މިނިސްޓަރ ޝަހީމަށް: ވެރިމީހާ އާއި ޕާޓީ ކަމުނުދަންޏާ އިސްތިއުފާދީ!

މިނިސްޓަރ ޝަހީމްއެވެ. ވެރިކަމުގައި ހުރިމީހާ އާއި އޭނާގެ ޕާޓީގެ ސިޔާސަތުތައް ކަމު ނުދާނަމަ އަވަހަށް އިސްތިއުފާ ދޭށެވެ. ތިޔަފަދަ ބޮޑު ދީނީ ތާޖެއްގެ ވެރިއެއްގެ ކިބައިން ފަހަރެއްގައިވެސް ފެންނަން ބޭނުންވާ ނުވާ ކަހަލަ ފިލްމެއް ކުޅުއްވަން އުޅުއްވާހެން އެބަ ހީވެއެވެ. އެ ވެރިޔަކީ ދޮގުވެރިއަކަސް، ވެރިކަމަށް ގާބިލު ކަމެއް ނެތް މީހަކަސް އަދި ބައެއް މީހުން ބުނާފަދައިން ކައްޒާބަކަސް ތިޔަ އުޅެނީ އަދި ރަގަޅަކަށް ނޫނެވެ. ވެރިކަން ހޯދަން އުޅުނު އިރު އަރަބިން ކައިގެން ތިބިއްޔާ ތިބޭނީ ކައިގެން ކަމާއި އަރަބި ގައުމުތަކުން ޑޮލަރު ދޮލަނގުތައް ގެނެވޭނެ ކަމަށް ކަރުން ނާރު ނެރި އަޑަށް ބާރުލާ ގޮވީތީ އަޑު އިވުނެވެ. އަދި ތެދުވެރި އިންސާފުވެރި ވާނެ ކަމަށް ވެސް ގޮވީތީ އަޑު އިވުނެވެ.
މިނިސްޓަރު ޝަހީމެވެ. ހިތްޕުޅާ ހަމަނުކުރެއްވީ ކީތްވީތޯއެވެ. އަޅެ ބުނެލަ ދީ ބަލާށެވެ. އެކުގައި ދަތުރަކު ނުގެންދިޔައީ ތޯއެވެ. ހައްޖު ކޯޓާ އިތުރު ނުވީތޯއެވެ. ނޫނީ ބަނޑަށް ޖެހުނަސް އަރަބިން އަޅާ ނުލާނެހެން ހީވަނީ ތޯއެވެ. އަރަބިންގެ އެއްބާރުލުން ނުލިބޭނެހެން ހީވަނީ ތޯއެވެ. ނޫނީ ވިއްޔާ ވެރިމީހާގެ ޓިޝޫ ކޮޅަކަށްވެ އެއްލާލަފާނެހެން ހީވީ ތޯއެވެ.
މިނިސްޓަރު ޝަހީމެވެ. ރިޒުގު ދެއްވަނީ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ވެރި މީހާއަކާއި އެކަމަކާއި ގުޅުމެއްނެތެވެ. ވެރިކަން ނުލިބޭ އިރު އަންހެން ކުއްޖެއްގެ އަތަށް ފިތީކީ މިހާރުގެ ވެރިމީހާ ވެދުން ކުރި ކުއްޖަކަށް ވީތީއެއް ނޫނެންނުން ތޯއެވެ. އަދި ވެރިކަމަށް ހޮވުނު ތަނުން އަންހެނުންނަށް އޮޅުވާލާ އިތުރު ކައިވެންޏެއް ކުރީވެސް ވެރިމީހާ ވެދުން ކުރި ކުއްޖަކާއެއްވެސް ނޫނެންނުން ތޯއެވެ. ކަންކަން ތަރުތީބުވަނީ ވެރި މީހަކަށް ހުރި މީހެއްގެ ސަބަބަކުންނެއް ނޫނެވެ. ސިޔާސީ ގޮތުން ގަރަގު ވެފައިވާ ސަރުކާރު ތަކުގައާއި މިސްރާބު އޮޅި އެމީހަކާއި އެމީހެއްގެ ސަރުކާރުތަކުގައި ގައުމުތައް ބަނގުރޫޓުވުން ނޫން ކަމެއް ނުވާނެއެވެ.
ހުއްޖަތަކަށް ކޮންމެހެން އެހެން ޕާޓީއެއްގެ ހުވަފެން ނުދައްކަވާ ވެރިކަން ކުރާ ޕާޓީ ކަމުނުދާ ކަމަށް ބުނެފައި އިހުގެ ލޯބިވެރިންގެ ގާތައް ދިޔައީމާ ނިމުނީއެވެ. ދިވެހީން ތިޔައީ ކާކު ކަމާއި ތިޔަ މީހާގެ ވެރިމީހާ އަކީ ކާކުކަން ރަގަޅަށް ދަސްކޮށްފިއެވެ. ކަންކަމުގެ ނަތީޖާ ނުނެރެވުނީމާ ބިރު ނުދައްކާށެވެ. މިހާރުގެ ވެރި މީހާއަށް ކަމެއް ނޭގޭކަން އޭނާއަށްވެސް ނޭގެއެވެ. ނޭނގޭކަން އެނގުމަކީވެސް އެނގުމެކެވެ. އެވަރު އޭނާއަށް އެގޭކަމަކަށް ނުވެއެވެ. ދަންޏާ ދާންވީ ދިޔައީމަ ގެއްލޭނީ ހަމައެކަނި މުސާރައާއި އިނާޔަތް ތަކެވެ. ދިވެހިން ތިބީ ސުމަކުން ނީންމާގޮތައް ފޫގަޅައިގެންނެވެ.