ދެއިންތިހާބު އެއްކޮށްލުމުން ޕީއެންސީ ނޫން ބަޔަކަށް ވެރިކަމެއް ނުލިބޭނެ!

ދެއިންތިހާބު އެއްކޮށްލުމުން ޕީއެންސީ ނޫން ބަޔަކަށް ވެރިކަމެއް ނުލިބޭނެ!

ރައީސް މުއިއްޒެއް ކަމަކު މޮޅުވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން ނޫޅޭށެވެ. ދެއިންތިހާބު އެއްކުރުމުން ރައީސް ކަމަށް ހޮވޭނެ މީހަކު ނޭނގޭނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލިބޭނީ ކޮން ބަޔަކަށް ކަން ނޭނގޭނެ ކަމަށް ބުނެ އޮޅުވާ ނުލާށެވެ. މުޅި އުމުރު ޕީއެންސީ ވެރިކަމުގައި އޮތުމަށް އަމާޒު ހިފައިގެން ދެ އިންތިހާބު އެއްކޮށްލަން ނޫޅޭށެވެ. 

މަގާމުގައި ހުރި ރައީސް ވާދަކުރާ ރިޔާސީ އިންތިހާބަކާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތުމުން ހަތަރެސްކަން ހަމަވާނެއެވެ. ސަރުކާރުގެ ނުފޫޒާ ބާރާ ފައިސާ ހޭދަކޮށްގެން ދެ އިންތިހާބު ފޭރިގަންނާނީ ވެރިކަމުގައި އޮންނަ ޕާޓީންނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ ނަގާނީވެސް ވެރިކަމުގައި އޮންނަ ޕާޓީންނެވެ. 

ވާދަވެރި އެއްވެސް ޕާޓިއަކަށް ދެ އިންތިހާބު އެކުގައި އޮތުމުން ސަރުކާރު ހިންގާ ޕާޓީއާ ވާދައެއް ނުކުރެވޭނެއެވެ. މަރަށް ފުރާނައަށް ވާދަވެރި ޕާޓީއަކަށް މަޖިލީހުން ގޮނޑިއެއް ފަހަރެއްގައި ލިބުނަސް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބުންވާނީ މުސްތަހީލު ކަމަކަށެވެ. ހުރިހާ އިދިކޮޅު ޕާޓީ ގުޅިގެން ރައީސްކަމަށް އެކަކު ނެރުނަސް ސަރުކާރު ހިންގާ ޕާޓީއާ ވާދަކޮށްގެން ހުރި ރައީސް ނޫން ގޮތެއް ހޯދާކަށް ލާހިކެއް ނޫނެވެ.

އަނެއްކޮޅުން މަޖިލިސް ގޮނޑިއެއް ވާދަވެރި ޕާޓީއަކަށް ލިބުނަސް ލިބޭނީ އިދިކޮޅު އެންމެން ގުޅިގެން ދާއިރާ ގޮނޑިއަށް އެއް ކެންޑިޑޭޓަކު ނެރެގެންނެވެ. އެނޫން އެއްވެސް ގޮތެއް ސަރުކާރު ހިންގާ ޕާޓީއަތުން މަޖިލީހުގެ ގޮނޑިއެއް ހޯދޭނެ ނުއޮންނާނެއެވެ.

އެއްބަހެވެ. މިހާރު އޮތްގޮތުން އެކަކަށް ގިނަވެގެން ރައީސްކަން ކުރެވޭނީ ދެ ދައުރެވެ. ދެން ޖެހޭނީ އެހެން މީހަކަށް ފުރުސަތު ދޭށެވެ. ދެދައުރު ރައީސްކަންކުރާ މީހާއަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވުނަސް އޭނާ ނިސްބަތްވާ ވެރިކަންކުރާ ޕާޓީން ތިންވަނަ އަދި ހަތަރުވަނަ ދައުރާއި ދެންވެސް އޮތްހާތާކަށް ރިޔާސީ ކެންޑިޑޭޓަކު ނެރެ ވެރިކަމާއި މަޖިލިސް ހޯދުމަކަށް ހުރަހެއްނެތެވެ.

ދެ އިންތިހާބު އެއްކޮށްގެން ވެރިކަމުގެ އާރާބާރުގައި ހުރެގެން ފަސޭހަކަމާއެކު މުއިއްޒަށް ދެވަނަ ދައުރު ހޯދޭނެއެވެ. މުއިއްޒުގެ ދެ ދައުރު ނިމުމުން ވެރިކަން ކުރާ ޕީއެންސީން އެހެން މީހަކު ވެރިކަމަށް ނެރެ އިންތިހާބު ކުރުމަކަށް އެއްވެސް ހުރަހެއް ނުއޮންނާނެއެވެ. އޭރުން މީގެ ފަހުން ރާއްޖޭގައި ދެން ވެރިކަން ކުރާނީ ޕީއެންސީންނެވެ. ވާދަވެރި ޕާޓީއަކަށް ވެރިކަމާ ގާތްވެސް ނުވެވޭނެއެވެ.