މުއިއްޒު ބޮކުބާރު ދެއްކިވަރަކަށް ކެނޑޭނީ ބޮލުރޮދި!

ރައްޔިތުން ނުތަނަވަސްވެ ދަރަނިވެރިކަން ވާނީ ބޮޑު

މުއިއްޒު ބޮކުބާރު ދެއްކިވަރަކަށް ކެނޑޭނީ ބޮލުރޮދި!

ބާރުގަދަ އެތައް ބައެއްގެ ބާރުތަކުގެ ތެރޭގައި ތަޅުލެވިފައި ހުރި އެތައް ކަމެއްގައި ސަރުކާރުން ރައްޔިތުންގެ ފަޅިއަށް ޖެހިގެން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު ބުނީމާ ސިކުނޑި އުދުއްސައިގެން ދާވަރުވެއެވެ. ކަނޑުއަޑީގައި މުތާއި ކަނޑު ނީލަމާއި އަގުބޮޑު އެތައް ޖަވާހިރެއް ހުންނަކަން ނޭނގިގެން އުޅެނީ ކާކަށްހެއްޔެވެ. އެހެނެކޭ ކިޔާ ސަބަބުތައް ފުރިހަމަނުކޮށް އެތަކެތި ހޯދަން މީހަކު ދާން ނޫޅެނީ ނުދެވޭނެތީއެވެ. 

ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވަކި އަދަދަކަށް ބޭންކްތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހެދުމަކީ ކުރެވުނު މޮޅުކަމަކަށް ވެގެން ފޮނި ކަނޑާނެކަމެއް ނެތެވެ. ފުރާ މީހުންގެ އަތުން ނަގާ ޑިޕާޗަރޓެކްސް އިންތިހާއަށް ބޮޑުކޮށް އެއަރޕޯޓް ޑިވްލޮޕްމެންޓް ފީ ދެގުނައަށް ބޮޑުކޮށް ގްރީންޓެކްސް 2 ގުނަކޮށް ޕްރޮފިޓް ޓެކްސް މައްޗަށް ޖެއްސުމަކީ މާ މޮޅުކަމެއްނޫނެވެ. 

ޓެކްސްތައް އަތްނުފޯރާ ވަރަށް ބޮޑުވުމުން ރާއްޖެ އަންނަ ބަޖެޓް ފަތުރުވެރިން އައުން ބޮޑުތަނުން މަދުވެގެން ދާނެއެވެ. މެދުފަންތިއާއި ދަށްފަންޓީގެ ޓޫރިސްޓުންނަށް ރާއްޖެއަކީ އާދެވޭ ވަރުތާކަށް ނުވާނެއެވެ. މިފެށުނު ހައި ސީޒަން ނިމުމުން ރާއްޖޭގެ ޓޫރިޒަމަށް ކުރާއަސަރު ފެންނަން ފަށާނެއެވެ. ކްރިސްމަސްޢައި ނިއު ޔިއާރ އާދިމާކޮށް ކުރިޔާލާ ހަދާފައިވާ ބުކިންތަކަށް މީހުން އަންނާނެއެވެ. މީހުން އައުން މަދުވެގެންދާނީ އޭގެ ފަހުންނެވެ.

ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކާއި ގުޅިގެން ޓްރިޕް އެޑްވައިޒަރ އާއި ބުކިންގ ޑޮޓްކަމް ފަދަ ސައިޓުތަކުގެ ރިވިއުތަކުން ރާއްޖެއާއިމެދު ހުތުރު ރިވިއުތައް ފެނިގެން ދާކަށް މާލަހެއް ދެން ނުވާނެއެވެ. 

އަތްލަން ކެރިގެން މަސްވެރިންގެ ގައިގާ އަތްލީ މަސްގަންނަ އަގުދަށްކޮށްގެންނެވެ. ނަތީޖާއަކަށްވީ މަސް އޮޑިފަހަރު ދެކޮޅު ނުޖެހޭތީ މަހަށް ނުފުރުމެވެ. ކުރިން ވީވަރުވެސް ނުވެ މަސްވެރި އާއިލާތައް މަގުމަތިވުމެވެ.

އާސަންދަ ލިބުމަކީ މިހާރު އަނިޔާއަކަށް ވެއްޖެއެވެ. އާސަންދަ ކަވަރުކުރާ ބޭސްތައް މަދުވެ ދާއިމީ ބޮޑެތި ކިތަންމެ ބައްޔަކަށް އާސަންދަ ލިބުން ހުއްޓިއްޖެއެވެ. ބޭސްފިހާރަތަކުން އާސަންދަ ކަވަރުކުރާ ގިނަ ބޭހަކީ ބޭރުން އެތެރެކުރާ އަގަށްވުރެ އަގުހެކޮށް ކަވަރުކުރާ ބޭހަށްވެ ބޭސް އާސަންދައަށް ދޫނުކުރެވޭ ވަރަށް އަގުތައް ތިރިކޮށް ބޭސްފިހާރަތަކުގައި ތަޅުއަޅުވަން ޖައްސައިފިއެވެ. ޕްރައިވެޓް ކުލިނިކްތަކާއި ޕްރައިވެޓް ހޮސްޕިޓާތައް ނުހިންގިގެން ލައްޕާކަށް މާގިނަ ދުވަހެއް ނެތެވެ. އަވަށްޓެރި ގައުމުތަކަށް އާސަންދަ ދަރާވިކި އާސަންދައަށް ހިދުމަތެއް ނުދެއެވެ. އަދާނުކޮށް ހުރި ބިލްތަކުގެ ވާހަކަ ދެއްކުމެއްނެތެވެ. 

ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމުގެ ނަމުގައި ވިޔަފާރިވެރިން ކޮށިއަރުވާލައިގެން ރައްޔިތުންނަށް މޮޅެއް ނުވާތާގައި އިތުރަށް ރައްޔިތުންވަނީ ބިކައެވެ. އިހަށް ކުރަން ޖެހޭކަމެއް ނުކޮށް ކުރިބޯށިގައި ހިފަން އުޅުމުން ވާނެ ހައެތި ރާއްޖެއަށް މިހުރެ ވަނީއެވެ. ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އިތުރުވެ ދަރަނިވެރިކަން ބޮޑުވެ އަނގަޔާއަތާ ދިމާނުވެގެން އުޅޭ މީހުން މިހާރުވެސް ލައްކަ ގިނައެވެ.