މެންބަރު އުޝާމަށް: ބާގީ ނާޒިމާއި ބާގީ ރިޔާޒަށް ތުހުމަތެއްނެތް!

ވެރިކަން ހޯދުމަށް ބޫތުކައިފައި ތިބި ބަޔަކަށް ހަޖަމެއް ނުވާނެ

މެންބަރު އުޝާމަށް: ބާގީ ނާޒިމާއި ބާގީ ރިޔާޒަށް ތުހުމަތެއްނެތް!

މަވަރު މީހަކު ނެތިގެން އުޅުމުގައި ވިލިމާލެ ދާއިރާގެ މެންބަރ އުޝާމު ވަރު މީހަކު މަދުވާނެއެވެ. ގާނޫނީ ވަކީލަކަށް ވީތީ ރައްޔިތުންގެ މަޖިލިސް މެންބަރުކަން ލިބުމުން މީހާއަށް މީހާ އޮޅޭ ވަރެކެވެ. ތިމާއަކީ މުޅި ރައްޔިތުންނޭ ހީވާ ކަހަލައެވެ. ތިމާ ގަބޫލުކުރާ ގޮތަކީ މުޅި ރައްޔިތުންގެ ގަބޫލުކުރާ ގޮތްކަމަށް ދެކި ރައްޔިތުންގެ ތެރޭގައި ފަސާދަ އުފެއްދުން ނޫންކަމެއް މި އުޝާމަކު ނުކުރެއެވެ.

ސީނުކަރަންކާގެ ނާޒިމަށް ރާއްޖޭގެ ވެރިކަން ހޯދާދީގެން އުޝާމަށް ސަރުކާރު ތެރޭގައި ދަނޑިމަތި އަނބުރާލެވޭނެ ކަމުގެ ހުވަފެން ދެކިގެން އުޅޭ އިރު ހީވަނީ މޮޔަގެރިއެއް އުޅޭހެނެވެ. މަވަރެއް ނެތިގެން އުޅޭ އެހެރަ ބޮޑު ގާނޫނީ ވަކީލު މީސްމީހުނަށް ވައްކަމުގެ ތުހުމަތު ކުރާއިރު އަދުލު އިންސާފު އަސާސް ވެސް ނޭނގޭ ކަހަލައެވެ. ކުށެއް ސާބިތު ނުވާހާ ހިނދު ކުށްވެރިއަކަށް ނުވާނެ ކަމުގެ ގާނޫނީ ހަމަ ގަބޫލު ނުކޮށް ސިޔާސީ ބޭނުމުގާ ފަސާދަ އުފައްދާ ލޯޔަރުގެ ޖާހިލުކަމެވެ.

ރައްޔިތުނަށް ބޭނުންވެފައިވާ ގިނަކަންކަން ސަރުކާރުން ކޮށްދޭތަން ދެކޭކަށް އުޝާމުމެނަށް ފަސޭހައެއް ނޫނެވެ. ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ މަސައްކަތް ހުއްޓުމެންނެތި ކުރިއަށް ދާތީ ހަޖަމްކުރަން ދަތިވާނެއެވެ. ބަނދަރުތައް ހަދާ އާރުޓީފެރީ އިން މުޅި ރާއްޖެ ގުޅިގެން ދިޔުމަކީ ވެރިކަން ހޯދުމަށް ބޫތުކައިފައި ތިބި ބަޔަކަށް ބޭނުން ވާނެ ގޮތެއް ނޫނެވެ. ގާއިމުކޮށްދެވޭ ހިދުމަތްތަކުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުން ކުރާ އުންމީދު ބޮޑުވެ އިތުބާރު އިތުރު ވީވީހެން ސަރުކާރު ބަދުނާމުކުރަން ޒާތްޒާތުގެ ތުހުމަތު ނުކޮށެއް އުޝާމުމެނަށް ވެރިކަމުގެ ވަސްވެސް ނުފެންނާނެތާއެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް: ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމުގާ އަވަދިނެތި 

ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ގިނަކަންކަން މި ސަރުކާރުން ކުރުވަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. ވާދަވެރިން ސަރުކާރުގެ ކުންފުނިތަކަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރަނީ ސަރުކާރު ބަލިކަށިކޮށް އިތުބާރު ގެއްލުވާލުމަށެވެ. ސަރުކާރު ކުންފުނިތަކަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ވާހަކަ ފެތުރުންނޫން ކަމެއް އުޝާމްމެން ނުކުރެއެވެ. ކޮރަޕްޝަން ސާބިތުވާވަރުގެ ހެއްކާ ގަރީނާ ހުރިނަމަ ގާނޫނީ ގޮތުން ކުރެވެން އޮތްކަމެއް ނުކޮށްތިބެ ބޮޑެތި ލޯޔަރުން މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހާމަކަން ބޮޑުކޮށް ކުރާތީ، ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮންނާނެއެވެ. ދޮންކަޅު އަންގާނުލާ ސިއްރުން މި ސަރުކާރުން ކަންކަން ކުރާނަމަ ދެއްކޭނެ ވާހަކައެއް ނުއޮންނާނެއެވެ. ހާމަކަން ބޮޑުކޮށް ކަންކަން މި ސަރުކާރުން ކުރަނީ ކޮރަޕްޝަނަށް ތަރުހީބު ނުދޭތީއެވެ. ގާނޫނީ ހަމަތަކުގެ މަތިން ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަކަށް މި ސަރުކާރުން ހުރަހެއް ނާޅައެވެ. ނުވެސް އަޅާނެއެވެ.

ބަޔަކު ކުރާހާ ތުހުމަތަކީ ތެދެއް ނޫނެވެ. ތުހުމަތުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅަން ވަރުވަރުން މުއައްސަސާ އެ ހުރީއެވެ. ތުހުމަތުކުރާ ބަޔަކު ތުހުމަތު ކުރާހެން ކުރާ ތުހުމަތުން ބަރީއަވުމަށް ތުހުމަތު ރައްދުވާ ފަރާތަށް ވެސް ފުރުސަތު ދީގެން އިންސާފު ގާއިމުކުރަން މި ސަރުކާރުން ހުރަހެއް ނާޅާނެއެވެ. އެހެނެއް ކަމަކު ސިޔާސީ ގޮތުން ވާދަވެރިން ކުރާހާ ތުހުމަތު ތަކަކީ ހައްގު ތެދު ކަމަކަށް ވެސް ނުވާނެއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސްމަގާމު ތަކުގައި އެހާ ގިނައީ ކީއްވެގެންތޯ އުޝާމް ސުވާލުކުރީމާ އަންނަނީ ހިންޏެވެ.

އުޝާމްމެން ޕާޓީގައި ތިޔަ ތިބީ ސާފު ތާހިރު ހުދު ބޯކިރު ކޮޅެއް ފަދަ މީހުންނެވެ. ކިލައެއް މިލައެއް ނެތެވެ. ދުނިޔޭގެ މަޝްހޫރު މާފިޔާ ގޭންގް އާތަރ ބްރަދަރސްއާއި އެކު ހަތިޔާރު ވަގު ވިޔާފާރި ހިންގި އެއް ދިވެއްސަކީ އުޝާމުގެ ސިޔާސީ ލީޑަރ ކަމަށް މީހުން ކިޔާ އުޅެއެވެ. ރާއްޖޭގައި އުފެދިފައި އޮތް ގާނޫނީ ސަރުކަރެއްގެ ރައީސުލްޖުމްހުރިއްޔާއަށް ޝަރުތަކާ ނުލާ އިސްތިއުފާ ދޭން މަޖުބޫރު ކުރިކަމަށް އާއްމު އެއްވުމެއްގައި އިއުތިރާފްވި ބާގީ ނާޒިމަކީ އުޝާމްމެން ޕާޓީގެ ލީޑަރެވެ.

ރާއްޖޭގެ ގާނޫނީ ރައީސަށް މަޖުބޫރު ކުރުވައިގެން އިސްތިއުފާ ސިޓީއެއް ލިޔުއްވާ އެއްވެސް ހައިސިއްޔަތެއް ނެތި އެސިޓީ ހިފައިގެން ގޮސް މަޖިލީހުގެ ރައީސަށް ދިން ބާގީ ރިޔާޒަކީ އުޝާމުގެ އަނެއް ކޮލީގެވެ. ޑރ. އަފްރާޝީމުގެ ގާތުލާ ގުޅިގެން ކްރައިމް ސީން ކްލޮރިނާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓުމޯޓަމް ނުހަދާ ވަޅުލާ އެ ޖަރީމާގެ ހެކިތައް ނައްތާލި ޕޮލިސް ކޮމިޝަނަރަކީ އުޝާމްމެންގެ ބަގީ ރިޔާޒެވެ.

ގެއްލުނު ވެރިކަމުގެ އަރާމާ މަސްތުގައި ވެރިކަމުގެ ލައްޒަތު ހޯދަން އެއްތަނުން އަނެއް ތަނަށް ދުވާ ދުންޔާ މައުމޫނު ވެސް ތިޔަހުރީ އުޝާމުމެންނާ އެކީގައެވެ. ތިޔަބައިގަޑުގައި އެތިބީ މިކަހަލަ ހައްސައެވެ.

މި ސަރުކާރުގެ ކާމިޔާބީ ތަކަށް ހަސަދަވެރިވާ އުޝާމުމެން ކަހަލަ މީހުން ތިޔަ ކުރަނީ ފަސާދައެވެ. ވެރިކަން ހޯދަން ކުރާނެ އެހެން ކަމެއް އުޝާމުމެންނަކަށް ނުފެނެއެވެ. އެއްވެސް ހައްގަކާ ނުލާ މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވާ އަގުވައްޓާލަން މަސައްކަތް ކުރާއިރު ތިމާގެ ވަށައިގެން ތިބީ ކޮން ބައެއްކަން ވެސް ނޭނގޭހާ ގަމާރީތާއެވެ.