ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އޭޓީއެމް ހުޅުވަން ދުވީމަ ހުތުރު

ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެން އޭޓީއެމް ހުޅުވަން ދުވީމަ ހުތުރު

1988 ވަނަ އަހަރު ކޭބަލް އެންޑް ވަޔަލަސް އާއި ދިވެހިސަރުކާރު ގުޅިގެން ޖޮންޓް ވެއްޗަރ ކުންފުންޏެއް ގޮތުގައި ދިރާގު އުފެދި ދިރާގުގެ ނެޓްވޯކް މުޅި ރާއްޖެއަށް ކުރު މުއްދަތެއްގެ ތެރޭގައި ފަތުރާލީއެވެ. ރާއްޖޭގެ އެކި ހިސާބުގައި އުސް އެންޓަނާތައް ޖަހައިގެންނެވެ. ފުރަތަމަ ރާއްޖެ ގުޅުވާލީ ކޮންމެ އަތޮޅެއްގެ އަތޮޅު އޮފީހުގައި ލޭންޑް ލައިން ފޯނެއް ބަހައްޓައިގެންނެވެ. 

މާގިނަ ދުވަސްތަކެއްނުވެ ކޮންމެ އަތޮޅަކުންވެސް ފާގަކޮށްލެވުނު ރަށްތަކެއްގެ ރަށު އޮފީހުގައި ލޭންޑް ލައިނަކާ އާއްމުކޮށް ބޭނުންކުރަން ފޯނު ބޫތެއް ބެހެއްޓިއެވެ. އޭގެ ކުޑަދުވަސް ކޮޅެއްގެ ފަހުން ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ލޭންޑް ލައިނަކާއި ފޯނު ބޫތެއް ބެހެއްޓިއެވެ. އިސާހިތަކު ރަސްމީ އިދާރާތަކަށް ފޯނުލައިން އަޅާ ރަށުގެ އާބާދީއާއި ސައިޒަށް ބަލައިގެން އިތުރު ފޯނު ބޫތުތައް ބެހެއްޓިއެވެ. އެއީ 90ގެ އަހަރުތަކުގެ ތެރެއެވެ. 

ވެރިކަމުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމެވެ. ސަރުކާރުގެ އިދާރާތަކުގައި ލޭންޑް ލައިންގެ ހިދުމަތް ފައްޓަވާދެއްވާ ދިރާގު ފޯނު ބޫތާއި އެންޓަނާ ހުޅުވަން ރަށްރަށަށް ވަޑައއެއް ނުގަންނަވައެވެ. އެއަށް ވުރެ ވަކީން ބޮޑު ހިދުމަތެއް އަލަށް ރަށްރަށުގައި ގާއިމެއް ނުކުރެވެއެވެ. އެކަމަކު ދައުލަތުގެ ވެރިޔާއަށް ގުއިނުދެކޭ ކާޅަށް ގުއިފެނިގެން އުޅޭހެނެއް ވެގެނެއް ނޫޅުއްވައެވެ.

ތެދެކެވެ. ލޫކަސް ޖަލީލު ފާހަގަ ކުރައްވާހެން ދިރާގުން ފޯނު ބޫތު ބަހައްޓަން އައި ހަނދާން ހުންނާނީ ކުޑަރިކިލުގެ އެއުމުރުގެ ކުދިން އެކަންޏެއް ނޫނެވެ.  ފޯނު ބޫތު ބެހެއްޓުމުގެ މަސައްކަތް ކުރެވުނު ދުވަސްތަކުގައި ކޮންމެ ދުވަހަކު އާޝޯހުވެފައި އެ މަސައްކަތް ހިނގާތަން ބަލަން އެތައް ބަޔަކު ތިބެއެވެ. ޓަވަރު ބަހައްޓައި ކޭބަލް ކޮނެ ޓަވަރާ ބޫތު ގުޅާލި ހަނދާން އަދިވެސް ހުރި އެތައް ބަޔަކު ކޮންމެ ރަށެއްގައިވެސް ތިބޭނެއެވެ. ބޫތުން ފޯނުކޯލުތައް ކުރެވުނު ހަނދާނާއި ބޫތު ކައިރީހަދާފައި އޮންނަ ދިގު ކިޔޫ މަތިން ހަނދާންވާނެއެވެ. 

ކަމަކީ ރަށްރަށަށް ލިބޭނެ ކަމަށް ގިނަބަޔަކު ހުވަފެނުންވެސް ދުއް ހިދުމަތެއް ނޫނެވެ. ތެދެކެވެ އެއަށް ވުރެ ވަކިން ބޭނުންތެރި ހިދުމަތެއް ރަށްތަކަށް ނުދެވެއެވެ. އެކަމަކު ހިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ވަޑައިނުގަންނަވައެވެ. ކުޑަ މިނުން އަތޮޅުވެރިޔަކުވެސް ނުދެއެވެ.

އެކަމަކު މިއޮތްފަދަ 2.0 ޒަމާނުގައި މީހުން އުޅޭ ވައްތަރު ފެނިފައި އަންނަނީ ޒާތަކު ހިންޏެކެވެ. އަތުގައި އޮންނަ މޯބައިލް ފޯނުން ފައިސާ ޓްރާންސް ފާކޮށްލާ ވައިބަރުން ސްބީއެމްއެލުންކުރާ ބޮޑު އިސްރާފެކެވެ. އިގްތިސޯދީ މާބޮޑު ހަރަކާތެއް ނުހިގާ ރަށެއްގައި ބަހައްޓާ އޭޓީއެމަކުން ލިބޭނެ ފަސޭހައެއް ނުއޮންނާނެއެވެ. ކޮންމެ ރަށެއްގެ އޭޓީއެމުން ފައިސާ ހުސްނުކޮށް ބެހެއްޓުމަކީ ބީއެމްއެލަށް ކުރެޥެނެ ކަމެއް ނޫނެވެ. މަދު ދެތިން އޭޓީއެމް އޮޕަރޭޓް ކުރިއިރުވެސް އެންމެ ކައިރީގައި ހުންނަ ބެންކު ބްރާޗަކުން މީހުން ގޮސްގެން ފައިސާ އަޅަން ޖެހޭތީ އެކަންނުވެ ހަފަތާއަކު ތިން ހަތަރު ދުވަހު އޭޓީއެމްގައި ފައިސާ ނުހުރެއެވެ. މުޅި ރާއްޖެއަށް ފުޅާވުމުން އެކަން ކުރާންޏާ ކުރެވޭނީ ފިސާރި ބޮޑު ހޭދައެއް ކޮށްގެންނެވެ. 

ކޮންމެ ރަށެއްގައި އޭޓީމް މެޝިން ވެސް ބަހައްޓަންވީއެވެ. ރަށްރަށަށް އޭޓީއެމް މުހިންމެވެ. އޭޓީއެމަށް އަޅާނެ ފައިސާ ހުރުން މުހިންމެވެ. ރަށްރަށުގެ މާލީ ބާރުވެރިކަން މުހިންމެވެ. ނަމަވެސް ބޮޑު ރަސްމިއްޔާތެއް ބާއްވާ އޭޓީއެމް ހުޅުވަމުން ދުވުމަށްވުރެ ރައިސަކު ކުރަން މުހިންމު ކަންކަން ހުންނާނެއެވެ.