ދީނީ އީދެއް ފާހަގަކުރަން ދިޔަ 18 މީހުން މަރުވެ 25 މީހުނަށް އަނިޔާވެއްޖެ
ހާދިސާ ހިނގުމަށް މެދުވެރިވީ ގޯޅިތައް ހަނިވުމާއި، ވޮލަންޓިއަރުން މަދުވުމާއި، އެއްފަހަރާ ވަންނަން މަސައްކަތް ކުރުމުން
ކަލްކަތާގެ މަޝްހޫރު ދުރްގާ ޕޫޖާ ފަންޑަލެއްގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި ފިތިބާރުވުމުގެ ހާދިސާއެއްގައި 18 މީހުން މަރުވެ، މަދުވެގެން 25 މީހުންނަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ "ޗޯރްބަގާން ޕޫޖާ ފަންޑަލް" ގައި ކުރި އިއުލާނަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ސަބަބުން ކަމަށް މުއައްސަސާތަކުންނާއި ހާދިސާ ހިނގި ސަރަހައްދަށް ފުރަތަމަ ދިޔަ ފަރާތްތަކުން މައުލޫމާތުދެއެވެ. ވެސްޓް ބެންގާލްގެ އެންމެ ބޮޑު އީދު ބަންދުގެ ތެރޭގައި ހިނގި މި ހިތާމަވެރި ހާދިސާގެ ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން ދަނީ އަދިވެސް އެއްކުރަމުންނެވެ.
އިރުއޮއްސި 7 ޖެހިިއިރާއި 8 ޖެހިއިރާ ދެމެދު މި ހާދިސާ ހިނގުމުގެ ކުރިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ފަންޑަލަށް ވަނުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ކިއޫގައި މަޑުކޮށްގެން ތިއްބެވެ. މި ސަރަހައްދަކީ އެއްފަހަރާ ތިން ހަތަރު މީހުންނަށް ނޫނީ ހިނގާފައި ނުދެވޭ ފަދަ ހަނި ގޯޅިތަކެއް ހިމެނޭ ތަނެކެވެ.
އެ ސަރަހައްދުގެ މީހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ގޯޅިތައް ހަނިވުމާއި، މީހުން ކޮންޓްރޯލް ކުރުމަށް ތިބި ވޮލަންޓިއަރުން މަދުވުމާއި، ވާރޭވެހުމުގެ ސަބަބުން މީހުން އެއްފަހަރާ ފަންޑަލް ތެރެއަށް ވަންނަން މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން، މީހުން ކޮންޓްރޯލް ނުވެއްޖެނަމަ ފަންޑަލް ވެއްޓިދާނެ ކަމަށް ބުނެ ކުރި އިންޒާރުގެ އިއުލާނަކީ ވެސް މި ހާދިސާގެ މައިގަނޑު އެއް ސަބަބު ކަމަށް ތުހުމަތު ކުރެވެއެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުނި ގޮތުގައި، ވޮލަންޓިއަރުންގެ ގޮތުގައި ތިބީ މީހުން ކޮންޓްރޯލް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އެ ސަރަހައްދުގެ ޒުވާނުންނެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އެމްބިއުލާންސެއް ތައްޔާރީ ހާލަތުގައި އޮތް ތަނެއް ނުފެންނަ ކަމަށް ވެސް އެ ސަރަހައްދުގެ މީހުން ބުނެއެވެ.
މަރުވި މީހުންނާއި އަނިޔާވި މީހުން ވަނީ އެ ސަރަހައްދާ ދެ ކިލޯމީޓަރު ދުރުގައި ހުންނަ ކަލްކަތާ މެޑިކަލް ކޮލެޖަށް ގެންގޮސްފައެވެ. އެތައް ބަޔަކު އެމީހުންގެ އާއިލާގެ މެންބަރުންގެ ހަބަރެއް ލިބޭތޯ ހޮސްޕިޓަލް ކައިރީގައި ތިބީ މަޑުކޮށްގެންނެވެ.
ހާދިސާގައި މަރުވި އުމުރުން 26 އަހަރުގެ ސްރީޕަރްނާ ޕޮއްދާރުގެ އާއިލާގެ މީހަކު ކަމަށްވާ ދީޕާ ދޭ ބުނި ގޮތުގައި، ސްރީޕަރްނާއަކީ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެކެވެ. އޭނާ ފަންޑަލަށް ދިޔައީ އޭނާގެ ރައްޓެހިންނާ އެކު އޮފް ދުވަހުގައެވެ. "އިންތިޒާމު ކުރި ފަރާތްތަކުން ކުރީ ކީއްތޯ؟ މިއީ ކިހާ މަގުބޫލު ތަނެއްކަން އެންމެންނަށް ވެސް އެނގޭ، ސަލާމަތީ ކަންކަން ކޮބައިތޯ؟" ދީޕާ ސުވާލު އުފެއްދިއެވެ.
ހޮގްލީއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ކަލްޕަނާ ޔާދަވް ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. އޭނާގެ އާއިލީ ރަހުމަތްތެރިއަކު ބުނި ގޮތުގައި، ކަލްޕަނާ ކަލްކަތާއަށް ދިޔައީ އާއިލާއާ އެކު ފެސްޓިވަލް ބަލާލުމަށެވެ. އޭނާގެ ދަރިން ވަނީ ސަލާމަތްވެފައެވެ.
ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވި ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ވިދާޅުވީ، ފެސްޓިވަލް އިންތިޒާމު ކުރި ފަރާތްތަކާއި އަމިއްލަ ސެކިއުރިޓީ ގާޑުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. "އަޅުގަނޑަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ލައުޑްސްޕީކަރުން ކުރި އިއުލާނަކަށް ފަހު މި ހާދިސާ ހިނގީ. ހޯމް މިނިސްޓަރު އަމިއްލަ ގޮތުން މާދަމާ އަނިޔާވި މީހުންނަށާއި އާއިލާތަކަށް ޒިޔާރަތް ކުރައްވާނެ،" އަދިކާރީ ވިދާޅުވިއެވެ.
މީގެ އިތުރުން، އޭނާ ވަނީ ފެސްޓިވަލް އިންތިޒާމުކުރާ ހުރިހާ ކޮމިޓީތަކަކަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމަށާއި، ވަދެ ނުކުމެ ހެދުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. "މީހުންގެ ފުރާނަ އީދުގެ ކަންކަމަށްވުރެ މާ މުހިންމު،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި ސްޓޭޓް ފެންވަރުގެ ފެކްޓް ފައިންޑިންގ ޕެނަލެއް ވަނީ އެކުލަވާލާފައެވެ. އަދި ފޮރެންސިކް ޓީމުތަކާއި ފަޔަރު ބްރިގޭޑުން ވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތް ކުރާނެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބޮޑުވަޒީރު ވަނީ 2 ލައްކަ ރުޕީސްގެ މާލީ އެހީއެއް އިއުލާނު ކުރައްވާފައެވެ. އަދި އަނިޔާވި ކޮންމެ މީހަކަށް 50,000 ރުޕީސް ދިނުމަށް ވަނީ ނިންމާފައެވެ.
ކުރީގެ ޗީފް މިނިސްޓަރު މަމަޓާ ބެނަޖީ ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ކުރައްވާކަން ހާމަކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް އޭނާގެ ޕާޓީގެ ތަރުޖަމާނު ނިލަންޖަން ދާސް ވިދާޅުވީ، މިއީ ފުލުހުންނާއި މިހާރުގެ އިދާރާގެ އިހުމާލުން ހިނގި ކަމެއް ކަމަށާއި، މިކަމުގެ ޒިންމާ އެފަރާތްތަކުން އުފުލަންޖެހޭނެ ކަމަށެވެ.




