުނބަށް ޖެހުމުގެ ލަދުވެތި އަމަލުތަކެވެ.
ގައުމިއްޔަތު ބޮލަށްލައިގެން އުޅޭއިރު ހީވަނީ އުތުރު ކޮރެޔާގެ ކިމް ޖޮން އިން ހެންނެވެ. ވެރިކަމަށް އަރާ އުޅެގަތްފާޑުން ހީވީ ދިވެހީންނަކީ ދުވަހަކު އެހެން ބައެއްގެ ގައިގާ ނުޖެހި އަމިއްލަ ފައިމަތީގައި ދުނިޔެ ހެއްދެވީއްސުރެ އުޅެމުން އަންނަ ބައެއް ހެންނެވެ. މުއިއްޒު ދަމައިގެން އުޅޭ ސިޔާދަތުގެ ރަތް ރޮނގު ހީވަނީ ޔައުޖޫޖު މައުޖޫޖު ބާގައި މީހުންނާ ދެކޮޅަށް ޒުލްގަރުނައިނި ރަސްގެފާނު ބިނާކުރެއްވި ލޯފާރުހެންނެވެ. މީހަކަށް ކުޑަބޭރުވެސް ނޭރޭނެޔޭ ހީކުރެވުނެވެ.
ބަޔަކު އަންތަރީސް ވިޔަސް، ނުވިޔަސް މުއިއްޒަކީ އަމިއްލަ އީގޯ ބޮޑުކަމުން ތިމާނޫން މީހުންނަކީ މީހުން ނޫންކަމަށް ދެކިގެން ނަމުރޫދު ހެދިގެންއުޅޭ މޮޔަ ވެރިއެއް ނޫން ކަމަކަށް ނުވާނެކަމަށް ބުނާ މީހުން ލައްކަ ގިނައެވެ. ބައެއްގެ ކުރި މައްޗަށް ހުއްޓި އެއްޗެއް ބުނެލަން ލިބެއްޖެއްޔާ ފަޅާކަރައިން ތަނެއް ދޮރެއް ނޭނގޭ ވަރަށް އޮށް ބުރުވައެވެ. އަމްދުން ރާއްޖޭން ބޭރަށް ދަތުރެއް ކޮށްލެވިއްޖެއްޔާ ދަތްމައްޗަށް ތުންނާރައިގެން އުޅޭ އިރެއްގައި ހީވާނީ މޮޔަގެރިއަކަށް ރަތް ފޮތިގަނޑެއް ފެނިގެން އުޅޭހެންނެވެ.
މުއިއްޒު ވެރިކަމަށް އެރިފަހުން ޔޫއޭއީ އާއި ތުރުކީއާ ޗައިނާއަށް ގޮސް އުޅުނު ގޮތުންނާއި ޖެއްސި ވައްތަރުން ރާއްޖެއަށް ވީރަނގަޅަށްވުރެ ގަންނަން ޖެހުނު ލަދު ބޮޑެވެ. ޑިޕްލޮމެޓިކް ޕްރޮޓްކޯލްްގެ ތެރެއިން އަދާކުރާ އިހުތިރާމަކީވެސް މުއިއްޒު ވަރެއްނެތިގެން އަދާކުރާ އިހުތިރާމަށް އޮންނަނީ ވާހަކައިން ހަދާފައެވެ. މިހާރު އދ ގެ އާއްމު މަޖިލީހުގެ ޖަލްސާއަށް ގޮސް އެޖައްސާ ވައްތަރުން ލަދުން ބޯފަޅައިގެން ދާވަރުވެއެވެ. ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅުމެކޭ އެއްވެސް ތަފާތެއް ނެތެވެ.
ބަލަގަ ރާއްޖެއަކީ ރައީސް މައުމޫނު އިރުއްސުރެވެސް ދުނިޔޭގައި ނިކަން އިހުތިރާމާއި އަޅާލުމާއި ލޯބި ލިބިލިބި އޮތް ގައުމެކެވެ. ރާއްޖޭގެ އާބާދީއާއި ބާރާއި ސައިޒަށް ބަލާއިރު ރާއްޖެއަކީ އެވަރުގެ ބައެއް ނޫނެއްކަމަކު ދުނިޔޭގައި ރާއްޖެއަކީ ބަސްވިކޭ ގައުމެކެވެ. އޭރުގެ ވެރިން ގައުމިއްޔަތޭ ސިޔާދަތޭ ގޮވަމުން ނުދުވިޔަކަސް ރާއްޖޭގެ ގައުމިއްޔަތަށާއި ސިޔާދަތަށް މުޅި ދުނިޔެ ގަދަރުކޮށް އިހުތިރާމް ކުރެއެވެ.
މުއިއްޒު ކުރާ ދަތުރުތަކުގައި ދިވެހި ގައުމު ފަހުރުވެރިވާ މިންވަރަށް ރާއްޖެ ތަމްސީލުކޮށްދެވޭތީ ހިފި ނުހުރެގެން ފައިނު އާދަނުމެން މަގާމަށްޓަކާ ވައިޖެހިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އައުމަށާއި ވެރިކަން ލިބުމުން އަވަށްޓެރި މަދަދުވެރި އިންޑިއާއި ދޭތެރޭގައި ކަންތައް ކުރިގޮތުން ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް ކުރި އިތުބާރާއި އިހުތިރާމް އޮތީ ބޮޑުތަނުން ގެއްލިފައެވެ. މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ނެތްކަން މުޅި ދުނިޔެއަށް ވަނީ ބޭޒާރުވެފައެވެ. މިހާރު ކިތަންމެ ވަރަކަށް އިންޑިއާ ލޮއްސަން އުޅުނަސް މުއިއްޒަކަށް އިންޑިއާ އިތުބާރެއް ނުކުރާނެއެވެ. މުއިއްޒުގެ މަވެތިކަމުގެ އުގޫބާތް ދިވެހި ރައްޔިތުންނަށް އިންޑިއާއިން ނުދިނުމަކީ އިންޑިއާ އަށާއި ދުނިޔެއަށް މުއިއްޒު ކަމު ދިޔުމެއް ނޫނެވެ.
އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ފަދަ ދުނިޔޭގެ އެންމެ މަތީ ދަރަޖައިގެ މަގާމްތައް ރާއްޖޭން ފުރާފައިވަނީ އޭރު ރާއްޖޭގައި ތިއްބެވި ވެރިންގެ ހަރުދަނާކަމާއި ބަސްވިކުން ދުނިޔޭގައި ބޮޑުވީމައެވެ. ރާއްޖެއާއި އިންޑޮނޭޝީޔާ ވާދަކޮށްގެން އދ މެންބަރު ގައުމުތަކުން %75އަށް ވުރެ މަތީން ވޯޓުދީގެން އދ ގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝާހިދު އިންތިހާބު ކުރިކުރުމަކީ އޭރު ރާއްޖެއަށް ދުނިޔޭގެ ލޯތްބާއި އިހުތިރާމް އޮތްވަރު އަންގާދިން ކަމެކެވެ. ރާއްޖޭގެ އޭރުގެ ސަރުކާރަށް ދުނިޔެއިން އިތުބާރު ކުރިވަރު ފެނިގެން ދިޔަކަމެކެވެ. އެހެނެކޭ ކިޔާ ފޮނުއަރުވަމުން ބައިސާ ކަނޑަމުން ޒާތްޒާތަށް މީޑިއާ ސްޓަންޓް ޖައްސައިގެން މަވަރުނެތިގެނެއް ރައީސް ސޯލިހެއް ނޫޅއްވައެވެ. ރާއްޖެއަށް އދ ގެ ރައީސްކަން ލިބުނީ މި ވެރިކަމުގައި ނަމަ ބުރުވާ އަޅިން ވައިމަތިން ހިގާވެސް ނުލެވުނީހެވެ.