ދިވެހި ހައްޖާޖީންގެ ޓެންޓް: ހައްޖުންވެސް ކުރުވީ ވައްކަން

ސައުދީ ފަތުރުވެރި ސިނާއަތަށް ޝަހީމް އެރުވީ ހުތުރު!

ދިވެހި ހައްޖާޖީންގެ ޓެންޓް: ހައްޖުންވެސް ކުރުވީ ވައްކަން

ދުނިޔޭގެ އެންމެ ގަދީމީ ފަތުރުވެރި ކަމަކީ ހައްޖުވުމެވެ. އިބްރާހީމް އަލައިހިއްސަލަމްގެ ޒަމާނުއްސުރެ ދުނިޔޭގެ ކަންކޮޅުތަކުން ހައްޖަށް ދެއެވެ. އެއިރެއްގެ ފެންވަރުން ހައްޖުވެރިންނަށް ރަނގަޅު އިންތިޒާމްތައް ކޮށްދިނުމަކީ އެދުވަސްވަރެއްގައި ހައްޖުގެ ކަންކަމާ ހަވާލުވެ ތިބޭ ބަޔަކު ކުރާކަމެކެވެ. ހައްޖާޖީންނަށް ލުއިފަސޭހަ ވާނެހާ ގޮތްގޮތައް އެއް އަހަރުން އަނެއް އަހަރަށް ކަންކަން ތަރުތީބު ކުރެއެވެ. 

މި ޒަމާނުގައި ހައްޖުގެ ހިދުމަތްތަކަކީ ސައޫދީ އަރައްބިއްޔާގެ މައްކާ - މަދީނާގެ ޓޫރިއޒަމްގެ އެންމެބޮޑު އެއް ހިއްސާއެވެ. ހައްޖުގެ އަޅުކަމުގެ ކަންކަން އިންތިޒާމް ކޮށްދެނީ ސައޫދީ ސަރުކާރުންނެވެ. ހައްޖާ އުމުރާގެ ކަންކަމަށް ހާއްސަ ވުޒާރާއެއްގެ ބެލުމުގެ ދަށުންނެވެ. މިލިޔަނުން ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖާޖީންނަށްޓަކައި ތަރުތީބުން ދުރާލާ އިންތިޒާމް ކުރެއެވެ. ހައްޖަށް މީހުން ފޮނުވާ ގައުމުތަކުން އެދޭ ފެންވަރެއްގައި ކަންކަން ހަމަޖައްސާދެއެވެ. މައްކާއެއް މަދިނާއެއް މިނާއެއް އަރަފާތެއް ކިޔާނެކަމެއް ނެތްތާއެވެ. ހޮޓަލެއް ފޭލިގެއެއް ވެސް ކިޔާނެކަމެއް ނެތެވެ. 

ދީފައިވާ ކޯޓާގެ ދަށުން ހައްޖުވެރިން ފޮނުވާ ގައުމުތަކުން ބޭނުންވާ ފެންވަރެއްގައި ހައްޖާޖީންނަށް ހިދުމަތް ދެވޭނެ އިންތިޒާމް ސައޫދީ ސަރުކާރުން ހަމަޖައްސާދެއެވެ. އެއްޔަކީ މިއަދަކު އިއްޔެއަކު އެކަނި ކުރާކަމެއް ނޫނެވެ. 

ހަގީގަތަކީ މިއީކަމުން މި އަހަރު ރާއްޖޭގެ ހައްޖުވެރިންނާމެދު މުއިއްޒު ސަރުކާރުން އިހުމާލުނުވާނަމަ ދިވެހި ހައްޖުވެރިންގެ ޓެންޓްތަކުގެ ހާލަތު އެހާދަށެއް ނުވީހެވެ. ނިސްބަތުން އެންމެ ބޮޑު ހޭދައެއްކޮށްގެން ހައްޖަށްދާ ބަޔަކަށް މިހާރު ދިވެހިންވާނެއެވެ. ކުރިއާއި ހިލާފަށް ރާއްޖޭން މީހުން ހައްޖަށް ގެންދަނީ ވަކިވަކި ޖަމާއަތްތަކަކުން ނޫނެވެ، ސީދާ ސަރުކާރުގެ ޒިންމާގައެވެ. 

ހައްޖުވެރިން އަތުން ސަރުކާރަށް ނަގާ ފައިސާއަށް ބަލާއިރު ވާން ނުޖެހޭވަރު ދިވެހި ހައްޖުވެރިންނަށް ވެއްޖެއެވެ. މީގެކުރިން ދުވަަހަކު ދިވެހި ހައްޖުންވެރިންނަށް އުފުލަން ނުޖެހޭ ތަކުލީފާއި އުދަނގޫ މިފަހަރު ހައްޖުވެރިން އެބަ އުފުލައެވެ. ޓެންޓްތަކުގެ ތޮއްޖެހުމާއި ފިތިބާރުވުން އެހާބޮޑެވެ. އެކަކު އަނެކަކާ ޖެހިފިތި ބާރުވެފައި ތިބިވަރުން ހަމައިސްކޮޅަށް ދެމިލައިގެން ޓެންޓްތެރޭގައި ނޯވެވެއެވެ. މުސްކުޅިންނާއި ބަލިމީހުން ޓެންޓްތެރޭގައި އުޅެން ޖެހުނީ މީހުންގެ މަތިން ގިރާކުރުމުގެ އުނދަގުލާ ތަކުލީފުގައެވެ. އެހާ ބޮޑަށް ތޮއްޖެހިފައި އޮތް އިރު ފިރިހެނުންގެ ޓެންޓްގައި އޭސީ ވެސް ގިނަފަހަރު ނުޖެހެއެވެ.

ހައްޖުވުމަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަ އަގަށްވުރެ ވެސް ބޮޑުކޮށް ފައިސާ ދައްކައިގެން ދާބައެއްގެ ކަންކަން ހުންނާނީ އެފެންވަރަކު ނޫނެވެ. ރާއްޖޭގެ ހައްޖާޖީންނަށް ލިބުނީ ސައޫދީ އަރަބިޔާއިން ލިބެންވީ ފެންވަރުގެ ހިދުމަތެއްނޫނެވެ. އެއްޔަކީ ސައޫދީ އަރައްބިއްޔާގެ ޓޫރިޒަމް ސިނާއަތުގެ ފެންވަރެއްވެސް ނޫނެވެ.

ދިވެހި ހައްޖާޖީންގެ ޓެންޓް ތަކުގެ ފެންވަރުން އެނގިގެން ދިޔައީ މުއިއްޒު ސަރުކާރުން ހައްޖުން ވައްކަން ކޮށްފައިވާކަމެވެ. ބޮޑު އަގުނަގައިގެން ފައިސާކޮޅު ޝަހީމްމެން ކައްވާލާ ކެތްތެރި ކަމުގެ ފަރުދާގައި ހައްޖާޖީން ޖައްސާ އޮޅުވާލީކަމެވެ.