ދިޔާނާއަށް: ތިޔަ އިނީ ހަސަދައިން ފޯވެ ބުއްދި ފަސްވެފާ
ނުބުނެވޭނެ ވާހަކަ ބުނެ މަސްހޫރުކަން ހޯދަން އުޅުމުން ވެއްޓެނީ ތިމާގެ އަގު
ޖާފާނުގައި ލޮލުން މާސްޓަރ ހެއްޖަކަސް ގައުމަކަށް ނަބިއްޔުން ފޮނުއްވަން ޖެހޭ ކަމެއް ނޭނގޭނެއެވެ. ތިމާ އެތަނަކަށް ނިސްބަތްވާ ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު ނިކުމެ ނަބިއްޔަކު ފޮނުވަން ޖެހިއްޖެއޭ ބުނުމަކީ ޒިންމާއިން ބަރީއަ ވެވޭނެ ކަމެއް ނޫނެވެ.
ބަލަ ދިޔާނާއެވެ. ޖަލު ހުކުމެއްގައި ހުރި މީހަކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔައީ އަދިކިރިޔާ ހެއްޔެވެ. ކުރެވޭ ބޮޑެތި ތުހުމަތުތައް ސާބިތުނުވެ މީހަކު ވީއްލުނީ ފުރަތަމަ ފަހަރަށް ހެއްޔެވެ. މައްސަލައެއް ބަލާ ފަނޑިޔާރުން ޗުއްޓީ ނަގަނީ އަލަށް ހެއްޔެވެ.
މާތްކަލާނގެ ޒާތުފުޅަށް ހާއްސަ ވެގެންވާ ކަމެއް ވުމުގެ ވަގުތު ޖެހިފައިވާ ކަމަށް ބުނަން ދިޔާނާއަކީ ކާކުހެއްޔެވެ. ނަބީކަން ހަތިމް ވެފައިވާކަން އެނގި ހުރެ މަޒާޖީ ގޮތުން ވެސް ނުބުނެވޭނެ ވާހަކައެއް ބުނެ މަސްހޫރުކަން ހޯދަން އުޅުމުން ވެއްޓެނީ ތިމާގެ އަގެވެ. ފާޅުވަނީ ހިތުގައި ރޯވެ އަނދާ ނަފުރަތުގެ ހުޅެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދަން މުޑިނަގައިގެން އިންދާ އެކަން ނުވީމާ ކެކިއެރިޔަސް ހިރުވާ ތަން ކަހާލާ މީހަކު ނޫޅޭ ނޫން ހެއްޔެވެ. ސްޕްރީމް ފަނޑިޔާރަކަށް ނުވިކަން ނަސީބުތާއެވެ. ޒާތީ ތައައްސަބުން ފޯވެ ނަފްސް ކޮރަޕްޓްވެފައި އިން ވަރު އެބަ ފެނެއެވެ.
ކުރީގެ ނައިބު ރައީސް އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ކަމަށް ކަނޑައެޅީ ސަރުކާރަކުން ނޫނެވެ. ސިއްހީ މާހިރުންނެވެ. ސިއްހީ މާހިރުންގެ ލަފަޔާ ދެކޮޅަށް އަދީބަށް އެ ފުރުސަތު ނުދީގެން އަދީބުގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ކަމުގެ ޒިންމާ އުފުލާނީ ދިޔާނާ ހެއްޔެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ވާހަކަ ދެއްކި އަންހެނުންތައް ހެކިބަސް ނުދީ ބޮނދީމާ އަލީ ވަހީދު ކުށްވެރި ވޭހެއްޔެވެ. ފެމިނިސްޓް ވިސްނުމުގައި ފިރިހެނުންނާ ޖެހިގަނެގެން އުޅޭ ދިޔާނާމެން ކަހަލަ މީހުން ދެކޭހާ ގޮތަކަށް މީހުން ކުށްވެރިކޮށް އަދަބު ދެވޭނީ ފަނޑިޔާރު ކަމުގެ ގޮނޑީގައި ދިޔާނާ އިނދެގެންނެވެ. ހީއާއި ލަފައަކީ ކަންކަން ސާބިތުވާ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެގެން ވާނީ ވެސް ދިޔާނާއަށެވެ.
ރައީސް ޔާމީނު ނޫނަސް އިސްތިއުނާފަށް މައްސަލަ ލައިގެން އުޅޭ މީހުން ބައިވަރެވެ. ރައީސް ޔާމީނުގެ މައްސަލައެއް އިސްތިއުނާފުގައި އޮތުމަކީ ފަނޑިޔާރުން ހައްގުވާ ޗުއްޓީ ނުނަގާ ރޭނިދި ނުނިދާ ކުރަން އޮތް ކަމެއް ނޫނެވެ. ދިޔާނާ ކޯޓުގެ ބެންޗެއްގައި އިނދެވޭ ދުވަހަކުން އެހެން ކަން ކުރަން މަޑުކޮށްލާށެވެ.
އަދީބު ފުރުމާއި އަލީ ވަހީދުގެ އެނބުރި އައުމާއި ޔާމީނު މައްސަލަ ބަލާ ފަނޑިޔާރަކު ޗުއްޓީއަށް ދިޔުމުން ނަބިއްޔުން ފޮނުވަން ޖެހިއްޖެ ކަމަށް ދިޔާނާއަށް ގަބޫލު ކުރެވުނީމާ ދިޔާނާގެ ޖާހިލުކަމާއި ހަސަދައާއި ފިތުނައިން ބުއްދި ފަސްވެފާ އިންވަރު ފާޅުވެއެވެ.