ދުނިޔޭގެ ފުޓްބޯޅައިން އިޒްރޭލު ސަސްޕެންޑް ކުރަން ގޮވަނީ!

އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނުން ތާއީދުކުރޭ

ދުނިޔޭގެ ފުޓްބޯޅައިން އިޒްރޭލު ސަސްޕެންޑް ކުރަން ގޮވަނީ!

ގާޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ފީފާގެ ގަވާއިދުތަކާ އިޒްރޭލުން ދަނީ ހިލާފުވަމުންނެވެ. ފީފާގެ ގަވައިދުތަކާ ހިލާފުވެފައިވާތީ ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ހަރަކާތްތަކެއް އިޒްރޭލަށް މަނާކުރަންޖެހޭ ކަމަށް ބައިނަލްއަގްވާމީ ގާނޫނާއި އިންސާނީ ހައްގުތަކުގެ ދާއިރާގައި ތަޖުރިބާކާރު ގާނޫނީ ވަކީލުންގެ މިނިވަން ގާނޫނީ ދިރާސާއަކުން ދައްކައިފިއެވެ.

ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން މެއި މަހު އިޒްރޭލު ސަސްޕެންޑް ކުރުމަށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. ފީފާއިން ވަނީ އެހުށަހެޅުން އަވަސް ގާނޫނީ ވަޒަން ކުރުމަކުން ވަޒަން ކުރުމަށް އަމުރުކޮށްފައެވެ. ޖުލައި މަހު ބޭއްވޭ ކައުންސިލްގެ އާދަޔާ ހިލާފު ބައްދަލުވުމެއްގައި މިކަމާ މެދު މަޝްވަރާ ކުރާނެ ކަމަށް ކައުންސިލުން ވައުދުވެފައިވެއެވެ.

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވެސް ވަނީ ތާއީދުކޮށްފައެވެ. އަދި ޕީއެފްއޭގެ ރައީސް ޖިބްރީލް އަލް-ރަޖޫބް ވިދާޅުވެފައިވަނީ "ފަލަސްތީނުގައި ހިނގަމުންދާ ގަވާއިދާ ހިލާފު އަމަލުތަކާއި ނަސްލު ފޮހެލުމުގެ އަމަލުތަކާ މެދު" ފީފާއަށް އަޅާނުލާ ނުތިބެވޭނެ ކަމަށެވެ. 

ބައިނަލްއަގްވާމީ އަދުލުގެ ކޯޓުގައި އިޒްރޭލުގެ މައްޗަށް ނަސްލު ފޮހެލުމުގެ ދައުވާ ކުރުމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބައިވެރިވި ވަކީލު މެކްސް ޑު ޕްލެސިސް އާއި ސާރާ ޕުޑިފިން-ޖޯންސް އާ ގުޅިގެން މި ދިރާސާ ހަދާފައިވަނީ އިކޯ ނަމަކަށް ކިޔާ އިޖުތިމާއީ އަދުލުވެރިކަމަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްގެ އެދުމަކަށެވެ.