މުއިއްޒު ސަރުކާރުގައި އިންޑިއާ ގަދަކުރާ ގޮތް.
ދިވެހިންގެ ރާއްޖެ - އަދުރޭއްޖެ
ކުޅިހިނގާ މަގާ ދުނިޔޭގެ އާޖު ފާޖާ ބައިނަލްއަގްވާމީ ޖިއޯ ޕޮލިޓިކްސް ހިނގާ ގޮތް ނޭނގި ވެރިކަމުގެ ދަހިވެތި ކަމުގައި ކާޅު ބައެއްހެން ނުކުމެ އިންޑިއާ އައުޓޭ ގޮވުމަކުން ވާނެ ބަދަލެއް ހޯދޭނެ މޮޅެއް މި ޒަމާނަކު ނޯންނާނެއެވެ.
އދ މަޖިލިހޭ ކިޔާ ތަނުގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މަންދޫބުންގެ ގޮތުގައި ކޯޓުފަޓްލޫނާ ޓައީގައި އެތިބީ ވެސް އެމީހުން ހިތުހުރި ގޮތަކަށް ދުނިޔެ ހިންގާ މީހުންކަން ދަންނަން ޖެހެއެވެ.
އިންސާނީ ހައްގާ ޑިމޮކްރަސީ ނެތިގެން ނިކަމެތި ކުދި ގައުމު ތަކަށް ފިޔަވަޅު އަޅާ ބަނޑަށް ޖައްސާ އިރު، އިޒްރޭލުން ފަލަސްތީނުގެ ނިކަމެތިން ރޮލާކައި އަންހެނުންނާ ކުޑަ ކުދިންނާ ދުވަސްވީ މީހުންގެ ފުރާނަ ނޮޅާ ވީދަމުން ދާއިރު އެތިބެނީ ނާރިނގު ސަރުބަތު ހިއްޕަވަމުން ތުއި ގޮތްގޮތަށް އަނގަކަމުން މަޖިލިސް ކުރާށެވެ.
ސައޫދީގެ ވަލީ ޢަހުދު މުހަންމަދު ބުނު ސަލްމާނެއް ތުރުކީގެ އުރުދުޣާނެއް ޖޯޑަންގެ އަބްދުއްލާ ރަސްގެފާނެއް މިސްރުގެ ސީސީއެއް އަދި ރާއްޖޭގެ ރައީސް މުއިއްޒެއް ކިޔާނެ ކަމެއް ނެތެވެ. އިސްލާމްދީނާ ގައުމާ ވަތަނާ އިންޑިއާ އައުޓާ ކިޔައިގެން ދައްކާނީ ވެރިކަމަށް އައުމާ ވެރިކަމުގައި ދެމިހުރުމަށް ދައްކާ ހުސް ފޭކް ވާހަކައެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާނީ މުޅިންވެސް އަނދުނެވެ.
މިސާލަކަށް ދެކޭނަމަ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ޕޯރޓެއް ހެދުމަކީ ސަލާން ނުޖަހައި ތަނަވަސް ކަމުގައި ދިވެހިންނަށް ދިރިއުޅެވޭނެ އެންމެ އަވަސް މަގެވެ. ޚާއްޞަކޮށް އިންޑިއާއަށް ސަލާން ނުޖަހާ ދިވެހިން ދިރިއުޅޭނަމަ އިންޑިއާ ބޭނުން ވަރަކަށް ރާއްޖެ ފިއްތާ ނުލެވޭނެތީ އެޕޯރޓް ހަދަން އިންޑިއާގެ ހިތް ހަލާލު އޮތްކަމަށް ބަލާކަށް ނުވާނެއެވެ.
2008ން ފެށިގެން އައި ކޮންމެ ކެމްޕޭނެއްގައި އެވާހަކަ ދެއްކިޔަސް ވީކަމެއް ހަރާމެވެ. ސަބަބަކީ ފިތިފައި އޮންނަ ގަޑީގައި ފަންސާހުން ސަތޭކައިން މިލިއަން ޑޮލަރުދީ ފުރާގު ހަމަކޮށްދީ ބަޖެޓް ސަޕޯރޓް ދެނީ އިންޑިއާ ވީމައެވެ.
ރާއްޖޭގެ ވެރިކަމުގައި ހުރީ ކޮންޕާރޓީ އެއްގެ ކާކުތޯ ބެލުން އިންޑިއާއަށް މުހިންމެއް ނުވާނެއެވެ. އިންޑިއާއަށް ރަނގަޅުވާނީ ވެރިކަމަށް އަންނަންވީ ވަޢުދު ފުއްދުމަށް ގޮތް ހުސްވެފައިހުރި އާ ވެރިޔަކު ކޮންމެ 5 އަހަރަކުން ރާއްޖޭގައި ބަދަލުވަމުން ދިއުމެވެ. ދަތިވާ ވަގުތު ފިއްތާލަން ފަސޭހަ ވާނީ އެމީހާއެވެ. ރައީސް މުއިއްޒު މިހާރު ފެތިފައި އެހުރީ އެގޮޅިއަށެވެ.
ވާނުވާގައި އިންޑިއާ އައުޓް ޖެހި ގަޔަށް ބާރު ޓީޝާރޓް ލައިގެން ނުކުންނެވި ރައީސް މުޢިއްޒު މިހާރު އެހުންނެވީ ހޫނު ތަނުގައި އަތްލެވިފައެވެ.
100 ދުވަހުގެ ވައުދުގައި ލ. އަތޮޅުން ބޭރު ބޯޓް ފަހަަރަށް ބަންކަރިން ދިނުން ރައީސް މުއިއްޒު އިއުލާނު ކުރައްވަތްޕެވެ. އެކަމަކު ދެންމެ މިކަން ފެށޭ ވަރަށް އިހަވަންދިއްޕޮޅުގައި އެކަން ކުރަން ރައީސް ޞޯލިހްގެ ވެރިކަމުގައި ގަތަރާ އެކު އެސްޓީއޯ އޮތީ ސޮއި ކޮށްފައެވެ. އިހަވަންދިއްޕޮޅަކީ މިކަން ކުރަން އިންޑިއާ ރުހޭތަން ނޫންކަން އެނގޭނީ ރައީސް ޞޯލިޙްގެ އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން ޢަބްދުއްލާ ސައީދު ކުރެން އަހާލީމައެވެ.
ހައްދުން މަތީ ގާދޫއަކީ ބަންކަރިން ދޭން އިންޑިއާ ރުހޭތަނަކީ ތާއެވެ. އެކަން އެހެން ނިމިއްޖެއެވެ. މިހާރު ރާއްޖޭގަައި އެބުނާ 2 ހާސް އިންޑިއާ ސިފައިންނެއް ނެތެވެ. ތިލަމާލެ ބްރިޖްގެ ކޮލިޓީ ވެސް ސްޕީޑް ވެސް ރަނގަޅު ވެއްޖެއެވެ.
ފޮރިން މިނިސްޓަރު ކަމަށް އަޑުކީ މުންދޫދު ބަހައްޓާފައި މަގާމް ދިން ޒަމީރު އާޚިރުގައި ބުނާތީ މިއިވެނީ އިންޑިއާ މަހުޖަނަކާ އެކު ވިޔަފާރީގައި ނަގޫ ގޮއްޖެހިފައި ހުރި ކަމުގައެވެ. ނުވިތާކަށް އިންޑިއާއަށް ވަފާތެރި ކަމަށްކީ މުންދޫދު ފަހުން އެ ދިޔަައީ ވެސް ފޮރިން މިނިސްޓްރީ ގެ ވަޒީރުން ފެންވަރުގެ މަގާމަކަށެވެ.
ތަމަޅައިން އަރާ ބަޑި ތަޅައިގަތް އިރު ބުއްފުޅި ބައްލަވަން އޮންނެވި ޣައްސާނު ސަލާމަތް ކުރީ އެ ދުވަހު އިންޑިއާއެވެ. މިވީގޮތް ދެކޭށެވެ. ރައީސް މުއިއްޒުގެ ޑިފެންސް މިނިސްޓަރަކީ އެދުވަހު އިންޑިއާއިން ސަލާމަތް ކޮށްދިން ރަައީސް މަނިކުފާނުގެ ހަގު މަނިއްޕުޅު ޣައްސާން މަައުމޫނެވެ.
ޑިފެންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިންޑިއާ ދުރެއް ނުކުރެވުނެވެ. ނުވިތާކަށް އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި ޖެނެރަލް ޢަބްދުއްރަހީމަށް މުއިއްޒު ދެއްވީ ސިފައިންގެ ވެރިކަމެވެ.
ރައީސް މުއިއްޒުމެން ގެނައި ޑޯނިއަރ މަތިންދާ ބޯޓާ ހެލިކޮޕްޓަރާ އެތިބަ 77 އިންޑިއާ މީހުން ފޮނުވައެއް ނުލާނެއެވެ. އުތުރުތިލަ ފަޅު އެއްބަސްވުމާ އެއް ގޮތަށް އެތަންވެސް ހަދާ ނިންމާނީ ހަމަ އިންޑިއާ އިންނެވެ،
އިންޑިއާ ދުވަހަކު ވެސް ރާއްޖެއެއް ނުހިފާނެއެވެ. އެހެނެއް ކަމަކު އިންޑިއާ ރާއްޖެ އާ ދުރަކަށް ވެސް ނުލެވޭނެއެވެ.
އޭމިހިރަ ދިދަޔާ ، ހުކުރު މިސްކިތު ވަޅު ފެނާ އޭ ކިޔައިގެން ރައްޔިތުން ޅޮސް އުނދޯލީގައި ހެއްލަނީ ވެރިކަން ހޯދާށެވެ. ދީނާ ގައުމޭ ކިޔައިގެން ދައްކަނީ ދަޅަކަމާ އެއީ ވެރިކަމުގެ އެދުންވެރިކަމާ ބާރު ހޯދަން ކިޔާ ބަސްތަކެއްކަން ހުވާކޮށް ހަފްތާއެއްވި ތަނާ ޕީޕީއެމް އަދި ޕީއެންސީއަށް އެހެރަ ވާގޮތުން ސާފުވާނެއެވެ.
ސިޔާސީ މީހަކު ބެރެއްގައި ހަމަ ކޮއްޓާލާ އިރަށް އެކަމާ ވިސްނާލުމެއް ނެތި ގޭގައި ސިކުނޑި ބާއްވާފައި ގޮސް ވޯޓު އަޅައިގަތުގެ ދެރަ ފެންނަން ފެށިލެއް ލަސް ހެއްޔެވެ.؟ ދިވެހިންގެ ރާއްޖެ މިވަނީ އަދުރޭއްޖެއަށް ބަދަލުވެފައެވެ.