މުއިއްޒުގެ ވެރިކަން ހަރާބުވީ ޔާމީނުގެ ސަބަބުން
ޔާމީނުގެ ވެރިކަމެއްގައިވެސް އިންޑިއާ އައުޓެއް ނުކުރާނެ!
ރާއްޖޭގެ އެއްވެސް ސަރުކާރަކުން ރާއްޖެ އަޅުވެތި ކުރުމަކަށް އިންޑިއާއަށް ޖާގައެއް ނުދެއެވެ. އިންޑިއާއިންވެސް ރާއްޖެ އަޅުވެތި ކުރާކަށް އެއްވެސް އިރަކު ނޫޅެއެވެ. މައުމޫނެއް ނަޝީދެއް ވަހީދެއް އެކަމެއް ނުކުރެއެވެ. ޔާމީނެއް ސޯލިހެއްވެސް އެކަމެއް ކުރީއެއް ނޫނެވެ. ކުރާކަށް އުޅުނީއެއްވެސް ނޫނެވެ.
ވުޖޫދުގައި ނެތްކަމެއް އުފަން ކުރުވައިގެން އުޅެންފެށީ ރައީސް ސޯލިހުގެ ވެރިކަމުގައި ޔާމީނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލަން ފެށުމުން ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލުމަށެވެ. އިންޑިއާ އައުޓް ކެންޕޭން ވައިގާ ހިއްޕީ ކޮވިޑް19ގެ އާލަމީ ވަބާއަށް ފަހުގައެވެ. ރައީސް ސޯލިހުގެ ބާރު ކަނޑުވާލަން މީހުން މަގު މައްޗަށް ނެރެވޭނެ ހަމައެކަނި ގޮތަކީ އަޅުވެތިވުމުގެ ބިރު ގަންނަވައިގެން ކަމަށް ދެކިގެންނެވެ.
އެކިފަހަރު އެކި ޝިއާރުގައި މީހުން މަގުމައްޗަށް ނެރެވޭތޯ ޔާމީނު ވަރަށް މަސައްކަތް ކުރިއެވެ. ގައުމައްޓަކައޭ ކިޔައިގެން އުޅެއުޅެ އެކަން ވައިގަ ނުހިފީމާ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" އޭ ކިޔައިގެން ވީކަމެއް ހަރާމެވެ. އެންމެ ފަހުން ޖެއްސީ އިންޑިއާ އައުޓެވެ.
އިންޑިއާ އައުޓޭ ކިޔައިގެން އުޅެގަތުމުން ރާއްޖޭގައި ތިބި އިންޑިއާގެ އެތައް ޑޮކްޓަރަކާއި ޓީޗަރަކާއި ނަރުހަކާއި ފަންނީ މަސައްކަތްތެރިންނަށް އެކަމުގެ ނުރައްކާ އޮތުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ދެންކީ އިންޑިއާ މިލިޓަރީ އައުޓެވެ. އިންޑިއާ މިލިޓަރީ އައުޓުވެސް ރަނގަޅަށް ވަޔަކު ނުހިއްޕުނެވެ. އެންމެފަހުން ކަސްރަތު ކުލަހަކަށްދާހެން ދެބައި އުމުރުގެ ވިއްސަކަށް އަންހެނުން ނިކުމެ ކޮންމެ ރެއަކު ދެދޮރު ދޭތެރޭ ހަރާން ހުކުން މުޒާހަރާ ޖެއްސީއެވެ.
އިންޑިއާ މިލިޓަރީ ރާއްޖޭގައި ތިބެގެން ފަޔަށް ހިނި އަރައިގެން އުޅުނީ ރާއްޖޭގެ ސިފައިންނަށް ރެސްކިއު އޮޕަރޭޝަންތަކާއި ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވެދޭން އޮތް ދެހެލިކޮޕްޓރާއި ޑޯނިއާ ބޯޓްގެ އޮޕަރޭޝަންގައި ތިބި 80 ވަރަކަށް އިންޑިއާ ސިފައިން ތިބެގެންނެވެ. ރާއްޖޭން ބައިރުފިޔާއެއް ވެސް ހަރަދުނުކޮށް އެވަރު ބޮޑު އޮޕަރޭޝަނެއް ދާއިމީ ގޮތެއްގައި ހިންގާދޭތީ ޝުކުރުވެރި ވުމުގެ ބަދަލުގައި ވެރިކަން ހޯދުމުގެ ބޭނުމުގައި ޔާމީނު ދިމާކުރީ އެމީހުންނާއެވެ. އެބުނާ އިންޑިއާ ސިފައިންނަކީ ޔާމީނުގެ ވެރިކަމުގެ ފަސްއަހަރުގައި ވެސް ރާއްޖޭގައި ތިބި ބައެކެވެ.
މުއިއްޒު ރިޔާސީ ޓިކެޓް ޖަހައިގަނެގެން ސަޕޯޓް ހިފަހައްޓަން ޖެހުނީ އިންޑިއާ އައުޓްގެ ވާހަކަ ދައްކާށެވެ. މުއިއްޒުގެ ރިޔާސީ ކެންޕޭނުގެ ބޮޑުއެއް ވައުދަކަށް އިންޑިއާ އައުޓު ހެދީ ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން އެމަޅީގައި ޖައްސަފާ އޮތުމުން އެމީހުންގެ ތާއީދު ހޯދުމަށެވެ. މުއިއްޒަށް ވެރިކަން ލިބުމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލާފައިވެސް އެމީހުން އެތިބީ ބައިތއްބާފައެވެ. އެހެން ގޮތެއް ނެތިގެންނެވެ. މުއިއްޒު ދޮގުވެރިއަކަށް ބަދަލު ކުރުމުގެ ހަގީގީ މޭސްރިއަކީ ޔާމީނެވެ. މުއިއްޒުގެ ވެރިކަން ހަރާބުވެފައި ވަނީ ޔާމީނުގެ ސަބަބުންނެވެ.