ކޮވިޑަށް މޯޅިވެ އިންތިހާބަށް ފަރިވެފޮޅޭ ބުރުމާ

ކުރި ކޮންމެ ވާދައަކުން ބަލިވެ ގޮތްހުސްވެގެން ކުރާ ކަމަކީ މަޖިލިހަށް ޒާތްޒާތުގެ ގަރާރު ހުށަހެޅުން

ކޮވިޑަށް މޯޅިވެ އިންތިހާބަށް ފަރިވެފޮޅޭ ބުރުމާ

ސުރުޚީ އަކާ ލިޔެފައި މިއޮތް ވާހަަކައަކާ ދިމައެއް ނުވެއޭ ބުންޏަސް ވަރިހަމައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ލިޔެފައި މިއޮތީ ލިއުނު މީހާ ލިޔަން ބޭނުންވި ގޮތަށެވެ. ދެން ހަދާނެ އެއްޗެއް ހަދާށެވެ. އެހެން ސުރުޚީއެއް ޖަހާފައި ކޮވިޑަށް މޯޅިވި ބުރުމަލާ މާބުރުގެ ވާހަަކަ ވެސް ލިއުނީމާ ލިޔެވޭނެއެވެ. އިހަށް މިހާރު ލިޔެފައި މިއޮތްއެތި ކިޔާށެވެ.

2018 ގެ އިންތިޚާބު ބޯމަތިވިއިރު އެންމެން ތިބީ ހަދާނެ ގޮތާ ހެދޭނެ ގޮތް ހުސްވެފައެވެ. ހުރިހާ އިދިކޮޅު ޕާޓީ ހުރަގޭގައެވެ. ވަރުގަދަ ޖަލުހުކުމް ތަކުން އަވަދިވެފައެވެ.

ސިޔާސީ ކުރިމަގު އޮތްތަނުގައި ބާއްވާފައި ކޯލިޝަން ހެދީ ޖާނު ސަލާމަތް ކުރުމަށެވެ. ފަހު ވަގުތާ ޖެހެންދެން ރައީސް ނަޝީދު ބޭރުގައި ހުރެގެން ވިދާޅުވީ އީޔޫ އާއި ޔޫއެން އާއި  ބައިނަލްއަގްވާމީ މުޖުތަމައުން ފަހު ވަގުތު ޔާމީން ފިއްތާލާނެ ކަމަށެވެ. ކުއްލި އަކަށް މަތިން ފައިބާ ދަނގަޑު އަތަކުން އެ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފާ އިންތިޚާބަށް ނެރޭނެ ކަމަށެވެ. 

ސަލާމަތުން ތިބި މީހުން އެރިސްކް ނަގާކަށް ބޭނުމެއް ނުވިއެވެ. ޔާމީންގެ ގޮތް އޮތީ އެނގިފައެވެ. ކޮމަންވެލްތުން ޔާމީނަށް ފިޔަވަޅު އަަޅަން ނިންމުމާއެކު ކޮމަންވެލްތުން ރާއްޖެ ވަކިވެ އެ މަޅިން ބޯދަމައިގަތް ގޮތް ރައީސް ނަޝީދަށް ފެނިވަޑައިނުގަތަސް ދެންތިބި މީހުންގެ ހަމަހޭ ހުއްޓެވެ. 

ކޮށްފައިހުރި ކަންކަމާ، އެކައުންޓަށް ވެއްދިހާ ފައިސާ އޭރުވެސް ޔާމީނަށް އެނގެއެވެ. ވެރިކަން ނުލިބިއްޖެ ނަމަ މިއަދު ވަދެ އޮންނަން ޖެހޭނެ ގޮޅި އޭރުވެސް ޔާމީނަށް ފެނެއެވެ. ވީއިރު ޔާމީނަށް ކޮން އިޔޫއެއް ހެއްޔެވެ؟! 

ތަފާތު ގޮތްގޮތުން ބަނދެ ހަފުސްކޮށް ހުކުމް ތަކުން ތާށިކޮށް ޖަލަށްލައި ނޫނީ ރާއްޖޭން ބޭރަށް އަރުވާލެވިގެން ނޫން ގޮތެއްގައި ހުރި ސިޔާސީ ލީޑަރެއް ނެތެވެ.

އައިސީޔޫ އިން އީޔޫއަށް އަދަބު ލުއިވެ، ޖަރުމަނު ފަސްގަނޑުގައި ބޭސްފަރުވާގެ ބަހަނާގައި ފައިޖެހުމާ އެކު ގާސިމްގެ ޞިއްޙަތު ޅަދުވަހަށް ބަދަލުވީއެވެ. ރައީސް  ނަޝީދަށް  އޮތީ  އިނގިރޭސި  ވިލާތުގެ  ރޯޔަލް  ހިމާޔަތެވެ. ދެން ތިބި މީހުން މަގުތައް މަތީ ގަނަތެޅި ހަފުސްވެ ކަރަންޓް މުގުރާލާ އަވަދިވެ، ކަރުނަގޭހުން ފޯވަނީއެވެ. 

ކުރިމަތީގައި އޮތީ ބޮޑު ސުވާލެކެވެ. އެއީ،  ރައީސް ނަޝީދުގެ ހުވަފެނީ ކެންޑިޑެސީގެ އަވާގައި ޖެހިގޮސް ފަހު ވަގުތު އެކަންނުވެ އިތުރު 5 ފަސް އަހަރު އެހާލުގައި ޔާމީންގެ އަތްދަށުވާން ރާއްޖެ ދޫކޮށްލާނީތޯ ނުވަތަ އެއްބަސް ވެވޭ ކެންޑިޑޭޓަކު ނެރެ އޭރުގެ އަނިޔާވެރި ކަމުން ނެއްޓިގަންނާނީތޯ އޮތް ސުވާލެވެ. 

ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ 2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެހުންނެވެ. އެ ކޮންގްރެހަކީ އުކުޅަހު ބަޣާވާތޭ ކިޔާ ނަންދިން ބަޔަކީ ކޮބައިކަން މިހާރު އެމްޑީޕީ ތެރޭން އެފެންނަނީއެވެ.

މިއުޅެނީ އިތުރު އެއްވެސް ގޮތެއް ވެގެންނެއް ނޫނެވެ. ހުރިހާ އަދާވާތްތެރިކަމާ ހަސަދަ އަދި ފިތުނަވެރި ކަމެއްގެ ފެށުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް މަށަށް ނުލިބުނު ތަނުގައި އަމުދުން ހިންނަވަރު ކުއްޖަކަށް ލިބުނީއެވެ. އަދި މިހާރު ދެންވާން މިދަނީ މާގޯސް ގޮތެކެވެ. 

ކުޑަރަށެއް ބޮޑުރަށެއް ފަޅު ރަށެއް ނުބަލާ ކުރި ކަންކަމުން އަނެއްކާ އިތުރު ދައުރަކަށް އެހެރަގެން ދޮންވެ ފައްކާވަނީއެވެ. ހިންވަރާ ތަކަން މާރަންދޫ އަދި ފޯއްމުލައް ނޫނީ އައްޑޫ މީހަކު ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނުވާ ބޭފުޅުން ރާއްޖޭގައި ތިބިކަން ދިވެހިން ދަނެއެވެ. 

އުކުޅަހުން ފެށި ދައުރު ނިމި މި ދަނީ އެމްޑީޕީ ތެރޭން ނުކުތް ބަޔަކު އިދިކޮޅު ޕާޓީއަށް ވުރެ ސަރުކާރަށް ކުރާ ދުއްތުރާ ބޮޑުކޮށްގެން ތިބެއެވެ. ސިޔާސީ މަގާމު ތަކުގައި ތިބެ ސަރުކާރަށް ގުއިފުރާ ޖެއްސުންކޮށް ވަޒީފާގެ ބިރުދައްކަނީއޭ ގޮވަމުން ބޮޑު މުސާރަ ނަގަނީއެވެ. 

ކުރި ކޮންމެ ވާދައަކުން ބަލިވެ ގޮތްހުސްވެ ނާޗާރުވެ ބޭގަރާރު ވީމާ ތިބެގެން ކުރާ ކަމަކީ މަޖިލިހަށް ޒާތްޒާތުގެ ގަރާރު ހުށައަޅައިގެން ސަރުކާރާ ދިމާ ކުރުމެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙެވެ. އެމަނިކުފާނާ ކުރައްވާނޭ  މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީމާ ދެގޮތުން ކުރެ އެއްގޮތެއް ވެއްޖެއެވެ. އެހެންޏާ އެމްޑީޕީ އެއް މިހާރު ނެތެވެ. އެމްޑީޕީ އޮތިއްޔާ އެޕާޓީގެ ރައީސެއް މިހާރަކު ނެތެވެ.