ނަޝީދާއެކު ކުރާނެ ސިޔާސީ މަސައްކަތެއް އެމްޑީޕީނެތް!
ނަޝީދު ހުރީ އެމްޑީޕީ ނޫން ގޮތެއް ހޯދައިގެން.
އެންމެ ފަހުން އޮތް ބޮޑު ދެ އިންތިހާބުން އެމްޑީޕީއަށް ނާކާމިޔާބު ކުރިމަތިވީ ވައުދު ނުފުއްދިގެން ނޫނެވެ. ލިބުނު ނާކާމިޔާބެއް ލިބުނީ އެމްޑީޕީގެ ރައީސް ކަމުގައި ހުރި ކުރީގެ ރައީސް ނަޝީދު ރައީސް ކަމުގައި ހުރެ އެމްޑީޕީއަށް ދިން ގެއްލުމުގެ ސަބަބުންނެވެ. އަދިވެސް އެމްޑީޕީން ނުނެއްޓެވިގެން އެމްޑީޕީއޭ ކިޔައިގެން ކޯތަޅުވާކަށް ނަޝީދު ތާހިރެއް ނޫނެވެ.
13 އަހަރުގެ ޖަލު ހުކުމެއްގައި އޮތް ނަޝީދު މިނިވަންކޮށް އަލުން ސިޔާސީ ދަނޑަށް ނެރެދިނީ ރައީސް ސޯލިހު ކަމެއް ނަޝީދަކަށް ނޭގުނެވެ. ދިމާކުރީ ރައީސް ސޯލިހުގެ ބާރު ކަނޑުވާލާ ވެރިކަން ފިރުކައިގަންނާށެވެ. އެމްޑީޕީން ވިޔަސް ތިމާ ނޫން މީހަކު ވެރިކަން ކުރާކަށް ނަޝީދަކަށް ހަޖަމެއް ނުވެއެވެ.
މަޖިލީހުގެ ރިޔާސަތު ހޯދާ ދިނުމުންވެސް ހިމޭނަކުން ނުހުރެވުނެވެ. ދިމާކުރީ ލިބިއޮތް ބޮޑު މެޖޯރިޓީ ބޭނުން ކޮށްގެން ބޮޑުވަޒީރުކަން ހޯދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު ކަނޑުވާލާށެވެ. އެއިއްޔަކީ އެމްޑީޕީގެ މެންބަރުން ބޭނުންވި ގޮތެއް ނޫނެވެ. އެހެނަސް ނަޝީދަށް ހަމަ ކެތް ނުވަނީއެވެ. ތިމާނޫން މީހަކަށް ވެރިން އޮތުމަށް ނޭދޭ ވަރުންނެވެ.
ސްޕަރ މެޖޯރިޓީއާއި އެކު މަޖިލީހުގެ ރައީސްކަން ނަޝީދަށް ލިބުމުން އިސްކަންދިނީ ރައްޔިތުން އެދޭ ހެޔޮބަދަލު ގެންނެސްދޭކަށް ނޫނެވެ. އެމްޑީޕީ ސަރުކާރާއި ކޯލިޝަން ޕާޓްނަރުންނާ ދިމާކޮށް ނަފްރަތާ ފަސާދަ އުފައްދާށެވެ. ސަރުކާރަށް ދަތިކޮށް ސަރުކާރު ބަރަހަނާކޮށް ރައީސް ސޯލިހާ ޒާތީގޮތުން ދިމާ ކޮށްލުމުގެ ނަތީޖާއަކަށްވީ އެމްޑީޕީގެ ރައީސް ކަމުގައި ނަޝީދު ހުއްޓާ ނަޝީދުގެ މުށުތެރެއިން އެމްޑީޕީގެ ކޮންޓްރޯލު ގެއްލި ދިއުމެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ސެކެރެޓެރިއޭޓާއި ކޮންގްރެސްގައި އޮތް ބާރު ކެނޑުމެވެ. އެންމެ ފަހުން ރިޔާސީ ޕްރައިމަރީ ވެސް ގެއްލުމެވެ.
އެމްޑީޕީގެ ރައީސް އެމްޑީޕީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރީ އިދިކޮޅު ލީޑަރަށް ވުރެވެސް ހަފޮނު ކުރީގައި ހުރެގެންނެވެ. ފިކުރެއްގެ ދިރުވަން އުޅެ އެމްޑީޕީގައި އެކަންނުވެ އައުވާނުންކޮޅު ގޮވައިގެން ނިކުމެ ޕާޓީއެއް ހަދައިގެންވެސް އެމްޑީޕީން ހޯދާދިން މަޖިލީހުގެ ރިޔާސަތުގައި ބަގުޑިބެއްދީ އެމްޑީޕީ ނޫން ގޮތެއް ހޯދުމަށެވެ. އިދިކޮޅަށްވުރެ އިދިކޮޅުވެގެންނެވެ. ރައިސް ސޯލިޙާއި އެމްޑީޕީއަށް ނަޝީދާއި އައުވާނުން ނުގޮވާ ކުނި ފުޅައެއް ނެތި އެންމެ ފަހުން މަރާލަން އުޅުމުގެ ތުހުމަތު ރައީސް ސޯލިހާއި އެމްޑީޕީ ސަރުކާރުގައި ނަޝީދު އެޅުވިއެވެ.
ނުބައި ނުލަފާކަން ދެއްކުމަށްފަހު އިދިކޮޅާ ގުޅިގެން ރައީސް ސޯލިހާއި އެމްޑީޕީ ނޫން ގޮތެއް ހޯދައިގެން އެމްޑީޕީ ބަލިކޮށްލައިގެން އެމްޑީޕީއަށް ސަވާރުވާން އަލުން ނަޝީދު އުޅޭނެކަމެއް ނެތެވެ. ނަޝީދާއެކު ކުރާނެ ސިޔާސީ މަސައްކަތެއް އެމްޑީޕީނެތެވެ.