ޖަމީލަކީ ރައީސުންނަށް ޖެހިފައި އޮތް މުސީބާތެއް

އިލްމީ މީހެއްގެ އުޅުމަށް ވުރެ ޖަމީލުގެ އުޅުމާއި ބަސްމަގު ވަކަރުގެ ކުއްޖެކޭ އެއްގޮތް

ޖަމީލަކީ ރައީސުންނަށް ޖެހިފައި އޮތް މުސީބާތެއް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ކޮންމެ ބޭފުޅަކާ ޖައްސާލުމަކީ ޑރ. ޖަމީލުގެ އާދައެވެ. ޖަމީލަކީ ގައުމަށް ޖެހިފައި އޮތް މުސީބާތެކޭ ތަފާތެއް ނެތެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވުރެ ޖަމީލުގެ ކަންތައް ބޮޑެވެ. ޕީއެޗްޑީ ނަގައިގެން ހުރީ ފިތުނަ ފަސާދަ އުފެއްދުމުން ކަހަލައެވެ. އިލްމީ މީހެއްގެ އުޅުމަށް ވުރެ ޖަމީލުގެ އުޅުމާއި ބަސްމަގު ވަކަރުގެ ކުއްޖެކޭ އެއްގޮތެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކުމުގައި ލަދެއް ހަޔާތެއް ނެތެވެ. މިނެއް ސުމާރެއް ނެތެވެ. ޖަމީލުގެ ހަމަލަމަ ގެއްލި ސިޔާސީ ގޮތުން މީހާ ރަންޑިވެ އިތުބާރު ގެއްލި ކަނޑުކޮހަކަށްވެ ނިމިއްޖެއެވެ.

އާނއެކެވެ. ޖަމީލަކަށް ރައީސް މައުމޫނު ކަމަކު ނުދިޔައެވެ. ރައީސް މައުމޫނުގެ ކެބިނެޓްގައި ހުރެ އެ މަނިކުފާނަށް ހަރާން ކޯރުވިއެވެ. އެންމެ ބޭނުންވީ ވަގުތު ނިޒާމީ ބަހުސް ތެރެއިން ސްޓޭޖުން ފުންމާލާ ރައީސް މައުމޫނު ވުޖޫދުން ފުހެލުމަށް ނުކުރާ ކަމެއް ނެތެވެ. އޭރު ގިނަ މީހުން ހީކުރީ ޖަމީލު އިސްލާހީ މަސައްކަތުގައި އިހުލާސްތެރި މަސައްކަތް ތަކެއް ކުރާކަމަށެވެ. ވަތަން އެދޭ އިއްތިހާދުގެ ތެރެއިން ޑރ. ހަސަން ސައީދުގެ ބަނޑުވާ ހެދިގެން އުޅުނީ މަ ބޮޑޭ ވާންކަން އެނގެނީ އެއްވެސް ސާބިތުކަމެއް ނެތި ލާހޫރޭތީއެވެ.

ޖަމީލުގެ ނުބައި ނުލަފާ ކަމުން އެންމެ ބޮޑު ކެއްސެއް ދިނީ އަބްދުﷲ ގާޒީއަށެވެ. ޖަސްޓިސް މިނިސްޓަރ ކަމުގައި ހުރިއިރު އަބްދުﷲ ގާޒީއާއި އުފައްދާފައިވާ އަޑިނޭނގޭ ގުޅުމެއްގެ ތެރެއިން ތަހުގީގަށް ޖަމީލު ހައްޔަރު ކުރުމަކީ ރައީސް ނަޝީދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ފުލުހުން ކުރަމުން އައި ތަހުގީގެއްގެ ބޭނުމަށް ޖަމީލު ހައްޔަރުކޮށް މުއްދަތު މަޖިލީހަށް ގެންދާއިރަށް އަބްދުﷲ ގާޒީ ޖަމީލު ދޫކޮށްލައެވެ. ފުލުފުލުން ތިން ހަތަރު ފަހަރު ޖަމީލު ހައްޔަރު ކުރެވުނަސް ދޫކޮށްލަން ވަނީ މުއްދަތު ޖަހަން ގެންދާ ލަހެކެވެ. މުއްދަތު މަޖިލީހަށް ޖަމީލު ވެއްދުމާ ދޫކޮށްލުން ހިނގަނީ އެކު އެކީގައެވެ. ނަތީޖާއަކަށް ވީ އަބްދުﷲ ގާޒީ އެކަހެރި ކުރުމެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރުން ވީ ވެރިކަމަށް ފެން ބޮވައިގެންފައި ތިބި މީހުނަށް މަރެއް ކަހަލަ ކަމަކަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވަތަކުން ވައްޓާލުމުގެ ސަބަބު އުފެއްދީ ޖަމީލު ނޫން ދެވަނަ މީހެއް ނޫނެވެ. ޖަމީލުގެ ހަމައިގައި ރައީސް ނަޝީދަށް ވެސް ވެރިކަމުގައި ކުރެއްވުނު ރަނގަޅު އެއްކަމެއް ނެތެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ޖަމީލު ނާޅުވާ ވަގު ތުހުމަތެއް ނެތެވެ. ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލުމަށް އާއްމު އެއްވުން ތަކުގައި ހުކުން ކުރަމުން ދުވީ ޖަމީލެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓި މިހާ ދުވަސް ވީއިރު ވެސް ޖަމީލު ކުރި އެއްވެސް ތުހުމަތެއް ރައީސް ނަޝީދު މައްޗަށް ޖަމީލަށް ސާބިތުކޮށެއް ނުދެވެއެވެ.

ޑރ. ވަހީދުގެ ބާގީ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުރެ ފުލުހުން މެދުވެރިކޮށް ސިޔާސީ ހަސަދަވެރިންގެ ކިބައިން ބަދަލު ހިފަން ކުރިހާ ކަންކަމުން ހޯރަ އިއްބެ ފްރޭމް ކުރުން ނޫން ކަމެއް ޖަމީލަކަށް ކަމިޔާބެއް ނުކުރެވުނެވެ. ޑރ. އަފްރާޝީމްގެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ފުލުހުން ލައްވާ ކުށުގެވެށި ކޮލޮރިންއާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓު މޯޓަމް ނުހަދާ ވަޅުލާ ހެކި ނައްތާލުމަކީ ޖަމީލު ކުރުވި އެންމެ ޖައްބާރު އެއް ކަންތަކެވެ.

ރައީސް ޔާމީނުގެ އުނގަށް ވެއްޓިގަނެގެން ނައިބު ރައީސްކަން ހޯދާ ބަގާވާތަކުން ވެރިކަން ފެލައިލަން އުޅުނު އުޅުން ނާކާމިޔާބުކޮށް ބޭރުކޮށްލުމުން ރައީސް ޔާމީނަށްވުރެ ނުބައި ނުލަފާ އަނިޔާވެރި އަކު ޖަމީލަކަށް ނެތެވެ. ރައީސް ޔާމީނަކީ މާ ސިންގާ ބޮޑު ވަގަކަށްވެ ޖަލު ނޫން ތަނެއް ހައްގު ނޫން ކަމަށް އެންމެ ގިނައިން ގޮވި ދިވެއްސަކީ ޖަމީލެވެ. ކައިރި މާޒީގެ ނޫސްތަކާއި ޓްވިޓަރއާއި ސޯޝަލް މީޑިއާއިން ހެކި އެ ހުރީ ފެންނާށެވެ. އޭރު ޖަމީލަށް ރައީސް ޔާމީނަކީ ވަގުބުޅަލެކެވެ. ވެރިކަމަށް ކުފޫ ހަމަނުވާ ޝަރުތު ގެއްލިފައިވާ ބޮޑު ވަގެކެވެ. ޑިކްޓޭޓަރެކެވެ. ހާއިނެކެވެ.

ޖަމީލު ކީހާޅެން ފަރިއްސަށްވެ ކުރިން ބުނިއެތި ކެންސަލްކޮށް ޔާމީނުގެ ދިފާއުގައި އެހުރީ ބުޑު ފެންނަ ވަރަށް އެއް ރޮއްޖަށް ފޫގަޅައިގެނެވެ. މިހާރު ޖަމީލަށް ވަގު ބަދަލު ވެއްޖެއެވެ. މިއަދު ވިއްދާލާފައި އެހުރީ ރައީސް ސާލިހާއެވެ. ރައީސް ސާލިހުގެ އިސްތަށިފުޅުގައި ނަޅުވާ ތުހުމަތެއް ޖަމީލުގެ ނެތެވެ. ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާހާ ބޭފުޅުން މަގާމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ރެކޯޑެއް ވަކި އެކަކަށް އޮތްނަމަ އެ މީހަކީ ޖަމީލެވެ. ފިތުނަ ފަސާދަ އުފެއްދުމުގައި ޖަމީލު އެހުރީ ކުންނުގައެވެ. ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުމާ ގާނޫނުލް އުގޫބާތުގައި އޮތްނަމަ އޮތް ފިތުނަ ފަސާދައާއި އަބުރު ނަގާލުމުގެ ކުށެއް ޖަމީލުގެ މައްޗަށް ސާބިތު ވާނެއެވެ.