މުއިއްޒުގެ އަންޑަރވޯޓަރ ޓަނަލް މިހާރު ކޮބާ!
ކަނޑުއަޑީގައި އަޅާ ޓަނަލެއް ފެނުން މައްޗަކުން ނުފެންނާނެ!
ސިޔާސީ ބޭނުމުގައި ދޮގުހާދާ މީހުން ދެކެމެވެ. އެހެނެއް ކަމަކު ދެކިދެކިވެސް ރައީސް މުއިއްޒު ވަރުގެ ދޮގުހަދާ މީހަކު ނުދެކެވެ. ހަދާއިރު ހަދާލަނީ ވެސް ތަރި ބުރައިގެން ދާވަރުގެ ބޮޑެތި ދޮގެވެ. ރައީސް މުއިއްޒު ހެދި އެންމެ މަޝްހޫރު ނުކުޅަދާނަ ދޮގަކީ މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލުމުގެ ދޮގެވެ.
މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ނުކުޅަދާނަ ބޮޑު ދޮގު ރައީސް މުއިއްޒު ހެދީ 22 ޖެނުއަރީ 24 ގައެވެ. މާލޭ މޭޔަރ ކަމުގެ ހުވާ އާދަމް އާޒިމް ކުރުމުގެ ޖަލްސާގައެވެ. ރައީސް މުއިއްޒު އެ ދުވަހު ބުނެފައިވަނީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށައި ވަރަށް ގާބިލު ކުންފުނިތަކާ އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. މުއިއްޒު ކަނޑު އަޑީގައި އަޅާނެ ކަމަށްބުނި އެ ޓަނަލްގައި މީހުން ދަތުރު ކުރާނީ ރޭލުގައި ކަމަށް ބުންޏެވެ. އަންޑަރވޯޓަރ ޓަނަލެއް ހަދާނީ ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
މުއިއްޒު އެބުނި ގޮތަށް ގާބިލު ކުންފުނިތަކާ އެކުގައި މަޝްވަރާއެއް ކުރެވުނުކަމެއް މަޝްވަރާ ކުރީ ކޮންބަޔަކާ ކޮންއިރަކު ކަމެއްވެސް ނޭގެއެވެ. އޭގެ ފަހުން ހަތް މަސް ފާއިތުވެގެން ހިނގައްޖެއެވެ. މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށިތަނެއް ނުފެނެއެވެ. ކުރާކަމެއް ކުރެވުނު ކަމެއް އޮތްކަމެއް އެނގޭކަށް ނެތެވެ.
އަންޑަރ ވޯޓަރ ޓަނަލާ ގުޅޭ ގޮތުން ކަމެއް ނުހިނގާ ވާހަކަ ދެކެވެން ފެށުމުން މުއިއްޒު ދެން ބުނީ މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެންނަ ވާހަކައެވެ. "އެކަމަށް ގާބިލް ދެތިން ކުންފުންޏެއް އަޅުގަނޑު މި ގެންނަނީ. އެއީ އޭގެ ކޮންސެޕްޓް ޑިޒައިން މަސައްކަތް ކުރަން. ފީސަބިލިޓީއަކާ އެކީގައި ޑިޒައިން ހަދާނީ. އެއަށްފަހު ދެން އޮތް މަރުހަލާ ކުރިއަށް ދާނެ،" ކަމަށް ރާއްޖޭގެ ދުވަހު ނޫހަކަށް ދިން އިންޓަވިއުއެއްގައި މޫނަށް ރުލެއް ވެސް އަރުވާނުލާ މުއިއްޒު ބުނެފައިވެއެވެ.
ރައީސް މުއިއްޒު 25 މާރޗް 2024ގައި އެހެން ބުނިފަހުން ވެސް 5 މަސް ދުވަސް ވެއްޖެއެވެ. ރައީސް އެ ބުނި ބައެއްގެ ވެސް ހިލަމެއް ނުވެއެވެ. ބައެއްގެ ހިލަމެއް ވާނީވެސް ކަމަކީ ކުރުމުގެ ނިޔަތް އޮވެގެން ކުރަން އުޅުނު ކަމެއް ނަމަތާއެވެ. ކަނޑު އަޑީގެ ރޭލު ޓަނަލު އަޅާ ވާހަކަ ދެއްކެވި ފަހުން ކުޑަވެސް ކަމެއް އެކަމާ ބެހޭ ގޮތުން ކުރެވޭނަމަ ފިސާރި ބާރަށް އެ ވާހަކަ ދައްކާނެއެވެ. ގޮތް ގޮތަށް ޕޯސްޓުތައް ހަދަހަދައިގެން ޝާއިއު ކުރާނެއެވެ. މުއިއްޒުގެ ކުލީ ގަލަންތަކާއި ބޮޓްތައް އެވާހަކަ ދެއްކުމުގައި ތިބޭނީ ހަތެއް ސައުވީހުގައެވެ.
އަންޑަރވޯޓަރ ޓަނަލަކީ ޓްރިލިޔަނުން ޑޮލަރ ހޭދަކޮށްގެން ނޫނީ އެޅޭނެ އެއްޗެއް ނޫންކަން އެހެން ބުނިއިރުވެސް މުއިއްޒަށް އެނގޭނެއެވެ. އަތްލެވޭ އާއި އަތްނުލެވޭ ރިޒާވާއެކު ޖުމްލަ 200 މިލިޔަން ޑޮލަރު ހަމަ ނުވެގެން އުޅޭ ގައުމެއްގައި ކަނޑުއަޑީން ޓަނަލް އަޅައިގެން ރޭލް ދުއްވާ ވާހަކަ ދެއްކި ހިސާބުން ރައީސް މުއިއްޒަކީ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ބަލަން ސްމޯޓޯ ކޯޓުއަމުރެއް ސްޕްރީމް ކޯޓުން ނެރެން ޖެހެއެވެ. ނޫނީ ޓަނަލް އަޅަނީ ކަނޑުއަޑީގައި ކަމުން މީހުނަށް ނުފެންނަނީ ތާއެވެ.