ދޮގުހަދާދީގެން ކުރިބަދަލުން ޕާޕާއަށް ދިނީ ކޮޅުކެހި!
ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭހެއް އަޅާކަށް އިންޑީއާއަކުން ނޫޅޭ!
ޕާޕާއަށް ދުނިޔެ ރަންވެގެން އުޅުނަސް އެންމެނަކު ތިބީކީ ދުނިޔެ ރަންވެފައެއް ނޫނެވެ. ޕާޕާމެންގެ އަވާގައިޖެހި އަސްލެއް ނެތް ދޮގު ތުހުމަތުކޮށްގެން ވެރިކަމެއް ލިބިގެން އުޅޭ މީހަކު އެބަފެނޭ ނޫންހެއްޔެވެ. މުއިއްޒު އެ އުޅެނީ ޕާޕާމެން މަހާލި މަޅިން ބޯދަމައި ނުގަނެވިގެންނެވެ. ޕާޕާމެން ޖަހި ދޮގު މަޅިތަކުން ނެއްޓެން ތެޅެތެޅެ މުއިއްޒުގެ އެހެރަ ހުޅުނބު ފައިބަނީއެވެ. ތެޅެގަތް ވަރަކަށް އެހުރެ ދަނީ މަޅި ބާރުވަމުންނެވެ.
ޔާމީނު އެނބުރި ވެރިކަމަށް އައުމަށް ޖެހިދަންތުރައިގައި މުއިއްޒު ޖެހި ހަނާވާއިރު ޔާމީނު އެހުރީ ހީލަހީލައެވެ. މުއިއްޒުގެ ވެރިކަމަށް ޖެހިގެން އުޅޭ ހުރިހާ ދުއްޕާނެއްގެ އަސްލަކީ ކުރީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ލޭ ހޫނުކުރަން ޔާމީނު އުފެއްދި ދޮގު ސިލްސިލާއެވެ. ދޮގުމައްޗަށް ދޮގު ހަދައިގެން މިފަހަރު ޔާމީނު ވެރިކަމަށް އައިނަމަވެސް ޖެހުނީހީ ދޮގުތައް ފޫނުބެއްދިގެން މުއިއްޒު އެ އުޅޭ ހާލުގައި އުޅޭށެވެ.
އިންޑީއާ މިލީޓަރީ ބޭހެއް ރާއްޖޭގައި ހެދުމުގެ ވާހަކައަކީ އޭގެތެރެއިން އެއްވާހަކައެވެ. އައްޑުއަތޮޅުގައި އެޅި ޕޮލިސް އެކަޑަމީއަކީ ވެސް އިންޑިއާގެ މިލިޓަރީ ބޭހެކޭ ޕާޕާމެން ލައްވާ ކިޔުވައިގެން އޭރުހީވީ އުޑުބޮލަށް ވެއްޓެން އުޅޭހެންނެވެ. އައްޑޫގައި ހަދާކަމަށް ބުނި އިންޑިއާ މިލިޓަރީ ބޭހަކީ މިއަދު ދިވެހި ފުލުހުންގެ ޕޮލިސް އެކަޑީމީއެވެ. އެތަން ހުޅުވުނީވެސް ޕޮލިސް އެކަދަމީގެ ގޮތުގައެވެ. އާހިރުގައި ޖެހިފޮޑި ވަތްތަނަކަށް ވަދެ އެވާހަކަ ހުއްޓުނީއެވެ.
އުތުރު ތިލަފަޅުގައި ދިވެހިސިފައިންގެ ބޭނުމަށް އަޅާ ޑޮކްޔާޑަކީވެސް އިންޑިއާގެ މިލިޓަރީ ބޭހެކޭ ކިޔައިގެން އަދިވެސް ޕާޕާ އެބަ މޮޔަގޮވައެވެ. މުއިއްޒު ވެރިކަމަށް އެރީވެސް ޕާޕާމެންގެ ޖާދޫގައި ޖެހިގެން އެހެން ކިޔައިގެންނެވެ. ވެރިކަމަށް އަރާ ހަގީގަތް ބަލާލިއިރު އެކަންވެސް އޮތީ އެހެން ނޫންކަން އެނގުމުން މުއިއްޒު އެހުރީ ދޮގުވެރިއަކަށްވެ އިތުބާރު ގެއްލިފައެވެ.
ޕާޕާގެ އިންޓެލިޖަންސުން ޔޫޓީއެފް އެގްރިމަންޓް ވަގަށް ނަގައިގެން ބަލާބަލާ ޔޫޓީއެފަކީ އިންޑިއާގެ މިލިޓަރީ ބޭހެއްކަން އެނގޭނެ އެއްވެސް މާއްދާއެއް ނުފެނު ނޫންހެއްޔެވެ. އުޅެއުޅެގެން ވެސް ފެނުނީ ދެ ގައުމުގެ މިލިޓަރީ ގުޅިގެން ޑޮކްޔާޑް ހަދަމުން ދާއިރު ދިވެއްސަކަށް ވާ އަނިޔާއެއްގައި އިންޑިއާ މިލިޓަރީ ޒިންމާ ނުވާނެ ކަމަށް އޮތްތަންކޮޅު އެކަނި ދޯއެވެ. އެގޮތަށް އިންޑިއާ މީހަކަށް ލިބޭ ގެއްލުމުގައި ދިވެހި ސިފައިން ޒިންމާވާން ނުޖެހޭ ގޮތަށް އޮތްތަނެއް ނުދެކެންދޯއެވެ. މައްސަލައަކީ އެއީ އެފާޑަށް ޕާޕާމެން އަމިއްލަ އެދުމުގައި ފިތުނަ އުފެއްދުމެވެ.
ކަނޑައެޅިގެން އެނގިތިބެ އަދިވެސް ޕާޕާމެން ތިޔަ ދައްކަނީ އޮޅުވާލުމުގެ ފިތުނަވެރި ވާހަކަތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ރައްޔިތުން ކުރެން ހޭވެސް އަހާނުލާ ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭހެއް, ކުރީ ސަރުކާރުން އަޅަން ނިންމި ކަމަށް ބުނެ ޕާޕާ ތިޔަ ހަދަނީ ކޮންހާ ދޮގެއް ހެއްޔެވެ. ޔޫޓީއެފްގައި އިންޑިއާގެ މިލިޓަރީ ބޭހެއް އަޅާކަށް އެއްވެސް އިރަކު ނޫޅެއެވެ. ހަނިމާދޫން އިންޑިއާ ސިފައިންނަށް ބޮޑު ބިމެއް ދޭކަށްވެސް ނޫޅެއެވެ. ޕާޕާމެން ތިޔަހެން މަތި މައްޗަށް ދޮގުހަދައިގެން ވެރިކަން ބަދަލު ކުރުމުން ލިބުނު ކޮޅުކެހި އަދިވެސް ކުޑައީހެއްޔެވެ.
ރައީސް ސޯލިހު ސަރުކާރުން އިންޑިއާގެ މިލިޓަރީ ބޭހެއް އަޅަން އުޅުންނަމަ އެކަން ކުރީހީ ރައްޔިތުންގެ މަޖިލީހުުން ފާސްކޮށްގެންނެވެ. އެކަން ކުރެވޭ ވަރުގެ ބޮޑު މެޖޯރިޓީއެއް އޭރުވެސް ސަރުކާރަށް އޮތެވެ. މަޖިލީހުގެ ރުހުން ހޯދަން ޖެހޭނީ ކުރީ ސަރުކާރުން އިންޑިއާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި އަޅަން އުޅުނު ނަމަތާއެވެ. އެކަމަކު އަދިވެސް ޕާޕާ ތިޔަ ދެކެނީ ޔޫޓީއެފަކީ އިންޑިއާގެ މިލިޓަރީ ބޭހެއްކަމަށެވެ.