މޯދީ ފޮށާގަނޑުގައި މުއިއްޒު އެލިގަތީމާ ނިކަން ހުތުރު

"އައްލާ ކޭ ނާމްޕޭ ކުޗް ދޭދޯ ބާއީ" ކިޔަމުން "ގެރި މޯދީ" އަށް ސަލާންޖެހަނީ!

މޯދީ ފޮށާގަނޑުގައި މުއިއްޒު އެލިގަތީމާ ނިކަން ހުތުރު

މުއިއްޒަށް ލިބުނު ގޮތަކަށް ސަރުކާރެއް ލިބިއްޖެއެވެ. ދޮގު ވިއްކައިގެން އެމްޑީޕީ ސަރުކާރު ބަލިކޮށްފައެވެ. ވިއްކި ދޮގުން ބޮޑު އެއް ދޮގަކީ އިންޑިއާ ގޮނޑިކޮއްކޮއަކަށް ރާއްޖެ ހަދައިގެންއުޅޭ ވާހަކައެވެ.

ވެރިކަމަށް އިންތިހާބު ވުމަށްފަހު ހުވާ ވެސް ނުކޮށް ދިމާކުރީ އިންޑިއާ ބަލި ކުރާށެވެ. އަލްޖަޒީރާ ޓީވީން ބަސްދީގަތުމެއް ލިބުނު ދަނޑިވަޅުވެސް ކަށިކޮލި ހެދުނީ އިންޑިއާއަށްވުރެ ގަދަކަން ދައްކާށެވެ. 2000 ސިފައިންނާއި އަޑިނޭގޭ އެއްބަސްވުންތަކެއްގެ ވާހަކައިން އަލް ޖަޒީރާގައި މުއިއްޒު ދުނިޔެއަށް އޮޅުވާލިއެވެ. 

ހެލްކޮޕްޓަރު ކީއްކުރަން ހެއްޔެވެ އިންޑިއާ ސިފައިންގެ ބޫޓް ކިބައެއް ނުބަހައްޓާނޭ ކަމަށް ގޮވިއެވެ. އުޅެ އުޅެވެސް ތިބި ސިފައިންގެ އަދަދެއް އެގުނު ކަމަކަށް ނުވިއެވެ. ގަދަ ބަސް ބުނުމާއި ތެޔޮގުޅާސާދާ ކުރުމުގައި ދޮޅުމަހެއްހާ ދުވަަހަށްފަހު ވެރިކަމުގެ ގާނޫނީ ހުވާކުރިއެވެ. ފުރަތަމަ ފެނެލުމުގައިވެސް ނަންނުގަނެ ބަވާލީ އިންޑިއާއަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވުނު ވަރުން ލައްވެ ގަތީ ތުރުކީއާއި ޗައިނާ ގައިގައެވެ. ލައްކަ ހޭހަން ކޮށްދޭނެ ކަމަށް ހިތައެވެ. 

ވެރިކަމުގެ މާމުއި ހަނދުވަރުގައި ބޮޑު ފައުޖެއް ގޮވައިގެން ދިޔައީ ޗައިނާއަށެވެ. ދަުތރުގައި ސިއްރު 20 އެއްބަސްވުމުގައި ސޮއިކޮށް ހީވީ ދެންމެ ދެންމެ ވަރަލާ އުދުއްސައިގެންފާނެހެންނެވެ. އައުކުކުޅަކަށް ގައުބިހެއްއެޅިގެން ކަނބިލި ހިނގުމަށް ހިނގަމުން މަހާރެހެންދި އަތްޕުޅުން ޗައިނާ ގަނޑުވަރުތަކުގެ ތަނބުތަކާއި ސިޑިތަކުގެ ފަޑިތަކުން އޮފުދުއްވާލިއެވެ. ހަތް ދުވަހުގެ ނާޗަރިންގީއަށް ފަހު ރާއްޖެ އައިސް މާލެވެސް ނޭރެނީސް ހިތް އާސްމާނަށް އަރާ ވަށިވަށިން އިންޑިއާއަށް ދިނީއެވެ. 

މުއިއްޒު ހުޅުލޭގައިހުރެ އިންޑިއާއަށް ކުރުދޮށިން ދިންއިރު ތިމާއަކީ ގައުމެއްގެ ރައީސްކަން ވެސް ހަނދާނެއް ނެތެވެ. ދިވެހީންގެ ރައީސް ހީވީ ވަކަރުގޭ ދަރިއެއް ހެނެވެ. ނޫސްވެރިން އެއްކޮށްގެން އެ ދުވަހު މުއިއްޒު ބުންޏެވެ. "އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން"އެވެ. ދެން ބުނީ "އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކް ޔާޑްގަ އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މި ނިވަން މުސްތަގިއްލު ގައުމެއް" ކަމަށެވެ. 

މުއިއްޒު ޗައިނާއަށް ގޮސް ހުސްވެފާ ވަރު އަންގައިދިނީ "މި ޓެރިޓޯރިއަލް އިންޓަރގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ" ކަމަށް ބުނި ބުނުމުންނެވެ.

މުއިއްޒަކީ ބަދަލު ހިފުމާ ޖަދަލު ކުރުމުގައި ދެވަނައެއް ނެތް ދޮގުވެރިއެއްކަން މުއިއްޒުގެ ވާހަކައިން ކިތަންމެ ރަނގަޅަކަށްވެސް އެގުނެވެ. އެގޮތުން " މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކިބަޔެއްގެ (އިންޑިއާގެ) ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ" އޭ ބުނެ ދެއްކި ވާހަކައިން އެއްވެސް ޑިޕޮލޮމަސީއެއް އިހުތިރާމެއް އެނގޭ މީހަކަށް މުއިއްޒު ނުވާކަން އެނގުނެވެ.

އާރެއް ބާރެއް އުރައްޕަތެއް ހުރިނަމަ ބުނެލަން ވަރަށްވެސް ވަރުގަދަ ވާހަކަ ކޮޅެކެވެ. ބޮކުބާރު ދެއްކިއިރު މުއިއްޒުގެ ހަދާނުގައި ނެތީ ތިމާއަކީ ސަރުކާރުގެ ވެރިމީހާ ކަމެވެ. ސަރުކާރުތަކުން އެހެން ގައުމަކަށް ކުޑައިމީސްކޮށެއް ނޫޅޭނެއެވެ. މުއިއްޒަކީ ކަންކަން ދިމާވުމުން ބުއްދި އިސްކުރުމުގެ ކަންފުޅެއްވެސް ނެތް މީހެއްކަން އެންމެނަށް ސާފުވިއެވެ.

އުނބަށް ޖެހުމަކީ ނިސްބަތްވާ ރަށާއި އުފެދުނު ރާހީގެ ގޮތުން ކަށީގައި ހިފާފައިވާ ކަމަކީތާއެވެ. ރަތްމަހަށް ނުބަވާ ވަރަށް ޖަމާއަތް ހަދައިގެން އިންޑިއާ އާއި ދިމާލަށް ބެވި ހަނދާން ނެތި ނާށިގަނޑު ހިފައިގެން މިހާއަވަހަށް "އައްލާ ކޭ ނާމްޕޭ ކުޗް ދޭދޯ ބާއީ" ގޮވަމުން "ގެރި މޯދީ" ފޮށާގަނޑުގައި އެލެންފެށީމާ ނިކަން ހުތުރެވެ.