މުއިއްޒު ސަރުކާރަށް ޔޯގާ ހަރާމެއްނުވި!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއަން ހައިކަމިޝަނުން އިންތިޒާމްކޮށްގެން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ހިންގާތީ ލާދީނީވެގެން އެކަން ހުއްޓުވިއެވެ. ބޮޑު ކުރިމަތިލުމެއް ހިންގާ އެތައް ބަޔަކު ހައްޔަރުވިއެވެ. ޔޯގާއަކީ ދީނާ ހިލާފު ކަމަކަށްވެގެން އެކަން ހުއްޓުވުމަށް އެންމެ އިސްކޮށް އުޅުނީ އޭރުގެ ސަރުކާރާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ މީހުންނެވެ.
އެމްޑީޕީ ސަރުކާރު ބަދަލުވެ ޕްރޮގްރަސިވް ކޯލިޝަން ފިކުރުގެ މީހުނަށް ވެރިކަން ލިބުނު ފަހުން ދޮޅުއަހަރު ވަނީއެވެ. ގަލޮޅުދަނޑުގައި އޭރު ބާއްވަން އުޅުނު ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން އަދިވެސް ތިބީ ޖަލުގައެވެ. އެމީހުންގެ މައްޗަށް ޝަރީއަތްކުރުން ހުއްޓައެއް ނުލައެވެ. ލާދީނީ ޔޯގާ ހަރަކާތް ހިންގުން މަނައެއްވެސް ނުކުރެއެވެ.
ފޮޓޯ: ލާދީނީވެގެން ހުއްޓުވި ހަރަކާތް
ޔޯގާއަކީ އެއްވެސް ބަޔަކު އެމްޑީޕީ ވެރިކަމެއްގައި ރާއްޖޭގައި ކުރުން ލާދީނީވެގެން އެމްޑީޕީއާ ދެކޮޅު ފިކުރުގެ މީހުންނާއި ބައެއް ޝޭހުން ނުހުއްޓުވާ ހަމަނިދި ނުނިދޭ ހަރާން ކަމެކެވެ. އެމްޑިޕީއާދެކޮޅު ފިކުރުގެ މީހުންގެ ވެރިކަމެއްގައި ޔޯގާއަކީ ކަސްރަތެކެވެ. ސަރުކާރުގެ އިދާރާތަކުން އިންތިޒާމްކޮށްގެން ކޮންމެ އިރަކު ކޮންމެ ތާކު ބޭއްވިޔަސް ފެންނަ ޝޭހެއް ދެކޭ މީހެއް ނޫޅެއެވެ. ފަޔަށް ހިނިއަރައިގެން ހުއްޓުވަން ދުވާ މީހަކުވެސް ނޫޅެއެވެ.
މުއިއްޒުގެ ވެރިކަމުގައި ފެނިގެން މިދަނީ ސަރުކާރުގެ މުއައްސަސާތަކުގައި ފާޅުގައި ޔޯގާ ކުރުން ކުރިއަށް ދާތަނެވެ. ދެ ޝޭހުންގެ ދަރިންގެ ދެމަރިންގެ ސަރުކާރަށް ޔޯގާއަކީ ލާދީނީ ކަމަކަށް ނުވިއެވެ. ސާޖިދާ ގޯތި ސަލަފު ޖަމްއިއްޔާގެ ޝޭހުންތައް ވެސް ތިބީ ނިދާފައެވެ. ވާނީ އެހެންތާއެވެ. ޔޯގާ ހަރާންވަނީ އެމްޑީޕީ ވެރިކަމުގައި އޮންނައިރުއެވެ. މުއިއްޒު ވެރިކަމުގައި ޔޯގާ ހަލާލެވެ.
ފޮޓޯ: އެންޑީއޭގެ ޔޯގާ ސެޝަން
އެހެން ނުބުނެވޭ ވަރެއް ނޫނެވެ. މުއިއްޒުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން ވަރުގަދަ ޔޯގާ ހަރަކާތެއް ހިންގާލައިފިއެވެ. ސްޓްރެޗިންގ އަދި ބްރީދިންގ ސެޝަނެއްގެ ނަމުގައެވެ.
ހައި ކޮމިޝަން އޮފް އިންޑިއާ އިން މޯލްޑިވްސްގެ އިންޑިއަން ކަލްޗަރަލް ސެންޓަރާއި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގުޅިގެން ސްޓްރެޗިންގ އަދި ބްރީދިންގ ނަމުގައި ބޭއްވި ޔޯގާ ހަރަކާތް އޮތީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އެންސީއައިޓީ) ގައެވެ.
ފޮޓޯ: އެންޑީއޭގެ ޔޯގާ ސެޝަންގެ ބައެއް ބައިވެރިން
ޔޯގާ ހަރަކާތް ބޭއްވުމަށް ލިބުނު ފުރުސަތާމެދު އުފާކޮށް ޝުކުރު އަދާކުރުމުގެ ގޮތުން އިންޑިއަން ކަލްޗަރަލް ސެންޓަރުން އާއްމުކުރި ސްޓޭޓްމަންޓްގައި ވާގޮތުން ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ހުސައިނާއި އެންޑީއޭ ގެ ގިނަ މުއައްޒަފުން ތަކެއް ބައިވެރިވެ އަމަލީ ގޮތުން ޔޯގާ ހަދާފައިވާކަން ހާމަވެއެވެ. ބޭއްވުނު ޔޯގާ ސެޝަނުގައި ސްޓޭޓް މިނިސްޓަރު އަމިއްލަފުޅަށް ހިމެނޭގޮތަށް އެންޑީއޭގެ ޓީމުން ވަރަށް ހަރަކާތްތެރިކަމާއެކު ބައިވެރިވެފައިވާ ކަމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން ބުނެފައިވެއެވެ.