ސަރުކާރުގެ ރޫހާނީ ލީޑަރާއި އިދިކޮޅު ލީޑަރަކީ ޔާމީން!

ޔާމީނު ޖައްސަވާ ސަކަރާތަކުން ސިޔާސީ މަޝްރަހަށް ގެނެވޭނެ ބަދަލެއް އަދިނެތް

ސަރުކާރުގެ ރޫހާނީ ލީޑަރާއި އިދިކޮޅު ލީޑަރަކީ ޔާމީން!

ރައީސް ޔާމީނު ވިދާޅުވާ ގޮތުން އެ މަނިކުފާނަކީ އިދިކޮޅު ލީޑަރެވެ. ހަމަ އެ ނޭވާގައި ރައީސް މުއިއްޒުގެ ސަރުކާރަކީ ރައީސް ޔާމީނުމެންގެ ސަރުކާރު ކަމަށްވެސް އެބަ ވިދާޅުވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާނީ އެ މަނިކުފާނު ކަމަށްވެސް އެބަ ވިދާޅުވެއެވެ. އެހެންވީމާ ރައީސް ޔާމީނަކީ ސަރުކާރުގެ ރޫހާނީ ލީޑަރކަމެއް އިދިކޮޅު ލީޑަރކަމެއް ވަތްކެއް ނުވެއެވެ. 

ރައީސް ޔާމީނުގެ ވާހަކަފުޅު ތަކުން އަދިވެސް ވެރިކަމުގައި އޮތީ އެމްޑީޕީއޭވެސް ހީވެއެވެ. ޕީއެންއެފްގެ ފްރޮންޓް އޮފީހުން ބުނާ ގޮތުން މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒަކީ ރައީސް ސޯލިހު 2 އެވެ. އެކަމަކު ރައީސް މުއިއްޒުގެ ވަޒީރުންގެ ތެރޭގައި އެމްޑީޕީގައި އުޅުނު މީހަކު ނެތެވެ. ގައްސާނާއި ސައީދާއި ޝިޔާމާއި އާދަމް ޝަރީފާއި ޒަމީރާއި ފައިސަލާއި ޝަހީމާއި އިހުސާނާއި އައިޝަތު ޝިހާމް ފަދަ ވަޒީރުންނަކީ ރަތްލާޖެހި ޕީޕީއެމް މީހުންނެވެ. ރައީސް ޔާމީނަށް އަޅުދާސް ވެގެން އުޅުއްވި ރައީސް ޔާމީނުގެ ޕަޕެޓުންނެވެ. ރައީސް ޔާމީނަށް އެ ބޭބޭފުޅުން ހަރާންކޯރު ވުމުން ރައީސް މުއިއްޒު ރައީސް ސޯލިހު 2އަށް ވާގޮތަކީ އަރަތެކެވެ.

ރައީސް ސޯލިހު ސަރުކާރުގައި ޒިންމާދާރު މަގާމެއް އުޅުއްވި އެއްވެސް ބޭފުޅަކު ރައީސް މުއިއްޒު ސަރުކާރުގެ ޕޮލިސީ ލެވެލްގެ އެއްވެސް ކަމެއްގައި އުޅުއްވާތީއެއް ނުފެނެއެވެ. ހައްތަހާވެސް މުއިއްޒު ސަރުކާރުގެ އިސް ސަފުން ފެންނަނީ ރައީސް ޔާމީނުގެ އަރިހުގައި މަތިހަށި ނަގާފައި ރައީސް ޔާމީނު ވަރެއް ނެތިގެން އުޅުއްވި ބޭފުޅުންނެވެ. އެހެންކަމުން ރައީސް މުއިއްޒަކީ ރައީސް ސޯލިހު ދޭކޭ ކިޔުމަށްވުރެ ރައީސް ޔާމީން ދޭކޭ ކިޔުންވެސް މާއައުލާކަން ބޮޑެވެ. 

ރައީސް ޔާމީނު، ލީޑްކުރެއްވި ޕީޕީއެމުން ދުރުކުރައްވާ ޕީޕީއެމް ހިސޯރު ކުރައްވައިގެން ކިރުފެލުއްވާ ގެރިއަކަށް ރައީސް މުއިއްޒު ވަނީ ޕީޕީއެމް ހައްދަވާފައެވެ. މިހާރަކު ރައީސް ޔާމީނަކާ ޕީޕީއެމަކާ ގުޅުމެއް ނެތެއް ނޫންތޯއެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ވެރިކަމަކީ ރައީސް ޔާމީނުމެންގެ ވެރިކަމެކޭ ވިދާޅުވާކަށްވެސް ޖާގައެއް ނެތެވެ.

އަނެއް ކޮޅުން އިދިކޮޅު ލީޑަރ ކަމަށް ދައުވާ ކުރައްވާއިރު ރައީސް ޔާމީނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންއެފްގެ އެންމެ މެންބަރަކުވެސް ރައްޔިތުންގެ މަޖިލީހުގައި ހުންނެވީއެއް ނޫނެވެ. މެންބަރުންގެ އަދަދުން ބެލިޔަސް ހެޔޮވަރުގެ އަދަދެއް ހަމަވަނީއެއް ނޫނެވެ. ޕީއެންއެފްގެ މެންބަރޝިޕްގައި 3000 ހަމަވަނީ ކިރިޔަކިރިޔާއެވެ. 

ހަމަތެދެކެވެ. ފްރޮންޓް އޮފީހުގައި ވިއްސަކަށް މީހުންނާއެކު ރައީސް ޔާމީނު ޖައްސަވާ ސަކަރާތަކުން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ގެނެވޭނެ ބަދަލެއް އަދިނެތެވެ. ސަރުކާރާ އެއްކޮޅަސް ރައީސް ޔާމީނަކަށް ވެރިކަންކުރާ ޕާޓީގެ ރޫހީ ލީޑަރަކަށް ނުވެވޭނެއެވެ. ކިތަން ބޮޑަށް ސަރުކާރާ އިދިކޮޅުކަމަށް ދެއްކެވިޔަސް ރައީސް ޔާމީނަކަށް އިދިކޮޅު ލީޑަރަށް ވެވޭނެ ގޮތެއްވެސް ނެތެވެ. ރައީސް ޔާމީނު އެ ޖައްސަވަނީ ހަށިރައްކަލަށް ޖައްސަވާ ސަކަރާތެކެވެ.