މާލެ ސިޓީ ކައުންސިލަށް: ބޭނުންވަނީ ދިދަފަތި ދަމާދޭން ތިބެންތަ!
ސިޓީ ކައުންސިލްގެ ވާގިނައްތާލަން ނޫޅެ، ކަން ނުވަންޏާ އިސްތިއުފާދީ
އާނއެކެވެ. މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުން އެއްވެސް ނުފޫޒެއް ކައުންސިލްގެ މައްޗަކަށް ނުފޯރުވައެވެ. ނިންމި ކަމެއް ނިންމީ ކައުންސިލުގެ މެންބަރުންގެ މެދުގައި ނެގިވޯޓަކުންނެވެ.
މާލޭ ސިޓީކައުންސިލަށްް ރައްޔިތުން މޭޔަރަކު އިންތިހާބުކޮށް އެ މޭޔަރު މަގާމާއި ހަވާލުވާން ވަނީ ތައްޔާރުވެފައެވެ. އައު މޭޔަރ މަގާމާ ހަވާލު ވުމުގެ ކުރީން މާލޭ ސިޓީ ކައުންސިލުން ކައުންސިލްގެ ވާގި އަމިއްލައަށް ނައްތާލާތަން ދަނީ ފެންނަމުންނެވެ.
މާލެސިޓީ ކައުންސިލުން ހިންގަމުންއައި 100 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަޝްރޫއު ތަކެއް ސަރުކާރާ ހަވާލު ކުރަން ނިންމީ ކައުންސިލުގެ ބާރު އަމިއްލައަށް ކަނޑުވާލުމަށެވެ. އެވަރުގެ ނިންމުމެއް ނިންމާނީ ކިހާ އިހުލާސްތެރި ކައުންސިލެއް ވީމާ ހެއްޔެވެ. އަވަސް އަރުވާލައިގެން ކައުންސިލުން އެ ނިންމުން ނިންމުމުގެ ފަހަތުގައި ނުފޫޒެއް ނެތޭ ބުނީމާ ގަބޫލު ކުރާނީ ކާކު ހެއްޔެވެ.
މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ކަންތައް ތަކެއް ކައުންސިލުން ނުކުރާން ނިންމާ އެހެން ބަޔަކާ އެކަން ކުރަން ހަވާލު ކުރާނީ ކިހާ ޒިންމާދާރުކަން ކުޑަވީމަ ހެއްޔެވެ.
މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވަނިކޮށް ޑެޕިއުޓީ މޭޔަރު ނަރީސް އިސްވެހުރެ ސިޓީ ކައުންސިލްގެ ވާގިނައްތާލަން ނޫޅެ، ކަން ނުވަންޏާ އިސްތިއުފާ ދީފާ ވާ ބަޔަކާ ގާނޫނީ ޒިންމާ ހަވާލު ކުރާށެވެ.
ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ރައީސް އޮފީހުން ވަޒީރުން ފޮނުވައިގެން ސިޓީ ކައުންސިލްގެ އަތް ބަންނަން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ. މޭޔަރަކަށް އާޒިމާ ނުހޮވުމުގެ އުގޫބާތް މާލޭ ރައްޔިތުންނަށް ދޭން ނުހަދާށެވެ.
އާދަމް އާޒިމުގެ މޭޔަރު ކަމުގައި މާލޭ ރައްޔިތުން އެދޭ ހެޔޮ ބަދަލު ލިބުނަ ނުދިނުމަށް މުއިއްޒާ ގުޅިގެން ނަރީޝްމެން އުޅުމުގެ މާނައެއް ނެތެވެ. ރައީސް ޔާމީނު ވަރެއް ނެތިގެން ކުރިން އުޅުނު އެންމެންގަނޑު މުއިއްޒު ފަހަތުގައި ރުކުރުވާ ލައިގެން ތިޔަ ތިބިއްޔަކީ އިހުލާސްތެރި ކަމަކުން ނޫނެވެ.
އަމްދުން ރައީސް މުއިއްޒަށް އެއްބާރުލުން ދިނަސް ނުދިނަސް ސިޓީ ކައުންސިލުގެ ކައުންސިލަރުންނަށް ގެއްލޭނެ އެއްޗެއް ނުއޮންނާނެއެވެ. އައު މޭޔަރާ ގުޅިގެން މާލޭއަކީ ރައްކާތެރި އަމާން، މީހުން އުޅޭ ހިތްވާ ކަހަލަ ސިޓީއަކަށް ހެދުމަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލަރުންނަކަށް ނުއޮންނާނެއެވެ.
ގައުމާއި އަމިއްލަ ސިޓީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތުގައި ރައީސް ބޭނުންވާހާ ގޮތް ގޮތަށް ކަންފަހިކޮށް ދޭން އުޅުމަށްވުރެ ކައުންސިލް ބޭނުންވާ ގޮތަށް ރައީސް ލައްވާ ކަންކަން ކުރަން އުޅުން މާ ބުއްދިވެރި ވާނެއެވެ. ކައުންސިލްގައި އޮންނަ ބާރުތައް ސަރުކާރަށް ދީގެން ސަރުކާރުން ބޭނުން ވީމާ ދިދަފަތި ދަމަން ތިބޭ ބަޔަކަށް ކައުންސިލަރުން ނުވުމަށް ނަރީޝް މެން ވިސްނާން އެބަ ޖެހެއެވެ.