އަންނިއަށް: ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށް

ބޮޑުވަޒީރުކަމުގެ ހުވަފެން ބިލާހަކަށްވެ ފޭބީ ހުޅުނބު

އަންނިއަށް: ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށް

އެމްޑީޕީއަށް ނަޝީދު ބޭނުންހާ އެއްޗެއް ހެދޭނެ ނަމަ އެތެރޭގައި ހުރި އިރު ހެދުނީހެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ މަގާމުގައި ހުރެ މުޅި ޕާޓީ އަތަށް ފުށްދީފާ ދިޔައީ ފަހަކަށް އައިސް ބޭނުންވި ގޮތަށް އެއްކަމެއް ނުވެއެވެ. 

ފަހަކަށް އައިސް ނަޝީދު ބޭނުންވި ގޮތަށް އެމްޑީޕީގެ ތެރޭގައި ވީކަމަކީ ފުރަހަނި ޝުޢައިބު ކަނޑާލުމާއި ޝިފާ މާލޭ ދާއިރާގެ ރައީސް ކަމަށް ހޮވުމެވެ. ޝިފާ މާލޭ ދާއިރާގެ ރައީސް ކަމަށް ހޮވުނީ ވެސް ބޮމުގެ ހަމަލައިގެ ސިމްޕަތީންނެވެ.

އަމިއްލަ ހޮދުމުހުތާރުކަން ބޮޑުވެ ހިފިނުހުރުމުން ކުރިން އިތުބާރުކޮށްގެން އެކީއުޅުނު އެތައް ބަޔަކު ނަޝީދު ދޫކޮށްލިއެވެ. ނަޝީދު ގެ މުށުތެރެއިން އެމްޑީޕީ މިނިވަން ކުރުމުގެ ފުޅާ ރޫހެއް ފެށިގެން ފެތުރިގެން ދިޔައީ ފަތުއަޑު ކިޔާފައެވެ.

މެންބަރުން އެއްވާނަކަށް ކުރި މަސައްކަތާ ދިން ވޯޓުން ގައުމީ މަޖިލިސް މިނިވަން ކުރިއެވެ. ޗެއާޕާސަން ކަމަށް ފައްޔާޒު އިސްމާއީލު ހޮވާ ހިންގާލަން ހަވާލުކުރި އެވެ.

އަމިއްލަ ބާރުވެރިކަން ހޯދަން ދައުލަތް ހިންގުމުގެ ނިޒާމު ބަދަލުކުރަން ކުރިހާ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ބޮޑުވަޒީރުކަން ކުރުމުގެ ހުވަފެން ބިލާހަކަށްވެ އިދިކޮޅަށް ވުރެ އިދިކޮޅު ވެގެން އުޅެއުޅެ ފޭބީ ހުޅުނބެވެ.

މަޖިލީހުގައި އެމްޑީޕީއަށް އޮތް ސްޕާރމެޖޯރިޓީން ހޯދާދިން މަޖިލީހުގެ ރައީސްކަން ނަހަމަ ގޮތުގައި ބޭނުންކުރީ ބާރުވެރިކަން ހޯދުމަށާ ސަރުކާރު ހިންގަން ދަތިކުރާށެވެ. ސަރުކާރުގެ މަގުބޫލުކަން ކަނޑުވަން އިދިކޮޅަށް މަދަދު ދޭށެވެ.

އެންމެ ފަހުން ހާމަކޮށްދޭން ނޭގޭ ފިކުރެއް ފޮރުވަމުން އަމިއްލައަށް ބަރަހަނާ ވަމުން ޖެހުނީ އެމްޑީޕީއަށް އަލްވަދާއު ކިޔާށެވެ. އެމްޑީޕީ ހޯދަން އުޅެ އުޅެ އެކަމެއް ނުވިއެވެ. ރޫޅަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ. އެންމެފަހުން މަހާނަ މައްޗަށް މަޑިއަށް ޖެހެން ފެށީއެވެ.