ލާމަރުކަޒީ ނިޒާމް ނެތިކޮށްލަނީ ހިންގަން ނޭނގިގެން: ޝާހިދު
ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް
ދައުލަތުގެކަންކަން ހިންގަން ނޭގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެންފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ އެ މަނިކުފާނު ކުރެއްވި އެކްސްގެ އެކްސްގެ ޕޯސްޓެއްގައެވެ.
ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް އޮނަރަބަލް ޝާހިދު ތުހުމަތު ކުރައްވައެވެ.
ލާމަރުކާޒީ ނިޒާމަކީ ގާނޫނު އަސާސީގެ ވަކިބާބެއް އެކަމަށް ކަނޑައެޅިގެން ރައްޔިތުންގެ ބާރު ރައްޔިތުންނަށް ދިނުމަށް ކަނޑައެޅުނު ނިޒާމެކެވެ. އެރަށެއްގެ ކަންކަން އެރަށަކުން ނިންމުމަށް ރައްޔިތުން އިންތިހާބު ކޮށްފައިތިބޭ މީހުންގެ ބާރު ކަނޑުވާލާ އެ މީހުންގެ މައްޗަށް، އައްޔަނުކުރާ ވަޒީރަކު ބާރު ހިންގުމަކީ ރައްޔިތުން ބޭނުންވި ގޮތެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިކޮށް މުޅި ނިޒާމް ގަޑުބަޑު ކުރުމަކީ ހުދުމުހުތާރުވެރި ކަމެއްގެ ސިފައެވެ.
ސާރކިއުލައާއި އަމުރު ފޮނުވައިގެން ކައުންސިލްތައް ސަރުކާރުގެ މުށުތެރެއަށް ގެނެސް ސަރުކާރުގެ ގޮނޑިކޮއްކޮއަކަށް ކައުންސިލްތައް ހެދުމުގެ ބޭނުމަކީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްނުދިނުމަށް ކުރާކަމެކެވެ. ސަރުކާރުގެ ތުބުން ވެއްޓޭ ބަތްފުށް ކާންތިބޭ ބަޔަކަށް ރަށްރަށުގެ ރައްޔިތުން ހެދުމަށް ކުރެވޭ މަސައްކަތެކެވެ.
ރަށްރަށުގައި ރަނގަޅު ފެންވަރަށް ކަރަންޓާއި ފެނުގެ ހިދުމަތް ނުދިނުމަށް ކުރާކަމެކެވެ. މަގުތަކާއި ބަނދަރުތައް ހެދުން ހުއްޓާލުމަށް ރާވާރޭވުމެކެވެ. ދަނޑުތައް އެޅުމާއި ސްކޫލްތައް ބިނާކުރުމާއި ރަށްގިރުން ހުއްޓުވުމަށް ކުރަންފެށިފައިވާ މަސައްކަތްތައް ހުއްޓާލުމަށް ޖެހި މަޅިއެކެވެ. ބަނގުރޫޓް ލޭބަލް އަޅުވައިގެން ހަރަދު ކުޑަކުރުމުގެ ނަމުގައި ރަށްރަށް ތަރައްގީ ކުރުން ހުއްޓާލާ ތޮއްޖައްސާ ލާމަރުކަޒީ ނިޒާމު އުވާލުމަށް ހިންގާ ޖަރީމާއެކެވެ.