އައިސީޔޫއަށް ލާފަ އަތްޖެހި މީހުން ގާސިމް ހުލި ކުރުމުގައި

ވޯޓުލާން އޮތީ ދެގޮތް: އެމްޑީޕީގެ ތިލަފަތަށް ނޫނީ ޕީޕީއެމްގެ ބަޅު ރުކަށް

އައިސީޔޫއަށް ލާފަ އަތްޖެހި މީހުން ގާސިމް ހުލި ކުރުމުގައި

މަކަރާ ހީލަތާ ވައްކަމަށް ވެސް މޮޅިއްޔާ މޮޅޭ ބުނަން ވާނެއެވެ. ކުރީގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށް މީހަކު ހީވެސް ނުކުރެއެވެ. މީހާގައި އައިބު ކޮރުކަމެއް ހުރެގެންނެއް ނޫނެވެ. ކަމުގެ ދޮގުތެދު އޮތްތަނެއްގައި ބާއްވާށެވެ. އޭރު އޮތް ގޮތަކީ، ލެއްވިހާ ވިޔާނުދާ ކަމެއްގެ ނަމުން ނޫނީ ރައީސް ޔާމީނު ދަންނަ މީހަކު ގައުމުގައި ނެތުމެވެ.  

އެހެން ހުރި މީހަކު ފިރުކެމުން ހޭވެމުން ލޫދެމުން އައިސް ރާއްޖޭގެ ވެރިކަން ހޯދާނީ އެ ގޮތަށް އެކަން ކުރުމަށް ވެސް މީހާގައި ފިސާރި ކުޅަދާނަ ކަމެއް ހުރެ އެހެން މީހުންނަށްވުރެ އެކަމުގައި ތޫނުފިލި ވީމައެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރި ލިސްޓްގެ 100 ވަނައަކީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤަޢްޔޫމެވެ. ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ފައްޓަވާ ކުރިއަށް އެވަޑައިގަންނަވަނީ އާ ފެށުމަކުން 101 އިން ފައްޓަވައިގެންނެވެ.

ތިންބަހުގެ ވަޒަނަށް ނުފެތޭ ދެނަމުން ފުރިހަމަވާ ނަންނަމުގެ ވެރިން ޑިމޮކްރަސީގެ ޙަޔާތުގައި މި ފެނުނީ ފުރިހަމަ ނުވާ ބައި ކުޅަބައި ވެރިންގެ ގޮތުގައެވެ. މުޙަންމަދު ނަޝީދަކާއި މުޙަންމަދު ވަޙީދެކެވެ. ދެން މި އުޅުއްވަނީ އަބަދު އެކަމާ އުޅުއްވާ ދެނަމުގެ ވަޒަނުން ނަން ކިޔޭ ގާސިމް އިބްރާހީމެކެވެ.

ސިޔާސީ ގޮތުން ވިޔަސް ހަމައެއް ލަމައެއްގައި އޮންނަ ދެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެވެ. އެއީ އަކީ ދުވަހަކު ވެސް އެކުވެ ކޯލިޝަން ހަދާ ބައެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އުދަރެހުގެ ދެބިތެވެ. އެއީ އެއްވެވޭނެ އެއްޗެއް ނޫނެވެ. އެއް ވެގެން ރާއްޖެއަށް ރަނގަޅެއް ވެސް ނުވާނެއެވެ.

ސަރުކާރުން ބައި ހޯދަން ކޮންމެ ބަޔަކާ ވެސް ބައިއަތު ހިފާ އުޅޭ މަޝްހޫރު ޕާޓީ އަކީ ގާސިމް އިބްރާހީމްގެ ޖޭޕީއެވެ. ގަބޫލު ކުރާ ވަކި ފަލްސަފާ އެއް ހަމައެއް ލަމައެއް ނެތި އެންމެނާ އިނދެ 3 ފަށްވެ ފަށްކެނޑި ވަރުން ވިޔަޔާދާ މީހަކު ގާތް ނުވާ ހިސާބުގައި އޮތް ޖުމްހޫރީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީއަކީ ފެށުމުގައި ހަމަ ރަނގަޅު ބަޔަކު ބުރަ މަސައްކަތުން އުފައްދާ ހިންގި ޕާޓީ އެކެވެ. އެހެން ނަމަވެސް އެ މީހުން އެއް ފަރާތްކޮށް އެ ޕާޓީގެ މަތިފަޑިއަށް އަރާ އެތިބީ ކޮން ބައެއްކަން މިއަދު ދެކިބަލާށެވެ. އެއީ ރައީސް ޔާމީނުގެ އަރިސް ބޭފުޅުންނެވެ. 2018 ގެ އިންތިޚާބުން ޕީޕީއެމް ބަލިވިތަނާ އައިސް ކުނޫޒަށް ވަދެގަތް ތާޅަވަޅަ ގަނޑެއް ފަދަ ބައެކެވެ. ރައީސް ޔާމީންގެ ކުޅަދާނަ ވިސްނުމުގެ ވާހަކަ ކުރިން ބުނެފީމެވެ. މިބައި މީހުން އައިސް އެ ތިބީ  ރައީސް ޔާމީންގެ ދުރުވިސްނޭ ޙިކުމަތުގެ ދަށުން ނޫންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ޖުމްހޫރީން ރިޔާސީ އިންތިހާބަށް މިފަހަރު ނިކުންނަނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރަން ކަމަށް ޖުމްހޫރީގެ ނައިބު ލީޑަރެއް ކަމަށްވާ އިގުބާލު އާދަމު ބުނެފައި އެބައޮތެވެ. ޖުމްހޫރީ ޕާޓީ ބައިވެރިވެ ބަސްކިޔާ ސަރުކާރަކުން ރާއްޖެ އަޅުވެތި ކުރާކަމަށް ވެގެން ބައިވެރިވާ ސަރުކާރާ ދެކޮޅަށް އެ ވާހަކަ ޖުމްހޫރީ ލީޑަރޝިޕުން ދައްކާ ރައީސް ޔާމީނަށް އިންޑިއާ އައުޓް ކެންޕެއިން ޖުމްހޫރީން ފަށާ ދިނީމާ ޖުމްހޫރީގެ މަތިފަޑި އޮތްގޮތް އެބަ އެނގޭ ނޫން ހެއްޔެވެ.

ގައިމުވެސް އެ މީިހުންނަކީ ސްޓްރެޗަރަކަށް ފަސްތަން ބަނދެ އައިސީޔޫއަށް ގާސިމް ލާ ދަންވަރު ހުކުމް ކުރިއިރު "ހިނިގަޅަން" ތިބި މީހުންނަށް ނުވެއެއް ނުދާނެއެވެ. ކަމަކާ މިނަށްވުރެ ދަހިވެތިވެ ފޫޓަކަށް ދޫނިކުތީމާ އިވޭނެ އަޑެއް ފެންނާނެ އެހެން ތަނެއް ގާސިމެއް ކަމަކު ނޯވެއެވެ. 

އިއްޔެ އިރު އޮއްސެނިކޮށް ކޯލިޝަން ހަދާށޭ ކިޔާ ތިބިއްޔާ ތިބި ބަޔަކަށް ގާސިމް ދައުވަތު ދިނެވެ. ރަތްވިލާ ނުއޮއްސެނީސް ޕީޕީއެމް ނޯ ޖަހަތްޕެވެ. އިރު ކޮޅަކުން ކާނަލް ނާޒިމާއި އުމަރު ނަޞީރު ވެސް އަތުން ފައިން ހޯހޯ ގޮވައިފިއެވެ. ޕާޓީއެއް ވިޔަސް މީހެއް ވިޔަސް ގޮތެއް ހުންނަން ޖެހޭނެއެވެ. 

ނިންމާލަމުން ދިވެހި ރައްޔިތުން ގާތު ބުނަމެވެ. ރައީސް ޔާމީންގެ ޕީޕީއެމްގެ 5 އަހަރު ދެކި، މިހާރު ތިޔަ ދެކެނީ ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙްގެ އެމްޑީޕީ ވެރިކަމުގެ 5 އަހަރެވެ. ރަނގަޅީ އެގޮތްތޯ މިގޮތްތޯ ވިސްނުމަށް ފަހު ގޮސް ވޯޓުލާން އޮތީ ދެގޮތެވެ. އެހެންޏާ ޕީޕީއެމް ކުލައިގެ ބަޅު ރުކަށެވެ. އެގޮތް ކަމުނުދާ މީހުން އެމްޑީޕީގެ ތިލަފަތަށް ވޯޓުލާށެވެ.

ދުނިޔޭގައި އޮންނަނީ ރަނގަޅާ ނުބައެވެ. އައްޔާ އަނދިރިއެވެ. އާޚިރަތުގައި ސުވަރުގެ ނޫނީ ނަރަކައެވެ. ދެފެންދޭތެރެ އަކީ މުނާފިގުން ފަތާތަނެވެ.